އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި ހައިޑްރޯގްރަފީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރަފިކް ސާވޭގައި ހަރަކާތްތެރިވުމަށްޓަކައި އިންޑިއާ ނޭވީގެ އުޅަނދެއް މިއަދު އަތުވެއްޖެއެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ސާވޭ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 21 އިން ފެށިގެން އަންނަ މޭ މަހުގެ 15 އަށް ހދ. އަތޮޅުން ފެށިގެން ނ. އަތޮޅާ ހަމައަށެވެ. އެ ސާވޭގެ ތެރެއިން މިދިޔަ އަހަރު ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް ދިރާސާކޮށްފައިވެއެވެ.

އެ ބޯޓު ރާއްޖެ އައުމަށްފަހު، ދިރާސާކުރާ ޓީމުން ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް އިބްރާހީމް ހިލްމީ އާ ބައްދަލުކޮށް، ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ އިސް އޮފިސަރުންނާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ސާވޭއަކީ ރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އިލެކްޓްރޯނިކް ޗާޓުތައް އަދާހަމަކޮށް، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސާވޭއެކެވެ. އެ ސާވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ކަނޑުތަކުގައި ހިނގާ ހާދިސާތައް މަދުކުރެވި، އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރެވިގެން ދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 8 ޖޫން 2019 ގައެވެ. މި އަހަރުގެ ޖެނުއަރީ މަހު އެ އެއްބަސްވުމުގެ ދަށުން އެމްއެންޑީއެފްގެ ތެރޭގައި ވަނީ ހައިޑްރޯގްރަފީ ސާވިސް އިދާރާއެއް އުފައްދާފައެވެ.