ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ކަޅުތުއްކަލާކޮށީގެ ފެހިމައިދާނުގައި މިއަދު ހެނދުނު 6 ޖެހި އިރު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއެވެ.
އެމްއެންޑީއެފުން ބުނީ، މި ރަސްމިއްޔާތުގައި ދިދަ ޕޯސްޓަށް ދިވެހިރާއްޖޭގެ ގައުމީ ދިދައާއި ސިފައިންގެ ދިދަ ނަގާފައި ވަނީ ދިދަބިސީން ކަމަށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރު އިއުލާނު ކޮށްދެއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިގޮތުން ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރަކީ "ގައުމުގެ އަމާންކަން – ސިފައިންގެ އަމާޒު" ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ، މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުން އަދި އެހެނިހެން ރޭންކުތަކެއްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވާ ކަމަށެވެ.
130 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުކުރެވިފައިވާ އޭރިއާ ކޮމާންޑްތަކުގައި ވެސް ދިދަ ނެގުން ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ސިފައިންގެ ހިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގައެވެ.