ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އަސާސީ ހައްގުތައް ކަމަށްވާ ހިޔާލު ފާޅުކުރުމާއި އިހްތިޖާޖުކުރުން ފަދަ ހައްގުތައް ހިފަހައްޓައި ނިގުޅައި ގަތުމަކީ ގާނޫނުއަސާސީއާ ހިލާފް އަމަލެއް ކަމަށާއި އެކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝަރުއީ ބޮޑު ހުކުމެއް އަންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފްރަތު އުފައްދަން ހިންގާ ހަރަކާތްތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް އަންގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރަކީ ގާނޫނު އަސާސީ ހިލާފު ގަރާރެއް ކަމަށާއި އެފަދަ ގަރާރެއް ސައްހަ ވާނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ކަމަށް ބައެއް ވަކީލުން އަންނަނީ ވިދާޅުވަމުންނެވެ.

ޖަމީލް ވިދާޅުވީ، ގާނޫނުއަސާސީގެ 299 ވަނަ މާއްދާގެ ދަށުން ގާނޫނުއަސާސީއާ ހިލާފް އެއްވެސް އަމަލެއް ރައީސަކަށް ވެސް ނުކުރެއްވޭނެ ކަމަށާއި 268 ވަނަ މާއްދާ ލާޒިމް ކުރަނީ ގާނޫނުއަސާސީ އަށް ގާނޫނުތައް ތަބާވުން ކަމަށާއި ގާނޫނުއަސާސީގެ ހަތަރުވަނަ ވަނަ މާއްދާއިން ބާރުތަައް އޮތީ ރައްޔިތުންގެ އަތުގަައި ކަމަށެވެ. މީގެ އިތުރުން 115 ވަނަ މާއްދާ އާއި 114 ވަނަ މާއްދާއިން ރައީސްގެ ބާރުތަކާއި ހުވާ ލިބެނީ ގާނޫނުއަސާސީން ކަމަށް ވީ އިރު، 127 ވަނަ މާއްދާގެ ދަށުން ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް މިހާރު ވެސް ކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މި ހާލަތުގައި ދައުވާ ފަސް ކުރެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި، ރައީސްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއްތޯ ކުރެވޭ ބަހުސްގެ ޖަވާބު ވަރަށް ސާފު ކަމަށެވެ.

ޖަމީލްގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް، ޑރ އަހުމަދު ޝަހީދު ވެސް ވަނީ އެ ގަރާރަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާ ވާހަކަ ދެއްކުން ހުއްޓުވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަަވެސް ސްޓޭޓް އޮފް އެމަޖެންސީއެއް ކަނޑަނާޅާ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެ ކަމަށެވެ. މިގޮތަށް ޝަހީދު ވިދާޅުވެފައި ވަނީ އިންޓަނެޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓް (އައިސީސީޕީއާރް) އާ އެކު ވެފައިވާ އެއްބަސްވުމަށް ހަވާލާދެއްވައެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން ހައްގެއް ހަނި ކުރެވޭނީ 3 ޝަރުތެއް ފުރިހަމަ ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ޝަހީދު ފާހަގަ ކުރެއްވީ، ދެއްކުން މަނާ ވާހަކައެއް ނަމަ އެއީ މަނާ ވާހަކައެއް ކަން ސާފުކޮށް އެނގޭ ގޮތަށް ލިޔެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮސްފައި އޮންނަ ގާނޫނެއް އޮންނަން ވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް އޮތުމުން އެ ކަން ފުރިހަމަ ނުވާނެ ކަމަށް އެނާ ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޝަހީދު ފާހަގަ ކުރެއްވީ، ދެއްކުން މަނާ ވާހަކައެއް ކަމަށް ނިންމާނީ އައިސީސީޕީއާރް އެއްބަސްވުމުގެ 19 ވަނަ ބާބުގެ 3 ވަނަ މާއްދާއިން ހުއްދަދޭ މަސްލަހަތެއް ހިމާޔަތް ކުރަން ކަން ކަށަވަރު ކުރުން ކަމަށެވެ. އެގޮތުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަކީ ހުއްދަ ކަމެއް ކަމަށާއި އެހެންކަމުން އެ ކަން ފުރިހަމަ ވާނަމަ އެއީ ކުރަން ރަނގަޅު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ފަހު ކަމެއް ގެ ގޮތުގައި ޝަހީދު ވިދާޅުވީ، ކުރިން ބުނި ދެ ޝަރުތު ނުހިމެނުނު ކަމުގައި ވާ ނަމަ، ކަމެއް ހަނި ކުރެވޭނީ މަސްލަހަތު ރައްކާތެރިކުރަން ކޮންމެހެން ހަނިކުރަން ޖެހޭ ހާލަތް ތަކުގައި ކަމަށާއި އެއީ އެންމެ ކުޑަ މިންވަރު ކަމަށެވެ. އޭގެ މާނައަކީ އިންޑިއާއާ އެކު އޮންނަ ގުޅުން ބަދަހި ކުރެވޭނެ އެހެން ގޮތް ގޮތް އޮތް ހާ ހިނދަކު އިންޑިއާ އައުޓް ގޮވުން މަނާ ކުރުވުމަކީ ރަނގަޅު ގޮތެއް ނޫން ކަަމަށެވެ. ހާރިޖިއްޔާ އިން ގޮތް ހުސްވެއްޖެ ކަމަށް ސަރުކާރުން ސިފަ ކުރުމަކީ ފޮރިން މިނިސްޓްރީއަށް ކުރެވޭ ބޭއިންސާފެއް ކަމަށާއި އަދި އެއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ޝަހީދު ސިފަކުރައްވާފައެވެ.