މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތް ކަމަށްވާ މާއްކާގެ ހަރަމްފުޅާއި މަދީނާގެ މިސްކިތް ފުޅާކޮށް ފަރުމާކުރަން އެންމެ ފުރަތަމަ ހާވަލުކުރީ މިސްރުގެ އިންޖިނިއަރެއް ކަމަށްވާ ޑރ. މުހައްމަދު ކަމާލް އިސްމާއީލާއެވެ.

1908 ގައި ދުނިޔެއަށް އުފަންވީ ޑރ. މުހައްމަދު ކަމާލަކީ ޅައުމުރުގައި ވެސް އާދަޔާ ހިލާފް ހުނަރެއް ދެއްކި ޒުވާނެކެވެ. މިގޮތުން، އޭނާއަކީ މިސްރުގައި އެންމެ ޒުވާން އުމުރުގައި ސާނަވީ ތައުލީމް ނިންމާ ސެޓްފިކެޓް ހާސިލްކުރި ދަރިވަރުގެ އިތުރުން އޭނާއަކީ އެންމެ ޅައުމުރުގައި ރޯޔަލް ސްކޫލް އޮފް އިންޖިއަރިން އަށް ވަދެ އެތަނުން ދަސްވެނިވި ދަރިވަރުވެސް މެއެވެ.

މީގެ އިތުރުން ޑރ. ކަމާލް މުހަމައްދަކީ އިސްލާމިކް އާކިޓެކްޗާއާ ބެހޭ ގޮތުން ޕީއެޗްޑީ ނަގަން ޔޫރަޕަށް ދިއުމުގެ ފުރުސަތު ލިބުނު މިސްރުގެ އެންމެ ހަގު ދަރިވަރެވެ. ކިޔަވާ ނިމިގެން އެނބުރި މިސްރަށް އައިސް ޑރ. ކަމާލް މުހައްމަދު ވަނީ އޭރު ބޭރުގެ އިންޖިނިއަރުން މިސްރުގައި ކުރަމުން ދިޔަ މަސައްކަތްތަކާ ހަވާލުވެފައެވެ. މިކަމުގެ ސަބަބުން އޭނާއަށް ގިނަ ޝަރަފުތައް ލިބިގެން ދިޔަ އިރު އޭނާވީ މުސްލިމްގެ މުގައްދަސް ދެ މިސްކިތް ބޮޑުކުރުމަށް ފުރަތަމަ ހިންގި ޕްރޮޖެކްޓްގެ އިންޖިނިއަރަށެވެ.

ޑރ. ކަމާލްގެ މަސައްކަތްތައް އެއްވެސް އުޖޫރައެއް ބޭނުމެއް ނުވި

ހަރަމްފުޅު ބޮޑުކުރުމަށް އޭނާ ކުރެހި ޑޒައިން ބޭނުން ކުރި އިރު އެ މަސައްކަތް ސުޕަވައިޒް ކުރީ ވެސް ޑރ. ކަމާލެވެ. އެމަސައްކަތަށް އޭނާއަށް އެތަށް މިލިއަން ޑޮލަރެއް ލިބުނު ނަމަވެސް އޭގެ ތެރެއިން އެއްވެސް ފައިސާއެއްގައި ހިފުމަށް ޑރ. ކަމާލު ދެކޮޅު ހެދިއެވެ. އަދި އޭނާ ބުނިކަމަށް ވެއެވެ.

"ދެ ހަރަމްގައި އަހަރެން ކުރި މަސައްކަތަށް ފައިސާ ގަބޫލުކުރާން ވީ ކީއްވެ ހެއްޔެވެ؟ އޭރުން އެންމެ ފަހު ދުވަހުން އަހަރެން ހެއްދެވި ރަސްކަލާނގެއާ އަހަރެން ބައްދަލުކުރާނީ ކިހިނެއް ހެއްޔެވެ؟"

މައްކާގައި ހުންނަ މަސްޖިދުލް ހަރަމް/ފޮޓޯ: ވެލްކަމް ސައުދީ

މަދީނާ މިސްކިތަށް ބޭނުންވި ސަންގުމަރުމަރުގެ ވާހަކަ

ހަރަމްފުޅަށް ޑރ. ކަމާލް ގެނައި އެއްބަދަލަކީ ގެފުޅު ވަށައިގެން ތޮވާފް ކުރަން އޮންނަ ބިންމަތީގައި ސަންގްމަރުމަރުގެ ޓައިލް ޖެހުމެވެ. ސަންގްމަރުމަރަކީ ހޫނުވުން ކުޑަކުރާ އެއްޗަކަށްވާ އިރު މިކަމަށް ބޭނުންވާ ސަންގުމަރުމަރު ލިބެން ހުންނަނީ ގްރީސްގައި ހުންނަ ކުޑަކުޑަ ފަރުބަދައަކުންނެވެ.

ޑރ. ކަމާލް ގްރީސްއަށް ގޮސް އެ ސަންގުމަރުމަރު ގަތުމުގެ އެއްބަސްވުން ހެދި އިރު އޭރު އޭނާ ގަތީ އެކަމަށް ބޭނުންވާ ސަންގުމަރުމަރުގެ ދެބައިކޮޅަ އެއްބައެވެ. ދެން މައްކާއަށް އައިސް މިސްކިތުގައި ހުދު ސަންގުމަރުމަރު ޓައިލްސް ޖެހުމުގެ މަސައްކަތްކޮށް ކުރިއަށް ގެންދިޔައީި ވެސް ޑރ. ކަމާލްގެ ބެލުމުގެ ދަށުންނެވެ.

މަދީނާގައި ހުންނަ މާތް މުގައްދިސް މިސްކިތް/ ފޮޓޯ: ގޫގަލް

އޭގެ 15 އަހަރު ފަހުން ސައުދީގެ ސަރުކާރުން ވަނީ މަދީނާގެ މިސްކިތުގައި ވެސް މި ސަންގުމަރުމަރު ބޭނުން ކުރުމަށް ޑރ. ކަމާލްގެ ކިބައިން އެދިފައެވެ. އިންޖިނިއަރު ޑރ. ކަމާލް ބުނީ ސައުދީގެ ރަސްގެފާނުގެ އޮފީހުން މަދީނާ މިސްކިތުގައި ވެސް އެ ސަންގުމަރުމަރު ބޭނުންކުރަން އެދުމުން އޭނާ ވަރަށް ބިރުގަތް ކަމަށެވެ. އެއީ މިއީ ދުނިޔެއިން ވެސް ހަމައެކަނި ގްރީސްއިން ލިބޭ އެއްޗަކަށް ވެފައި މީގެ 15 އަހަރުކުރިން އޭނާ ވަނީ އެ ވިއްކާ މީހާގެ އަތުގައި ހުރި ސަންގުމަރުމަރުން ދެބައިކުޅަ އެއްބައި ގަނެފައި ކަމަށްވާތީއެވެ.

ޑރ. ކަމާލް ގްރީސްއަށް ދިއުމުން އެނގުނީ ކުރިން ގަތް ސަންގުމަރުމަރުގެ ސްޓޮކް ހުސްވިކަމެވެ. އެހެން ނަމަވެސް އެކަމާ ހިތްވަރު ދޫކޮށް ނުލާ އެސްޓޮކް ގަތް ކުންފުންޏެއް ހޯދުމަށް މަސައްކަތް ފެށިއެވެ. އެމަސައްކަތުން އެނގުނީ ނަސީބު ދިމާކުރި ގޮތުން އެސްޓޮކް ގަތީ ސައުދީގެ ކުންފުންޏަކުން ކަމެވެ.

ސައުދީއަށް ގޮސް އެބުނާ ކުންފުނީގެ އޮފީހަށް ޑރ. ކަމާލް ދިޔައެވެ. އެކުންފުނިން ބުނީ އޭރު ގަތް ސަންގުމަރުމަރު އަދި ވެސް ހަމަ ސްޓޮކްގައި ބޭނުންނުކޮށް ހުރި ކަމަށެވެ. އެހަބަރު ލިބުމާއެކު ޑރ. ކަމާލްއަށް ހުރި ތަނަށް ތިރިވެ ރޮވޭގޮތްވިއެވެ. ސަންގުމަރުމަރު ގަތް ކުންފުނީގެ ވެރި މީހާ އޭނާ ރޮނީ ކީއްވެތޯ ސުވާލުކުރިއެވެ. ޑރ. ކަމާލް އޭނާއަށް އެސަންގުމަރުމަރުގެ ވާހަކަ ކިޔާ ދިނެވެ. އަދި އެގަންނަން ސައުދީގެ ރަސްގެފާނު ދެއްވާފައި އޮތް ބްލޭންކް ޗެކް ދިއްކޮށްލިއެވެ.

އެހެން ނަމަވެސް އެ ކުންފުނީގެ ވެރި މީހާވެސް އެސަންގުމަރުމަރަށް އެންމެ ލޯލާރިއެއްވެސް ބޭނުމެއް ނުވިއެވެ. ބަދަލުގައި އޭނާ މިސްކިތުގެ ބޭނުމަށް އެތަކެތި ހަދިޔާ ކުރިއެވެ. އޭނާ ބުނީ ގްރީސްގެ ކުޑަ ކުންފުންޏަކުން އެފަދަ އަގު ބޮޑު ސަންގުމަރުމަރު ޓައިލްސްތަކެއް ގަންނަން އޭނާ ބޭނުންވި ސަބަބެއް ނުވިސްނުނު ކަމަށާ އެތަކެތި ގަނެ ބޭނުން ނުކޮށް އެހެން ބެހެއްޓީ ކީއްވެ ކަމެއް ވެސް ނޭނގުނު ކަމަށެވެ. އެހެން ނަމަވެސް މިއަދު ޑރ. ކަމާލް އެތަކެތި ހޯދަން އައުމުން މިއީ މާތް ﷲގެ ހިކުމަތްތެރި ހިދާޔަތެއް ކަން ވިސްނުން ކަމަށް ވެސް އެމީހުން ބުންޏެވެ.

ޑރ. ކަމާލް 100 އަހަރު ވަންދެން ދުނިޔޭގައި އުޅުނު

2008 ވަނަ އަހަރު ދުނިޔެއާ ވަކިވެގެން ދިޔަ ޑރ. ކަމާލް މުހައްމަދުގެ ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރީ ދީނަށްޓަކައެވެ. އުމުރުން 44 އަހަރުގައި އަލަތު ކައިވެނި ކުރިއިރު ދެމަފިރިންނަށް ފުރަތަމަ ދަރިއަކު ލިބުނުތާ މާގިނަ ދުވަހެއް ނުވެ އަންހެނުން ނިޔާވިއެވެ. އެއަށް ފަހު ޑރ. ކަމާލްގެ މުޅި ހަޔާތުގެ ބާކީ އޮތް ބައި ހޭދަކުރި އަޅުކަމާ ހެޔޮ އަމަލުތައް ކުރުމުގައެވެ. 100 އަހަރު ދުނިޔޭގައި އޭނާ އުޅުނު އިރު އުމުރުގެ ފަހުބައި ނިންމީ ދެހަރަމުގެ ހިދުމަތުގައެވެ.