އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ނެރުމުން ނުވި ނުރައްކާ މިއަދު ވެއްޖެ ކަމަށް ބުނުމުން "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަށް ފާޑު ކީ ކަމަށް ނިންމާ އަރަބިއްޔާ ސްކޫލުގެ ޓީޗަރަކު އެޑިއުކޭޝަން މިނިސްޓްރީން މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއި ކުރައްވައި ޒަމްޒަމް ފާރިޝްއަށް ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި ދައުރާއި ޒިންމާތަކާ ހިލާފުކަމެއް ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރި ވެވިފައި ވާކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.
އެ މައްސަލައިގައި ޒަމްޒަމް ސަސްޕެންޑުކޮށްފައިވަނީ 30 ދުވަހަށެވެ. އޭނާ އަރަބިއްޔާ ސްކޫލުގައި އަދާކުރައްވަނީ ހަދީޘް މުދައްރިސެއްގެ ވަޒީފާއެވެ.
ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓުގައި ބުނީ އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ލިޔުމުން ވެސް ގައުމީ ސަލާމަތަށް ނުވި ނުރައްކަލެއް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ދަމާ ބެނާ އަކުން ވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
ޒަމްޒަމްގެ އިތުރުން ވެސް ގިނަ ބަޔަކު އަންނަނީ ރައީސް މިއަދު ނެރުއްވި ގަރާރަށް ފާޑުކިޔަމުންނެވެ.
'އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން' ގެ ނަމުގައި އިއްޔެ ރައީސް ނެރުއްވި ގަރާރުގައި، އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތް ތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ކަނޑައަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވިއެވެ.
ސާބަހޭ ކޯންޗެއްތަ ޝޭހު ކިޔެވީ.. ޝޭހައް ނުވިސްނުނު ބޮޑެތި ފިތުނަތަކައް އަނގަ ބޭނޭއިރުވެސް.. ޝޭހުމެން މާމޮޅޭ އިމާމު އަޙްމަދު މެންނައް ވުރެވެސް.. ތިޔައްވުރެ މާރަނގަޅުވާނެ ރަންގަޅަށް ވޮލިޓިކަލް ދާއިރާޔައް ވަނީޔާ ތިޔަހެން ދުރުދުރުން ނުހޭކި..