ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ކެމްޕެއިންގެ ދަށުން އެ ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމައިފާ ހުރި ބެނާ ކޯޓު އަމުރުގެ ދަށުން ފުލުހުން ނަގައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން މާލޭގެ ބޮޑެތި އިމާރާތްތަކުގައި އެ ކެމްޕެއިން ބެނާތައް ދެމުމުގެ މަސައްކަތް އިދިކޮޅުން ވަނީ ފަށައިފާވާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާއެއް މިދިޔަ އަންގާރަ ދުވަހު ވަނީ ނަގައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރުގެ ދަށުން ޕީޕީއެމް އޮފީހުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާވެސް ފުލުހުން ވަނީ ނަގާފައެވެ. މީގެ އިތުރުން ބެނާ ދަމާފައިވާ އެހެން ގެ ތަކުގެ ވެރިންނަށްވެސް ނަގަން އަންގައިފާވެއެވެ.

މީގެ އިތުރުން މި މައްސަލައިގާ ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރޭ ފަތިހު މާލެއަށް ބަންގި ގޮވިތާ ދެ މިނެޓު ފަހުން ގާޒީ މިސްބާހު ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ "އިންޑިއާ އައުޓް" ޖަހާ ބެނާ ދަމާފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވުމާއި ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަންގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށްވެސް ގެއްލުން ވެދާނެ ކަމެއް ކަމަށެވެ.

އިއްޔެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތައް ދެމުމަކީ ގާނޫނުލް އުގޫބާތާއި ހިލާފު ކަމެއް ކަމަށާއި ފުލުހުން ވަގުތުން ވަގުތަށް އެ ތަކެތި ނަގަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

މިއަދު ރައީސް ވަނީ 'އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން' ގެ ނަމުގައި ގާރާރެއްވެސް ނެރުއްވާފައެވެ. އެ ގަރާރުގައި ވާ ގޮތުން އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތް ތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ކަނޑައަޅާފައިވެއެވެ. އަދި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވަނީ ވިދާޅުވެފައެވެ.