"ފެނަކަ އާއިލީ ޤުރްއާން މުބާރާތް 1443" ނިމި، މުބާރާތުން ވަނަތައް ހާސިލްކޮށްފައިވާ ކުދިންނަށް ތަށްޓާއި އިނާމު ދީފިއެވެ.

ފެނަކަ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވާ މި މުބާރާތް ހަތަރު ޒޯނަކަށް ބަހާލައިގެން ބާއްވާފައިވާއިރު، މި އަހަރުގެ މުބާރާތުގައި އެކި އުމުރުފުރާތަކުން 423 ކުދިން ބައިވެރިވެފައިވާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

ފެނަކަ ޤުރުއާން މުބާރާތް ބަހާލާފައިވާ ޒޯންތައް:

  • ޒޯން 1 (ށ. އަތޮޅާއި ނ. އަތޮޅު)
  • ޒޯން 2 (ގއ. ވިލިނގިލި)
  • ޒޯން 3 (އައްޑޫ ހިތަދޫ)
  • ޒޯން 4 (މާލެ ސަރަހައްދު)

ފެނަކައިން ބުނި ގޮތުގައި މިދިޔަ އަހަރަށް ވުރެ މިއަހަރު ބޭއްވި މުބާރާތުގައި އެއްވަނަ، ދެ ވަނަ، އަދި ތިންވަނައަށް ދާ ކުދިންނަށް ފައިސާގެ ގޮތުގައި ދޭ އިނާމު ބޮޑުކޮށްފައިވާނެ ކަމަށެވެ. އެގޮތުން:

  • މުޅި މުބާރާތުން 1 ވަނަ: 15000ރ
  • މުޅި މުބާރާތުން 2 ވަނަ: 10000ރ
  • މުޅި މުބާރާތުން 3 ވަނަ އަށް 5000ރ

މި މުބާރާތުގައި ބައިވެރިވި ކުދިންގެ ތެރެއިން އެކި އުމުރުފުރާތަކުން 38 ކުދިން ވަނަ ހާސިލްކޮށްފައިވާއިރު، މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ އައިމިނަތު އައިނީ އަހްމަދެވެ. މުޅި މުބާރާތުން 2 ވަނަ ހާސިލްކޮށްފައިވަނީ އައިޝަތު އީކާ މުޖުތަބާ އެވެ. އަދި 3 ވަނަ ހާސިލްކޮށްފައިވަނީ ފާތިމަތު ޝައިފާ މުހައްމަދު ސިޔާމެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދުތަކަކީ ފެނަކައިގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވާ އާލާކޮށް ފެތުރުމުގެ މަސައްކަތް ކުރުން ކަމަށާއި، އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ އާއިލާތަކުގެ މެދުގައި ގުޅުން ބަދަހި ކޮށް އެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށް ފެނަކައިން ބުންޏެވެ.