މި ދައުރު ނިމުމުގެ ކުރިން ޖަލުތަކުގެ ހާލަތު ބަދަލުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، ޕްރިޒަންސް އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުން ދަސްވެނިވެ، ހުވާ ކުރުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ގިނަ ޖަލުތަކަކީ ފެށުމުގައި އެހެން ކަމަކަށް ބޭނުންކުރި ތަންތަން ކަމަށެވެ. އެކަމުގެ ސަބަބުން ވެސް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މިގޮތުން މި ތަންތަނުގައި ގައިދީން ގެންގުޅެން ޖެހުމުން އެ ކަމުގައި އުފުލަން ޖެހޭނޭ ބުރައާއި ނިކަމެތިކަން ތަސައްވަރު ކުރެވޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ ޖަލުގައި ބޭނުންކުރެވޭ ބައެއް މަދު އިމާރާތްތަކަކީ ޖަލު ހިންގަން އެޅިފައިވާ އިމާރާތްތަކެއް ނަމަވެސް އެ ތަންތަނަކީ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތަކަށް ނުފެތޭ ފަދަ ދަށް ފެންވަރެއްގައި ހުރި ތަންތަން ކަމަށެވެ.
މި ދައުރު ނިމުމުގެ ކުރިން މި މައްސަލަތައް ހައްލުކޮށް، އެއްކޮށް ބަދަލުކޮށްލާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން ގައިދީން ތަހައްމަލު ކުރަން ޖެހިފައިވާ ދަތިކަމާއި ހިތްދަތި ކަމަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއް ކަން އިމްރާން ފާހަގަކުރެއްވިއެވެ.
އަދި މިކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.