އެންޑްރޮއިޑް އޮޕަރޭޓިންގް ސިސްޓަމް ބޭނުން ކުރާ ސްމާޓް ފޯނުތަކުގައި ކޯލް ރެކޯޑް ކުރުމަށްޓަކާ ތާޑް ޕާޓީ އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށް ގޫގްލްއިން ބަލަމުން ދާ ކަމަށް، ޓެކްނޮލޮޖީ ދުނިޔޭގެ ރިޕޯޓްތަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތާޑް ޕާޓީ މެދުވެރިކޮށް ކޯލް ރެކޯޑް ކުރުމުގެ ހުރަސް ތަންފީޒު ވާން ފަށާނީ މެއި 11 ވަނަ ދުވަހުއެވެ. އެހެންކަމުން، މެއި 11 ވަނަ ދުވަހުން ފަށައިގެން ކޯލް ރެކޯޑް ކުރުމަށް އޮތް ހަމައެކަނި ގޮތަކީ، ބިލްޓް-އިން ކޯލް ރެކޯޑަރެއް ފޯނުގައި އޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

މެއި 11 އަންނަން މަދު ދުވަސްކޮޅަކަށް ވެފައި ވާ އިރު، ގޫގްލްއިން ރަސްމީ ސިފައެއްގައި މިފަދަ ކަމެއް އިއުލާން ކޮށްފައި ނުވާ ކަން ފާހަގަ ކުރަން ޖެހެއެވެ. ނަމަވެސް ޑިވަލޮޕަރުންނަށް މިކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

ގޫގްލްއިން ގެންނަ ބަދަލުގެ ތެރޭގައި އެކްސެސިބިލިޓީ އޭޕީއައިއަށް ހުރަސް އެޅުން ހިމެނެއެވެ. އެކަން ކުރުމުން، ތާޑް ޕާޓީ އެޕްލިކޭޝަންތަކުން ކޯލް ރެކޯޑް ކުރުމުގެ މަސައްކަތް ކުރުން ހުއްޓޭނެއެވެ.