ރޯދަމަހަކީ އާންމު ގޮތެއްގައި ދުވަހުގެ ދެ ވަގުތެއްގައި މުސްލިމުން ކައިބޮއި ހަދާ މަހަކަށް ވީ ނަމަވެސް ރޯދަމަހަކީ ގޭ ބީސީތަކުން ކާބޯތަކެތި އިސްރާފު ކުރާ މަސްވެސް މެއެވެ.

މުޅި ދުވަހު ރޯދައަށް ހުރުމަށް ފަހު ރޯދަ ވިއްލާ ގަޑީގައި ނުކެވޭ ވަރަށް ކާއެއްޗެހި ތައްޓަށް އަޅައިގެން ކާން އިށީނދެ ތަށި ހުސްނުކުރެވި އެ ތަކެތި އުކާލަން ޖެހުމަކީ އަޅުގަނޑުމެންގެ ތެރެއިން ފެންނަ ނުބައި އާދަކައެވެ. އަދި މިއީ އިސްލާމް ދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ރީތި ސިފަތަކާ ދެކޮޅު ކަމަކަށްވާ އިރު މިއީ ރޯދަވެރިޔާގެ ކިބައިން ފެންނަން ޖެހޭ ކަންކަމާ ވެސް ހިލާފު އަމަލެކެވެ.

ކީރިތި ޤުރުއާންގެ ސޫރަތުލް އައުރާފްގެ 31 ވަނަ އާޔަތުގައިި މާތް ﷲ ވަހީކުރެއްވިއެވެ.

"އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައި މީހުން، ނަމާދު ކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ. އަދި ތިޔަބައިމީހުން ކައި ބޮއިއުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން، އިސްރާފުކުރާ މީހުންގެ ދެކެ އެކަލާނގެ ލޯބިވެވޮޑިގަނެއް ނުވެތެވެ."

ރޯދަމަހު ކާބޯތަކެތި އިސްރާފުކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވާ އިރު ތިރީގައި މިވަނީ މިފަދަ ނުރަނގަޅު އަމަލަކުން ދުރުހެލިވެވޭނެ 4 ކަމެކެވެ.

ތައްޔާރު ކުރާނެ އެއްޗެހި ދުރާލާ ކަނޑައެޅުން

ރޯދަ ވިއްލާ ގަޑީގައި ކެއުމަށް ކޮންމެ ދުވަހެއްގައި ތައްޔާރުކުރާ ތަކެތި ދުރާލާ ރާވާ ހެދުމަކީ ކާބޯތަކެތި އިސްރާފުކުރުން މަދުކުރާނެ ކަމެކެވެ. ކުރީބައިގައި ހަދާނެ އެއްޗެއް ހިތުލައިގެން ފިހާރައަށް ގޮސް އެއްޗެހި ގަންނަން ފަސޭހަވާ އިރު ބޭކާރު އެއްޗެހި ގަނެ ހެދުން މަދުވާނެއެވެ. އަދި ބަދިގޭގައި ތައްޔާރު ކުރާ ކާބޯތަކެތިން އިސްރާފުވާ ބައި ކުޑަވެގެންދާނެއެވެ.

ރޯދަ ވީއްލަން ތަނއްޔާރު ކޮށްފައި އޮތް ސުފުރާއެއް

ރޯދައަށް ހުރެގެން ކާބޯތަކެތި ގަނެ ހެދުމަކީ އިސްރާފުކުރުމަށް ބާރުދޭ ކަމެއް

ހުސް ބަނޑާ ހުރެގެން ކާ އެއްޗެހި ގަންނަނަމަ ތިބާ ގަންނަ ގިނަ އެއްޗެއްސަކީ އިސްރާފުވެގެން ދާނެ އެއްޗެއްސަށް ވުމަކީ އެކަށިގެންވާ ކަމެކެވެ. އެހެން ކަމުން ރޯދަ ވިއްލާ ގަޑީގައި ސުފުރާމަތި ފަޅުފިލުވާނެ އެއްޗެއްސަށް ބޭނުންވާ ސާމާނު ގަތުމަށް އަނެއް ދުވަހުގެ ރޭގަނޑުގެ ވަގުތެއް ހުސްކޮށްލުން ރަނގަޅުވާނެއެވެ. އަދި އެއްޗެހި ގަންނަ އިރު ގިނަ ދުވަހު ނުބައި ނުވެ ހުންނާނެ އެއްޗެއްސަށް އިސްކަން ދޭށެވެ. އޭރުން ވެސް އިސްރާފުކުރެވޭ މިންވަރު މަދުކުރެވޭނެއެވެ.

ފިހާރައަކުން ވިޔަފާރި ކުރަނީ

ކާބޯތަކެތި ބަހާ ހެދުން

ރާއްޖޭގައި ވަރަށް އާންމު އަދި ރީތި އެއް އާދައަކީ ރޯދަމަހު އެއްގެއެއްގައި ތައްޔާރުކުރާ ތަކެތި އަނެއް ގެއަށް ބަހާ ހެދުމެވެ. މިފަދަ ކަންކަމުގެ ސަބަބުން އަވަށްޓެރިންނާއި ގާތް ތިމާގެ މީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން ދާ އިރު މިއީ އިސްރާފުކުރުމާ ވެސް ދުރުހެލިވެވޭ ކަމެކެވެ.

ހަމަ މިފަދައިން ތަންކޮޅެއް ގިނައިން ކާއެއްޗެހި ކެއްކޭ ދުވަހަކު ބާކީ އެއްޗެހި ހުރި ނަމަ ގޭދޮށު މީހުންނާއި ކައިރި ހިސާބުގެ އެހެން މީހުންނަށް ބަހާ ހަދާށެވެ. އެހެން ނަމަވެސް ހަނދާން ކުރަންވާނެއެވެ. މިގޮތަށް މީހުންނަށް އެއްޗެހި ބަހާ ހަދަން ވާނީ ރީތިކޮށް ޕެކްކޮށް އެ ލިބޭ މީހަކު ވެސް އުފާވާނެ ގޮތަކަށް ބަންދުކުރުމަށް ފަހުގައެވެ. ކުނި އެއްޗެއް، އެއްލާލަން ތައްޔާރުކޮށްފައި ހުންނަ ކޮތަޅެއް ގޮތަށް ބަންދުކޮށްގެން މީހުންނަށް ބެހުމުން ތިބާގެ ނިޔަތް ކިތަންމެ ރަނގަޅު ނަމަވެސް އެ ދާނީ އޭގައި ހިފި މީހާގެ އަތުން އަނެއްކާވެސް ކުނިގޮނޑަށެވެ.

ބާކީވާ ކާބޯތަކެތިން ގަސްކާނާ ތައްޔާރުކުރުން

ގޭގައި ގަސް ނުހައްދާ މީހަކު މިހާރު މަދުވާނެއެވެ. އިސްރާފުވާ ކާބޯތަކެއްޗަކީ މިހާރު މިފަދަ މީހުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެއީ އެތަކެތި ބަހައްޓައިގެން އުފައްދާ ގަސް ކާނާއަކީ ކެމިކަލް ކާނާއަށް ވުރެ މާ ފައިދާ ހުރި އެއްޗަކަށް ވާތީއެވެ. މިކަން ކުރާނެ ގޮތް މިހާރު ފަސޭހައިން ޔޫޓިއުބް ފަދަ ސައިޓްތަކުން ބަލާ ލެވޭ އިރު ތިރީގައި މިވަނީ މިފަދަ އެއް ވީޑިއޯއެވެ.

https://www.youtube.com/watch?v=mDIVpJgjoXQ

މީގެ އިތުރުން ނުބައި ނުވާ ކާއެއްޗެހި އަލުން ހޫނުކޮށްގެން ސުފުރާ މައްޗަށް އެރުވުމާ އިސްރާފު ނުކުރުމުގެ އާދަ ކުޑަކުދިންގެ ކިބައިގައި ވެސް އަށަގެންނެވުން ވެސް ރަނގަޅުވާނެއެވެ.