އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާތަކުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން، އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ދުނިޔޭގެ މަޝްހޫރު ކެމެރާ ކުންފުންޏެއް ކަމަށްވާ ސްނެޕްޗެޓް އާ އެކު ޕާޓްނާޝިޕް އިއުލާން ކޮށްފިއެވެ.

އުރީދޫން ބުނީ، މި ޕާޓްނަޝިޕްގެ ދަށުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ސަގާފަތް އިޝްތިހާރު ކުރުމަށް ސްނެޕްޗެޓް ލެންސް އަދި ރާއްޖެއަށް ހާއްސަ ޖިއޯފިލްޓަރެއް ވަނީ ތައާރަފްކޮށްފައި ކަމަށެވެ. އުރީދޫން މި ފިލްޓާ އަދި ލެންސް ލޯންޗްކޮށްފައި ވަނީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އުރީދޫން ހިންގާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ވެސް ގުޅިގެންނެވެ.

"މި ޕާޓްނަރޝިޕްގެ މަޤްޞަދަކީ ކަސްޓަމަރުންނަށް އީޖާދީ ތަޖުރިބާތައް ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ރައްޔިތުންނާއި ވިޔަފާރިތަށް އޭއާރް ޓެކްނޮލޮޖީ އަށް އަހުލުވެރި ކުރުވާ، މި ޓެކްނޮލޮޖީގެ ފުރިހަމަ މަންފާ ހޯދުމަށް ހިތްވަރު ދިނުން. ސްނެޕްޗެޓްގެ ކުރިއަރާފައިވާ ޕްލެޓްފޯމް އަދި ޓޫލްސްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް އަޅުގަނޑުމެން މިއަދު މި އިފްތިތާހު ކުރި އައު އޭއާރް ލެންސާއި ޖިއޯފިލްޓާ ފަދަ ގޮތްގޮތުން އަޅުގަނޑުމެންގެ ރީތި ގައުމު ދުނިޔޭގެ މުޖުތަމައުތަކަށް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރެވޭނެ."
އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު ހަސަން އަލް-ހަމާދީ

ސްނެޕްޗެޓާއެކު އުރީދޫ ހެދި ޕާޓްނާޝިޕްގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އީޖާދީ ކޮންޓެންޓް ތައްޔާރު ކުރުމުގެ ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިފަދަ އިންޓަނޭޝަނަލް ޕާޓްނާޝިޕްތައް މެދުވެރިކޮށް، ތަފާތު އީޖާދީ ޑިޖިޓަލް އުފެއްދުންތަކާއި ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ވެސް އުރީދޫ މޯލްޑިވްސް އިން ދެއެވެ.

ސްނެޕްޗެޓްއަކީ އާއިލާ އާއި ރައްޓެހިންނާ ޑިޖިޓަލްކޮށް ގުޅުން ބަދަހިކޮށްލުމަށް މަޖާ ޕްލެޓްފޯމެކެވެ. އޭއާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މަޖާ އަދި ހިތްގައިމް ފިލްޓާ އަދި ފްރޭމްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މަގުބޫލު އެއްޗެކެވެ. އެހެންކަމުން ސްނެޕްޗެޓްގެ މަޖާ އާއި ބޭނުންތެރިކަން ތަޖުރިބާކޮށްލުމަށް، އުރީދޫން ވަނީ ކޮންމެ ދުވަހަކަށް، ހަފްތާއަކަށް، އަދި މުޅި މަހަށް ހާއްސަ ސްނެޕްޗެޓް ޑޭޓާ ޕެކްތަކެއް ވެސް ތައާރަފް ކޮށްފައެވެ.

މީގެ އިތުރުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް 2ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭ 3 މަސް ދުވަހުގެ ޕްރޮމޯޝަންއެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް *929*1# އަށް ގުޅައިގެން ނުވަތަ "އެސްއެންޕީއެފް" ޖަހާފަ 5555 އަށް އެސްއެމްއެސް އެއް ފޮނުވާލުމުން އެކްޓިވޭޓް ވެގެންދާނެއެވެ.

އުރީދޫގެ އިސްތިހާރެއް
"އަޅުގަނޑުމެންގެ ކުންފުނި، އަދި އަޅުގަނޑުމެންގެ އެޕް ގެ ހާއްސަކަމަކީ އަކީ އޭއާރް އަދި ކެމެރާ. އަޅުގަނޑުމެން ގަބޫލް ކުރާގޮތުގައި މި ޓެކްނޮލޮޖީ ގެ ސަބަބުން ދިރިއުޅުން ކުރިއެރުވުމަށާއި، ދަސްކުރުމާއި، އެކްސްޕްލޯކުރުމާއި، ވިޔަފާރި ކުރުމާއި، އާޓް ހެދުމާއި، މިނޫންވެސް އެތައް ކަމެއް ކުރުމަށް ހީވެސް ނުކުރާފަދަ ކަންތައްތަކެއް ކުރެވިދާނެ. ސްނެޕްގައި އަޅުގަނޑުމެންގެ ވިސްނުމަކީ އޭއާރް އަކީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭހާ ފަސޭހަ، ބޭނުންތެރި އަދި ޕްރެކްޓިކަލް އެއްޗަކަށް ހެދުން. އުރީދޫއާއެކު މި ގާއިމް ކުރެވުނު ޕަރޓްނަރޝިޕްއާއި އެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ކަމެއް ގެނައުނަށް އުއްމީދު ކުރަން."
ސްނެޕްޗެޓްގެ ގްލޯބަލް ކެރިއާ ޕާޓްނާޝިޕްސް މެނޭޖަރު، ބަޝީރުލް ބޯމެޑައިން

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރާ އިރު، އަލަށް ތައާރަފް ކުރި ފިލްޓާ އަދި ފްރޭމް ވެގެން ދާނީ ރާއްޖެއާއި ރާއްޖޭގެ ސަގާފަތް އިޝްތިހާރު ކުރުމަށް ލިބޭ އިތުރު ފުރިހަމަކަމެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ. "ހެލޯ ފްރޮމް ދަ ސަނީސައިޑް" ޖިއޯފިލްޓާ ފަރުމާކޮށްފައި ވަނީ ކަދުރު ރުއްތަކާއި ހުދު ކުލައިގެ ވެލި ގޮނޑުދޮށްތައް ފަދަ ގުދުރަތީ ރީތިކަން ދައްކުވައިދޭ އެލެމެންޓްތައް ހިމަނައިގެން ކަމަށްވާ އިރު، ރާއްޖެއަށް ހާއްސަކޮށްފައިވާ އާ އޭއާރް ލެންސްގައި ދައްކުވައި ދެނީ ރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ ތަފާތު ސަގާފީ ފޭރާމެވެ.

އޭއާރް ބޭނުންކުރާ މިންވަރު މުޅި ދުނިޔޭގައި ވެސް އިތުރުވަމުން ދާއިރު، ސްނެޕްޗެޓް ގެ ޑޭޓާއަށް ބަލާއިން 6 ބިލިއަނަށް ވުރެ ގިނަ އޭއާރް ލެންސް ބޭނުން ކުރާ ސެންޕްޗެޓަރުން އެބަ ތިއްބެވެ. އަދި ދުވާލަކު 200 މިލިއަނަށް ވުރެ ގިނަ މީހުން އޭއާރް އާ އެކު މުއާމަލާތް ކުރެއެވެ.