ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. މާފުށީގައި ފޮތް ކިއުމަށް މަޑުކޮށްލާނެ ހާއްސަ ތަނެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ 'ފޮތް ގުންޒަރު'ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ނިއު ސްޓާ ސްޕޯޓްސް ކްލަބުން ކަމަށެވެ.

މިއީ މާފުށީގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތައް މަޑުކޮށްލާނެ ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށާއި މިތަނުގައި މަޑުކޮށްލާ ވަގުތަކީ ފައިދާހުރި ވަގުތުކޮޅަކަށް ހެދުމުގެ މަގުސަދުގައި ހިންގި ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ރަށުގެ ބަނދަރު ސަރަހައްދުގައި ގާއިމްކުރެވިފައިވާ މި ފޮތް ގުންޒަރުގައި އެކި އުމުރު ފުރާތަކަށް ހާއްސަ ފޮތް އެކުލެވޭ ކަމަށެވެ. އަދި ބޭރުގައި ބެންޗް ބަހައްޓައި އަދި އިންޑޯ ބައިގައި ބީން ބޭގް ވެސް ބަހައްޓާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ފޮތް ގުންޒަރަކީ ރަށުގެ ރައްޔިތުންނާއި ފަތުރުވެރިން ހިތްފަސޭހަ މާހައުލެއްގައި ދިމާވެ ފޮތްކިޔާލުމަށް ރަނގަޅު ތަނެއް. ޖާގައެއް ނެތުމުގެ ސަބަބުން އާންމު ގޮތެއްގައި މި ޖެހެނީ ބަނދަރު މަތީގައި ހުންނަ ކެފޭ އެއްގައި މަޑުކޮށްލަން. މި ތަނުގައި އެކި އުމުރުފުރާތަކާ ގުޅޭ އެކަށީގެންވާ އަދަދެއްގެ ފޮތް ހުރުމާއެކު މި ތަނުގައި މަޑުކޮށްލާ ވަގުތަކީވެސް މައުލޫމާތު މުއްސަނދިވެ، ހިތް ފަސޭހަ ވަގުތުކޮޅަކަށް ވެގެން ދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން.
ނިއު ސްޓާ ސްޕޯޓްސް ކްލަބް

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން މިހާތަނަށް 65 ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކ. އަތޮޅުގެ 3 ރަށަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެބޭނުންކުން ވަނީ ބުނެފައެވެ. މި ރަށްތަކަކީ ގާފަރު، ކާށިދޫ އަދި މާފުއްޓެވެ.