2020 ވަނަ އަހަރު މީރާއަށް ރިސޯޓު ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 17 ބިލިއަން ރުފިޔާއަށް އަރައިފިއެވެ

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މީރާގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރުން ފެށިގެން މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު 22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

ނުދައްކާ ފައިސާގެ ތެރެއިން އެންމެ ގިނައިން ނުދައްކާ ހުރީ ރިސޯޓު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާ ކަމަށްވާއިރު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ މީރާއަށް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ، ޓީޖީއެސްޓީގެ ގޮތުގައި 642 މިލިއަން ރުފިޔާ ވެސް މީރާއަށް ލިބިފައެއް ނުވެއެވެ.

ރިސޯޓު ކުއްޔާ ގުޅޭ ގިނަ އަދަދެއްގެ ފައިސާ މީރާއަށް ނުލިބި ވަނީ ރިސޯޓު ތަރައްގީކުރުމަށް ދޭ މުއްދަތުގައި ރަށް ތަރައްގީކޮށް ނުނިންމުނު ނަމަވެސް އެ މުއްދަތު ހަމަވުމުން ކުލި ހިނގަން ފަށާ ގޮތަށް ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުންތައް ހަދާފައި ހުންނާތީއެވެ. އެ ފައިސާ ހޯދުމަށް މިހާރު އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި މިކަން ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މީރާއަށް އަންގާފައިވާނެ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.