ސަރުކާރުން ދިން ޔަގީން ކަމާއެކު، އަންނަ މަހުން ފެށިގެން ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.

ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައާ ގުޅިގެން ރަޝިއާ އަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލާފައި އޮންނަތާ މަސް ދުވަހެއް ވެއްޖެއެވެ. އެހެންކަމުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ވަނީ ގޮސްފައެވެ.

ރަޝިއާއިން ޔޫކްރައިނަށް އަރާ ހަމަލާ ބަަދަލުކުރަން ފެށުމާއެކު، އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އެއިރޯފްލޮޓްގެ ދަތުރުތައް ހުއްޓާލުމަށް ފަހު އަލުން ފަށަން ނިންމުމާ ގުޅޭ ގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަނަށް ފޮނުވި ސިޓީއެއްގައި ރަޝިއާގެ ވައިގެ ދަތުރުފަތުރާ ބެހޭ އޮތޯރިޓީން ބުނީ، އަންނަ މަހުގެ 13 އިން ފެށިގެން ދަތުރުތައް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ.

ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން ދިނުމުގެ ކުރިން، ރަޝިއާގެ ބޯޓު ފަހަރަށް ހިދުމަތް ދޭނެ ކަމުގެ ޔަގީން ކަމަށް އެދި ސިޓީއެއް ފޮނުވާފައިވާއިރު، އެ ޔަގީންކަންވެސް ސިވިލް އޭވިއޭޝަނުން ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 20 ގެ ނިޔަލަށް 531،019 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އޭގެ ތެރެއިން ރަޝިއާއިން އައިސްފައިވަނީ 54،624 ފަތުރުވެރިންނެވެ. ރަޝިއާ ޔޫކްރައިން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.