"އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް"ގެ ދަށުން، އެ ސިޓީން 194 ހެކްޓަރުގެ ބިން ހިއްކަން ތައްޔާރު ކަމަށް، ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު ހަވާލުކޮށްފައިވާ ވޭން އޫޑް ކުންފުނިން ބުނެފިއެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސްގެ ވޭން އޫޑާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 27 ގައެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނީ، އެ މަޝްރޫއުގެ ދަށުން، އައްޑޫ ސިޓީ ވިޔަފާރި ހަބަކަށް ހަދައި، ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގެ އިތުރުން، އެކި އަވަށްތައް ހިއްކަން ހަމަޖެހިފައިވާ ކަމަށާއި، އެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށް ދާ ކަމަށެވެ

އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫގެ ދަށުން ހިތަދޫ، މަރަދޫ އަދި މަރަދޫ-ފޭދޫއަށް ބިން އިތުރުކުރުމާއި އަދި އައްޑޫ ސިޓީގެ ފަޅުތެރެއިން ފަތުރުވެރިކަމަށް ދެ ރަށް އިތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން، އެ މަޝްރޫއުގެ ދަށުން އައްޑޫގެ އަވަށްތަކުގެ ގޮނދުދޮށް ހިމާޔަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުގެ މަސައްކަތްތައް ދޮޅު އަހަރު ތެރޭ ނިންމާލަން ޖެހެއެވެ.