އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
އިންޑިއާ ސަރުކާރުގެ 8 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގާ މި ޕްރޮޖެކްޓްގައި ނ. މަނަދޫގައި ބައިނަލްއަގްވާމީ ސްޓޭންޑަޑަށް ފެތޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ދާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުގެ ބެލުމުގެ ދަށުންނެވެ.
މި ޕްރޮޖެކްޓްތަކަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން، ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފަ އެވެ. އިންޑިއާއަކީ މިހާރު ރާއްޖެ އަށް އެންމެ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ގައުމެވެ. އެގޮތުން މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެންމެ ބިޔަ މަޝްރުއު ކަމަށްވާ ތިލަމާލެ ބްރިްޖކަީ ވެސް އިންޑިއާގެ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މީގެ އިތުރުންވެސް ރަށްރަށް ތަރައްގީ ގެނައުމަށް ވެސް ގިން ޕްރޮޖެކްޓްތައް އިންޑިއާގެ އެހީގެ ދަށުން އަންނަނީ ކުރަމުންނެވެ.
ތީ މަނަދޫގެ ފޮޓޯއެއް ނޫން ފަހަރެއްގަ ފުނަދުއަށް ވެދާނެ