މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 490،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުންގައި ރާއްޖެއަށް މިމަހު 13 ވަނަ ދުވަހާ ހަމައަށް 498،235 ފަތުރުވެރިން ވަނީ އައިސްފައެވެ.

މީގެ ތެރޭގައި ޖެނުއަރީ މަހު 131،764 ފަތުރުވެރިން، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އަދި މާޗް މަހު 150،739 އަދި މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް 66،724 ފަތުރުވެރިން ހިމެނެއެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އެގައުމުން 65،683 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ. އެގައުމުން ރާއްޖެއަށް 54،532 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އިންޑިއާއިން 50،242 ފަތުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 54،662 އެނދު ހުރިއިރު އޭގެތެރޭގައި 164 ރިސޯޓުގައި ހުރި 39،064 އެނދު، 656 ހޮޓެލް، ގެސްޓްހައުސްގައި 12،644 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2954 އެނދު ހިމެނެއެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.