ރަޝިއާއިން އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޔޫކްރައިންއާ އެކުގައި އޮތްކަމުގެ ރަމްޒު ދައްކައިދިނުމުގެ ގޮތުން، ސްޕެއިންގެ އަވަށެއްގެ ނަން "ޔޫކްރައިން"އަށް ބަދަލު ކޮށްފިއެވެ.

ހުދުކުލައިގެ ފާރުތަކުން ހިތްގައިމު މަންޒަރެއް ފެނިގެންދާ އެ އަވަށަކީ، ރަޝިއާގެ އުދުވާންތަކުގައި ހަފުސްވަމުންދާ ޔޫކްރައިންއާ ގާތްގަނޑަކަށް 2500 މޭލު ދުރުގައި އޮންނަ އަވަށެކެވެ.

"ޔޫކްރައިން" ގެ ނަމަށް ނަން ބަދަލު ކުރުމާ ހަމައަށް އެ އަވަށަށް ކިއާ އުޅުނީ، "ފުއެންތެސް ދެ އަންދަލޫސިއްޔާ"އެވެ.

ސްޕެއިންގެ އަވަށެއްގެ ނަން ޔޫކްރައިން އަށް ބަދަލު ކުރީ ހޭލުންތެރިކަން އިތުރު ކުރުމަށް / ފޮޓޯ: ރޮއިޓާޒް

އަވަށަށް ވަދެގެން ދާ މަގުގައި، އެ އަވަށަށް މިހާރު ދީފައި ވާ ނަމަކީ "ޔޫކްރައިން" ކަން އަންގައިދޭ ބޯޑެއް ބަހައްޓާފައި ވާ އިރު، ޔޫކްރައިންގެ ރީނދުލާއ ނޫ ކުލައިގެ ދިދައިގެ މަންޒަރުވެސް ހިމަނާފައިވެއެވެ.

އެހާ ހިސާބުން ނިންމާލީއެއް ނޫނެވެ. "ޔޫކްރައިން" ގެ ނަމަށް ނަން ބަދަލު ކުރި، 7100 އެއްހާ މީހުންގެ އަވަށުން ވަނީ، އެ އަވަށުގެ މަގުތަކުގެ ނަންތައްވެސް ބަދަލުކޮށްފައެވެ. އެގޮތުން ޔޫކްރައިންގެ ސަރަހައްދުތަކަށް ކިއާ އުޅޭ "އޮޑެއްސާ"، "ކިއޭވް" އަދި "މަރިއުޕޮލް" ފަދަ ނަން ނަމުން މަގުތަކަށް ނަން ދީފައި ވާ ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ރޮއިޓާޒްއާ ވާހަކަ ދެއްކި އެ އަވަށުގެ ރަށްވެއްސަކު ބުނީ، އެފަދައިން ކަން ކުރުމުގެ މައިގަނޑު މަގުސަދަކީ ހޭލުންތެރިކަން އިތުރުމާއި، ހަނގުރާމާގައި އުޅޭ ގައުމުތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

ޔޫކްރައިންއަށް ނަން ބަދަލު ކުރި ސްޕެއިންގެ އަވަށުގައި ހަރުކޮށްފައިވާ ނަން ބޯޑު / ފޮޓޯ: ރޮއިޓާޒް

މީގެ އިތުރުން އަވަށުގެ ރަށްވެހިން ވަނީ ރެފިއުޖީ ސެންޓަރެއް ގާއިމު ކުރުމަށްޓަކާ 2 ދުވަހުގެ ތެރޭގައި 3500 ޔޫރޯ ނުވަތަ 3780 ޑޮލަރުގެ ފަންޑެއްވެސް ޖަމާ ކޮށްފައެވެ. އެ އަވަށުން ވަނީ 25 ރެފިއުޖީއެއް ނުވަތަ އާއިލާތަކަކަށް އެ މަރުކަޒުގައި ހިޔާވަހިކަން ހަމަޖައްސާދޭން ނިންމާފައެވެ.

އަވަށުގެ ރައްޔިތަކުން ވަނީ އޭނާގެ އަމިއްލަ ގޭގައިވެސް ޔޫކްރައިންގެ ރެފިއުޖީން ބައިތިއްބަން އެދޭކަން ހާމަކޮށްފައެވެ.

ރަޝިއާގެ އުދުވާންތައް 50 ދުވަހަށް ވުރެ ދިގުލާ ގޮސްފައި ވާއިރު ހަނގުރާމަ ހުއްޓިދާނެ ކަމުގެ ނިޝާނެއް އަދި ނުފެނެއެވެ. ކަން މިހެން އޮތް އެތައް މިލިއަން ބަޔަކު މިހާރު ވަނީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ގޮސްފައެވެ.