ވައްކަމާއި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި މީގެ ކުރިން 92 ފަހަރު ހައްޔަރުކޮށްފައިވާ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

އަނަފް އަބްދުﷲ ނަމަކަށް ކިޔާ 22 އަހަރުގެ ޒުވާނާ 93 ވަނަ ފަހަރަށް ހައްޔަރުކޮށްފާ ވަނީ މިސްކިތަކުން ޖޫސް ކޭހެއް ވަގަށް ނެގި މައްސަލައެއްގައެވެ. އެ މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ބުދަދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ޖޫސް ކޭސް ވަގަށް ނެގި ކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާއިރު ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެކަން ކުރި ކަމަށްވެސް އެއްބަސްވެފައެވެ. އަދި އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމާފައެވެ.

ފަރުވާގެ ފުރުސަތު ބޭނުންވާ ކަމަށާއި ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް ކޯޓުގައި އޭނާ ވަނީ އެދިފައެވެ.

މީގެ ކުރިން އޭނާ ހައްޔަރުކޮށްފައިވާ 92 މައްސަލައިގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި ގޯތި ގެދޮރާއި ފިހާރައަކުން ވައްކަން ކުރުމުގެ ގިނަ މައްސަލަތަކެއް ހިމެނެއެވެ.