ދުބާއީ އިންޓަނޭޝަނަލް ހޯލީ ގްރުއާން މުބާރާތުގައި ބައިވެރިވި އަހްމަދު ނަބީހަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މަރުހަބާ ވިދާޅުވެ، ހިތްވަރު ދެއްވައިފިއެވެ.

މި ރޯދަ މަހުގެ 1 އިން 14 އަށް ދުބާއީގައި ބޭއްވި ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލު ކުރުމަށް ފަހު ނަބީހް ރާއްޖެ އައިސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއް ގައެވެ. ނަބީހަށް މަރުހަބާ ވިދާޅުވުމަށް އިސްލާމިކް މިނިސްޓަރާއި ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލްއާއި، ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރު ޒާހިރު އަލީ، ނަބީހާ ބައްދަލު ކުރައްވާ ހިތްވަރު ދެއްވަމުން ވިދާޅުވީ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ބައިވަރު ކުދި ބަޔަކާ ވާދަކޮށް ނަބީހް ފައިނަލް ބުރުގައި ކިޔެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ނަބީހަށާއި ނަބީހުގެ މަންމައަށް މަރުހަބާ ވިދާޅުވިއެވެ. މީގެ އިތުރުން އެ މުބާރާތުގައި ނަބީހް ފަދަ ކުއްޖަކު ދިވެހިރާއްޖެ ތަމްސީލު ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަން ފާހަގަ ކުރައްވާ މިފަދަ އިތުރު މުބާރާތްތަކުގައި ބައިވެރިވުމަށް މިނިސްޓަރު ވަނީ ނަބީހަށް ހިތްވަރު ދެއްވާފައެވެ.

މިނިސްޓަރުގެ އިތުރުން އިލްޔާސް ޖަމާލްވެސް ވަނީ ބައިނަލްއަގްވާމީ މިފަދަ މުބާރާތެއްގައި ނަބީހްގެ ކިޔެވުން ފެނިގެން ދިޔުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަން ފާހަގަ ކުރައްވައި ހިތްވަރު ދެއްވާފައެވެ.

މި މުބާރާތުގައި ނަބީހް އާ އެކު އޭނާގެ މަންމަ ދުބާއީއަށް ދިޔައެވެ. ނަބީހްގެ މަންމަ ވަނީ ސަރުކާރުން ނަބީހަށް ދިން މި ފުރުސަތަށް ޝުކުރު އަދާކޮށް، ދުބާއީގައި ހޭދަވި 17 ދުވަހު، އެއްވެސް ކަހަލަ ދަތިކަމެއް ނެތި އެ ގައުމުގައި ދުވަސްތައް ހޭދަ ކުރެވުނީތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަރަށް ގާތުން ނަބީހުގެ ހާލު ބައްލަވައި، މުބާރާތުގެ ކަންކަން ހިނގަމުންދާ ގޮތް ބެއްލެވި ކަމަށާއި އަދި މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިން ބެހެއްޓެވި ގާތް ކަމާއި މިއަދު ވިދާޅުވި ހޫނު މަރުހަބާއަށް ވެސް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި އޮންނަ އުސޫލުން ދަތުރުގެ ކަންތައް ހަމަޖައްސައި ދެނީ ހަމައެކަނި ކިޔަވާ ދަރިވަރަށެވެ. އެހެން ނަމަވެސް ނަބީހަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ވާތީ ނަބީހުގެ މަންމަ އާއި ދައްތައަށް މި މުބާރާތަށް ދުބާއީއަށް ދިޔުމާއި ހުރުމުގެ ކަންކަން ހަމަޖެއްސުމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކާއި މީގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ވަނީ ލިބިގެން ގޮސްފައެވެ.