އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެންމެ އުތުރުގައި ކުރިއަށް ގެންދިޔަ ހައިޑްރޯގްރަފިކް ސާވޭއަށް ފަހު ތައްޔާރުކުރި ނެވިގޭޝަނަލް ޗާޓުތައް ވިއްކާލައިގެން ރޯޔަލްޓީގެ ގޮތުގައި 8،278 ޑޮލަރު ރާއްޖެއަށް ދީފިއެވެ
ބަންޑާރަކޮށީގަައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ އިގްތިސޯދާއި ސަލާމަތީ ބައެއް މައުލޫމާތު ހިމެނޭ އެ ޗާޓުތައް ވިއްކައިގެން ރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ރަމްޒީ ޗެކު ޑިފެންސް މިނިސްޓްރީ އާ ހަވާލުކޮށްފައިވާއިރު، މިނިސްޓްރީގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.
ނަމަވެސް، އޭރު ފައިސާގެ އަދަދެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. އެމްއެންޑީއެފްގެ މީޑިއާ ތަރުޖަމާނު މިރޭ ވިދާޅުވި ގޮތުގައި ހައިޑްރޯގްރަފީ ޗާޓުތައް ވިއްކައިގެން ރާއްޖެއަށް ލިބުނީ 8،278 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 127،646 ރުފިޔާއެވެ.
އެމްއެންޑީއެފުން ބުނީ، ހައިޑްރޯގްރަފިކް ސާވޭއަކީ ރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އިލެކްޓްރޯނިކް ޗާޓުތައް އަދާހަމަކޮށް، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސާވޭއެއް ކަމަށެވެ. ހަމަ އެއާއެކު ރާއްޖެއަކީ 99.7 ޕަސެންޓު ކަނޑު ހިމެނޭ ގައުމަކަށް ވުމުން، އެ ސާވޭގެ އަލީގައި ހަދާ ޗާޓުތަކާ އެކު ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ކަނޑުތަކުގައި ހިނގާ ހާދިސާތައް މަދުކުރެވި، އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރެވިގެން ދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖެއާއި އިންޑިއާ އާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 8 ޖޫން 2019 ގައެވެ. މި އަހަރުގެ ޖެނުއަރީ މަހު އެ އެއްބަސްވުމުގެ ދަށުން އެމްއެންޑީއެފްގެ ތެރޭގައި ވަނީ ހައިޑްރޯގްރަފީ ސާވިސް އިދާރާއެއް އުފައްދާފައެވެ.