އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާގެ މަގުން ޖުމްލަ 28 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން އެހެން ނިންމައިފާ ވަނީ މޫނުމަތީ އަގު ކަމަށްވާ ފަސް ލާރީގެ ކޮންމެ ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 28.1 މިލިއަން ރުފިޔާ ބެހުމަށެވެ.

މި މަހުގެ 18 ގެ ނިޔަލަށް އެމްޓީސީސީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ހިއްސާގެ ފައިސާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު 224 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު 2020 ވަނަ އަހަރު ލިބުނީ 190.69 މިލިއަން ރުފިޔާއެވެ. އަދި އެ ކުންފުނިން ވަނީ މި އަހަރު 300 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށް އަންޒާދާކޮށްފައެވެ.

އެމްޓީސީސީއިން މިދިޔަ 2020 ލިބުނު ފައިދާއިން ހިއްސާއަކަށް ބެހައިފާ ވަނީ 3 ރުފިޔާއެވެ.