ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ފިނިހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ބުނެފިއެވެ.

މިއަދު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި މެޓް އޮފީހުގެ ސްޓޭޝަންތަކުން ރެކޯޑުކުރި ފިނިހޫނުމިނުގެ ތަފާސްހިސާބުން ދައްކާގޮތުން ވައިގެ ތެތްކަމާއި މޫސުމުގެ ސަބަބުން އިހުސާސްވާ ފިނިހޫނުމިން އެންމެ މައްޗަށް އެރީ ހުޅުލެއަށެވެ. އެ ސްޓޭޝަނަށް އިހުސާސްވި ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 43 ޑިގްރީ ސެލްސިއަސްގައެވެ.

ދެކުނުގެ ކައްދޫ، ކާޑެއްދޫ އަދި ގަމަށް ފިނިހޫނުމިން ރެކޯޑުކުރެވިފައި ވަނީ 31-32 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް ފިނިހޫނުމިން އިހުސާސް ކުރެވިފައި ވަނީ 38-39 ޑިގްރީ ސެލްސިއަސްގައެވެ.

ރާއްޖޭގެ ފިނި ހޫނިމިން ފެންނަ ޗާޓެއް / ޗާޓް: މެޓް އޮފީސް

އުތުރުގައި މެޓް އޮފީހުގެ ސްޓޭޝަން ހުންނަ ހަނިމާދުއަށް ފިނިހޫނުމިން ރެކޯޑް ކުރެވިފައި ވަނީ 32 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގައެވެ.

މެޓް އޮފީހުން މީގެ ކުރިން ވަނީ 1992 ވަނަ އަހަރުން ފެށިގެން ރެކޯޑްކޮށްފައިވާ ފިނިހޫނުމިނުގެ ޑާޓާތަކުން، ކޮންމެ އަހަރެއްގެ އޭޕްރީލް މަސްތެރޭ ރާއްޖޭގެ ފިނިހޫނުމިން 29.7 ޑިގްރީ ސެލްސިއަސްއަށް އެވަރެޖްކޮށް މައްޗަށް އަރާ ކަމަށް ބުނެފައެވެ.