ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމުގެ ނަމުގައި ލޮކްޑައުން ކޮށްފައި ވާ ޗައިނާގެ ވިޔަފާރި މަރުކަޒީ ހަބް، ޝަންހާއީގައި އަދިވެސް ކޭސް އިތުރު ވަމުން ދާ ދިއުމާ ގުޅިގެން، ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް، ކަމާ ބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

ލޮކްޑައުންގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބަލި ޖެހިފައިވާ މީހުން ގެއިން ބޭރަށް ނުނިކުންނާނެ ކަން ކަށަވަރު ކުރުމުގެ ގޮތުން ދޮރުތަކުގައި އިލެކްޓްރޯނިކް ތަޅު ހަރުކުރުމާއި، މީހުން ގެތަކުން ނެރެގެން ގެތަށް ޑިސް އިންފެކްޓް ކުރުން ފަދަ ކަންކަން ހިމެނެއެވެ. ނެގެޓިވް ނަތީޖާ ލިބިފައި މީހުންގެ މައްޗަށްވެސް މިކަން ހިނގާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ނިމިގެން ދިޔަ ހަފުތާ ތެރޭގައި އެކަނިވެސް އެތައް ސަތޭކަ ބަޔަކު ވަނީ މަޖުބޫރުން ގެތަކުން ނެރެފައެވެ. އެކަން ކޮށްފައި ވަނީ އިމާރާތްތައް ޑިސްއިންފެކްޓް ކުރުމަށެވެ.

ޝަންހާއީގެ އޮފިޝަލުން ވިދާޅުވީ ބަލިޖެހިފައި ވާ މީހުންނާއި އެމީހުންގެ ކޮންޓެކްޓުން، ސަރުކަރުން ހިންގާ ކަރަންޓީނު މަރުކަޒުތަކަށް ބަދަލު ކުރާނެ ކަމަށެވެ.

ޒީރޯ ކޮވިޑް ސިޔާސަތުގެ އިމްތިހާނީ މަރުކަޒަކަށް ވެފައި ވާ ޝަންހާއީ ލޮކްޑައުން ކޮށްގެން އުޅޭތާ މިހާރު މިއީ ގާތްގަނޑަކަށް 5 ވަނަ ހަފުތާއެވެ. ނަމަވެސް ބަލިމަޑުކަން ކޮންޓްރޯލް ވާތީއެއް އަދި ނުފެންނަތާ، ބަލިމަޑުކަން ގަދަވަމުން ދާކަން ފާހަގަ ކުރަން ޖެހެއެވެ.

ލޮކްޑައުންގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ހިދުމަތްތަކަށްވެސް ވަނީ އިންތިހާއަށް ބުރޫއަރާފައެވެ. ކާބޯތަކެތި ލިބުމުގައިވެސް ދަތިތަކާ ކުރިމަތިވެފައި ވާއިރު، ސަރުކާރުން ގާއިމު ކޮށްފައި ވާ ނިޒާމުތަކަށްވެސް އެންމެ ފުރިހަމައަކަށް އޮޕަރޭޓެއް ނުކުރެވެއެވެ.

ޝަންހާއީގައި އެންމެ ފަހުން ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރި، ގަދަވާން ފެށީ މާޗް މަހުގެ ފަހުކޮޅުގައެވެ. ޝަންހާއީއިން ކޮވިޑްގެ 4 ލައްކައަށް ވުރެ ގިނަ ކޭސް ފެނިފައި ވާ އިރު މަރުގެ 36 ކޭހެއް ވަނީ މިހާތަނަށް ރެކޯޑް ކޮށްފައެވެ.