އެމްޓީސީސީއާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ދެމެދު މެމޮރެންޑަމް އޮފް އަންޑާސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމެވެ.

އެ އެމްއޯޔޫގެ މަގުސަދަކީ "މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެފަރާތްތަކަށް ފަހިކޮށްދިނުމެވެ.

އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، ޕްރޮގްރާމަށް ޝަރުތުހަމަވާ ގޮތުގެ މަތީން ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި އެމްއޯޔޫގެ ދަށުން އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރީއާއި އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯޓެއް ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވޭނެ ކަމަށެވެ. އަދި އެ އެމްއޯޔޫގެ މުއްދަތު ދެމި އޮންނާނީ މި އަހަަރުގެ ނިޔަލަށް ކަމަށާއި އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ފަރާތްތަކަށް ސެޓްފިކެޓެއް ދެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީގެ އުއްމީދަކީ އެ ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަކީ ހުނަރުވެރި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ގާބިލުބަޔަކަށް ވެގެން ދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ.