ލޯތްބަކީ ހާދަހާ ޒާތެއްގެ އެއްޗެކެވެ. އިންނާކަށް ވެސް އޮންނާކަށް ވެސް އެއަކުން ޝިފާ ނުލިބޭ އެއްޗެކެވެ. ކެތްތެރިކަމާއި ހިމެނޭންކަން ނަގާލާ އެއްޗެކެވެ. ވިންދު އަވަސް ވެ، ހިތުގެ ހިނގުމާ ގުޅިފައިވާ އެއްޗެކެވެ. އެ އަސަރުގައި ޖެހި މަސްތު ކޮށްލާ އެއްޗެކެވެ.

އެއީ އަހަރެންގެ ހިތަށް އަރަމުން ދިޔަ ވާހަކަ ތަކެވެ. އެ ވާހަކަތައް ހިތުގެ އެންމެ ފުންމިނަށް ވާސިލު ކުރީ، ރޭ އިރާކޮޅު އައި ފޯން ކޯލެވެ.

ނުދަންނަ ނަންބަރެއް ނަމަވެސް، އަހަރެން ފޯން ނެގީ އެވަގުތު ފްރީ ކޮށް އިނީމައެވެ. ރައްޓެހި ކުދިންކޮޅަކާއެކު ކޮފީއެއްގައި އިންދާ އައި ކޯލް ނެގީ، ކޯފީ މޭޒުގައި ދައްކަންމުން ދިޔަ ވާހަކައާ މާ ބޮޑަށް ގަޔާ ނުވާތީއާވެސް އެކުގައެވެ.

އާންމުކޮށް އަހަންނަކީ ނުދަންނަ ނަންބަރުން ގުޅިޔަސް ފޯން ނަގާ މީހެއް ނޫނެވެ. ނަމަވެސް މިރޭގެ އެ ކޯލް އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ. ނުދަތަސް ދަންނަ ހާ ފަރިތަހެން ހީވިއެވެ. އެ އަޑެވެ. އެ ހިނިތުންވުމެވެ. އެ މަޑުމަތިރި ކަމެވެ. އެ އަޑުގައި ހުރި ނިޔަނެތިކަމެވެ.

ވާހަކަ ދެއްކީ، އޭނާ އެޕްލައި ކޮށްފައި އޮތް ވަޒީފާއެއްގެ ކަންތަކާއެވެ. ރަސްމީ ގަޑި ނޫނަސް އެ ވާހަކަ ދެއްކީ، އޭނާގެ އެޕްލިކޭޝަނާ ގުޅޭ ގޮތުން އަހަރެން އޭނާއަށް ފޮނުވާފައި އޮތް މެސެޖަކާ ގުޅިގެންނެވެ.

ވަޒީފާއަށް ކުރިމަތިލީ އެތައް ކުދިންނެއްގެ ތެރެއިން ކަމުދާ އެޕްލިކޭޝަންތައް ފޮނުވާފައި ހުރި ކުދިންނަށް އަހަރެން ވާނީ މެސެޖް ކޮށްފައެވެ. ބައެއް ސުވާލުތައް ހުރީމައި، އެ ސުވާލުތަކަށް ޖަވާބެއް ބޭނުންވެގެން ފޮނުވި މެސެޖްގައި ފަސޭހަ ގަޑިއެއްގައި ގުޅަން ބުނެފައި އޮންނާނެއެވެ.

އޭނާ ކުރީ އެކޯލެވެ. މެސެޖުގައި ކުރު ދެތިން ސުވާލު އޮތް ނަމަވެސް އެކޯލު ނިމުނީ ގަޑިއެއްހާ އިރު ފަހުންނެވެ. ސުވާލުތައް ގިނަވެ، އެތައް ވާހަކައެއް ދެއްކުނުކަން އެނގުނީވެސް ފޯން ބޭއްވި ފަހުންނެވެ.

ބުރުސޫރަ ރީތި އަދި އަޑު ރީތި ކިތަންމެ ކުއްޖަކާ އަހަންނަށް ވަނީ ބައްދަލުވެވިފައެވެ. ނަމަވެސް ރޭގެ އެ އަޑަކީ، އާދަޔާ ހިލާފު ރީތި އަދި އެ އަޑެއްގެ ޖާދޫގައި އަހަރެން މަސްތުކޮށްލި އަޑެކެވެ. ހިތުގެ އެންމެ ފުން ވިންދުގައި ރާޅުބާނީ ލި އަޑެކެވެ.

"ހިތުގެ ފުން ވިންދުގައި ރާޅުބާނީ ލަނީ،

ލޯބި ޖަޒުބާތުގައި ނޭނގި ޖެހިގެން ދަނީ،

ވީމަ އޯގާ ހިތާ...."

އެވަގުތު ހިތައް އަރަމުން ދިޔައީ ޝުއޫތަކެކެވެ. ޅެން ބައިތުން އަމުނަމުންނެވެ. ހިތުގެ ދޮރުފަތްތައް އެއްކޮށް ހުޅުވަމުންނެވެ. އެ ޖާދުވީ އަޑުގެ ވެރިޔާއަށް ދައުވަތު ދެމުންނެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް ގޮސް އެންމެ ފުރަތަމަވެސް ގުޅީ އޭނާއަށެވެ. އެޕްލައި ކޮށްފައި އޮތް ވަޒީފާ އޭނާއަށް ހަމަޖެއްސުމަށެވެ. އޭނާގެ ވާހަކަ ތަކުން ޔަގީންކަމާއި އިތުބާރު އެރޭ ލިބުމާ އެކު ވަޒީފާއަށް ނެގުމުން އަހަރެންގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަމަށް ގަބޫލު ކުރެވިގެންނެވެ.

އެންމެ ރިންގަކުން ފޯން ނެގިއެވެ. ރޭ ދެއްކި އެއްވެސް ވާހަކައެއް ތަކުރާރު ނުކޮށް އަހަރެން ބުނީ ވަޒީފާ ހަމަޖެހިފައި ވާ ކަމަށާއި، މާދަމާ އޮފީހަށް ނުކުތުމަށެވެ. އަދި އާންމުކޮށް ވަޒީފާ ދޭ ތަންތަނުގައިވެސް އޮންނަ އުސޫލުން 3 މަހުގެ ޕްރޮބޭޝަނެއް އޮންނާނެ ކަމަށާއި، ކޮންޓްރެކްޓްގެ ވާހަކައާއި، ޖޮބް ޑިސްކްރިޕްޝަންގެ ވާހަކަތައް ކިޔައި ދީ އެ ފޯންކޯލް ނިންމީމެވެ.

ޖެހިގެން އައި އާދީއްތަ ދުވަހެވެ. އަހަރެން އޮފީހަށް ނިކުތް އިރު އޭނާ އިނީ އޮފީހުގައެވެ. މާބޮޑު އަޅާލުމެއް ނުދައްކާ އަހަރެން އެޗްއާރް ސްޓާފަށް ގޮވާލުމަށް ފަހު، އޭނާ ގޮވައިގެން އައުމަށް ބުނީމެވެ.

ރީތީ އަޑު އެކަންޏެއް ނޫނެވެ. އެ ހިނގުންވެސް އެހާ ފަރިއެވެ. 36، 24 ގައި އޭނާ ހިނގާފައި އަހަންނާ ދިމާއަށް އައި އިރު އަހަރެންގެ ނަޒަރު އެންމެ ސިކުންތަކަށްވެސް ކަތިވެގެން ނުދެއެވެ. އެ ރީތި ބައްޓަމާއި، ބުރުސޫރަ އަދި މާ ފުރިހަމައެވެ. ރީތި ދޮނެއް ހުރި އެ ކޯތާފަތް މަތިން ފެންނަން ހުރި ހިނިތުން ވުމަކީ، ރޭ އެ ކޯލްގައިވެސް ހުރި ހިނިތުންވުމެވެ. ލޮލުގައި ހުރި ނިޔަނެތި ކަމާއި އެ ފަރިކަން އަހަރެންގެ ޖަޒުބާއާ ކުޅެލިއެވެ.

އަހަރެން އިނީ ސީދާ އޭނާއަށް ކުރިމަތި ވާ ގޮތަށެވެ. ހަތަރު ކަޅި ހަމަވާ ގޮތަށެވެ. އެއީ ރީތި ލޮލެކެވެ. މަޑު މުށިކުލައެއް ހުރި އިޝްގީ ލޮލެކެވެ. އެ ބަލާލުން އަހަރެންގެ ހިތަށް ތީރުތައް ހަރާލިއެވެ. ހިތުގެ އެންމެ ހިމަ ނާރާ ކުޅެލިއެވެ.

"ހައި.. ހައު އާ ޔޫ..." އަހަރެން ބުނީމެވެ.

ޖަވާބުގައި އޭނާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމާއެކު އެ ކަޅިރަވައިގެން ހިމުންކަން އިތުރަށް ފާލުވެގެން ދިޔައެވެ. މަޑު ފިޔާތޮޅި ކުލައިގެ އެ ތުންފަތުގެ އެތެރޭގައި ފޮނުވިފައި ވާ ރީތި ހުދު ދަތްޕިލާ އިތުރަށް ތީރިކޮށް ދިނީ އޭނާގެ ވާހަކަ ދެއްކުމުގެ އެކްސެންޓެވެ. ބަސްތައް ތަރުތީބު ކުރުމާއި، މަހުރަޖް އެހާ ސާފެވެ.

އަހަރެން ކޮންޓްރެކްޓް ކިޔައިފިންތޯ ސުލާކު ކޮށްލީމެވެ.

"އަދި ނުދެން، ބޮސް ވަޑައިގަންނަވަން ދެން..." އޭނާ އެއްޗެއް ބުނުމުގެ ކުރިން އެޗްއާރް ސްޓާފު ބުންޏެވެ.

އަހަރެން، އޭނާއަށް ކޮންޓްރެކްޓް ހަވާލުކޮށްލާށޭ ބުނި ވަގުތު އައި ކޯލަކަށް އިރުކޮޅަކަށް ނުކުތީ ބޭރަށެވެ. ފަސް ވަރަކަށް މިނެޓް ފަހުން ވަން އިރު ކޮޓަރީގައި އިނީ އޭނާ އެކަންޏެވެ. ދޮރު ލައްޕާލުމަށް ފަހު އަހަރެން ގޮސް އިށީނުމާއެކު ހިނިތުންވެލަމުން އޭނާ އިސްއުފުލާލިއެވެ. ޖަވާބުގައި އަހަރެންވެސް ހީލީމެވެ.

"ަހައު އިޒް އިޓް..." ކޮންޓްރެކްޓަށް އިޝާރާތް ކުރަމުން އަހަރެން ބުނެލީމެވެ. ބޭނުމަކަށް ވީ އޭނާ އާ ވާހަކަ ދައްކާށެވެ.

"އޯކޭ..." ކުރު ޖަވާބެކެވެ.

"އަނހާ...، ސޮއި ކުރަން ގަލަން ދޭން ވީ" އަހަރެން ބުނެލީމެވެ. ޖަވާބުގައި ގަލަން އޮތް ކަމަށް އޭނާ ބުންޏެވެ. އަދި ގަލަން ނަގާ ކޮންޓްރެކްޓްގައި ސޮއިކޮށް ހަވާލު ކޮށްފިއެވެ.

"ސޯ... ރޭގަ ބުނީމެންނު... ޓްރެވަލް ކުރަމޭ..." އައިސް ބްރޭކް ކޮށްލުމުގެ ބޭނުމުގައި އަހަރެން ފެށީމެވެ. އައިސް ބްރޭކިން އަކީ ކޮމްފަޓަބަލް ޒޯނުން ނުކުންނަން މުހިންމު ކަމަކަށް ވާތީ އަހަރެން ބޭނުންވީ ވަޒީފާއާ ނުގުޅޭ ވާހަކައަކުން އޭނާއާ ކްލޯސް ވާށެވެ. ދަސްކުރާށެވެ. ހިތުގައި ދޮރުފަތް ހުޅުވާފައި ހުރި ބޭނުން ހާސިލު ކުރާށެވެ.

އޭނާ ވާހަކަ ފެށިއެވެ. ޓްރެވަލް ކުރާ ހިތްވާ ވާހަކައާއި އެއްވެސް ތަނަކަށް އަދި ދެވިފައި ނުވާ ވާހަކަ ބުންޏެވެ. އެވާހަކައިން ކުރި ފަޅަމުން ގޮސް، ސިންގަލްކޮށް ހުރީ ކީއްވެތޯ އަހަރެން އެހީމެވެ. ސީވީގައި ސިންގަލް އޮތީމާ އެ ދައުވަތު ދޭން ބޭނުންވާތީއެވެ.

މިހާރު ކޮންމެ ދުވަހަކުވެސް ދެމީހުން ގިނަ ވާހަކަތައް ދައްކަމެވެ. ތަފާތު އެކި ކަންކަމާ މަޝްވަރާ ކުރަމެވެ. ޒާތީ ގިނަ ވާހަކަތައްވެސް ހިއްސާ ކުރަމެވެ. ވަޒީފާގައި އަހަރެއް ވާން ކައިރިވެފައި ވާއިރު ދެމީހުންގެ ގުޅުމަކީ ވަރަށް ޖާޒުބީ ގުޅުމެކެވެ. އެކަކު އަނެކަކަށް ލޯބި ހުށަނޭޅި ނަމަވެސް ލޯބި ވެއެވެ. ދެހިތް ފައްތަރުވެއެވެ.

ވަޒީފާގައި އަހަރު ވީ ދުވަހަކީ އަހަރެންގެ ހިތުގެ ވިންދުގެ ހިނގުން ހުއްޓުވާލި ދުވަހެވެ. ހިތުގައި ހުޅުވައިގެން ހުރި ހުރިހާ ދޮރުފަތެއް ބާރަށް ލެއްޕި ތަޅުލެވުނު ދުވަހެވެ. ހިތުގެ ރާޅުބާނީ، އޮޔަ ބާރު ކަނޑަކަށް ބަދަލުވީ ދުވަހެވެ.

"ވައި...ރިޒައިނިންގ...." އޭނާ އަހަރެންގެ އަތަށް ދިއްކޮށްލި ރެޒިގްނޭޝަން ލެޓާ ހުޅުވާލަމުން ޝަކުވާގެ ރާގެއްގައި އެހީމެވެ.

"މެރީ ކުރަން....އަންނަ ހަފްތާ...ދެން ދަނީ، ބަލައި އައިސް ހުންނާނެ..." ކުރު ބަސްތަކަކުން އެއް ނޭވާއިން ބުނެފައި އޭނާ ހިނގައްޖެއެވެ.

އިރުކޮޅެއް ވާންދެއް އަހަންނަށް ހުއްޓުން އެރިއެވެ. އެއީ ޝޮކެއް ކަމަށް ވަންޏާ ޝޮކެކެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދަންޏާ އެކަމެވެ. ވަށައިގެންވާ ހުރިހާ ތަނެއް "ބްލާ" ވެ އޭނާ ނޫން އެއްޗެއް ނުފެނެއެވެ. އެތައް ހާސް ސުވާލުތަކެއް އެއް ބުރަކަށް ހިތައް އަރާ ފައިބައިގެން ދިޔައެވެ. ވާނުވާގައި ހުރެވުނެވެ.

އިރުގަނޑެއްގެ ފަހުން އަހަރެން ގުޅީމެވެ. ރިންގް ވި ނަމަވެސް އޭނާ ފޯނެއް ނުނަގައެވެ. ދެފަހަރަކު ގުޅި އިރުވެސް ނުނަގައެވެ. ސުވާލުތައް ގިނަވެ ފުނިޖެހިފައި ހުރި ވަރުން މެސެޖެއް ލިޔެ ލިޔެ އިންދާ، އަހަންނަށް މެސެޖެއް އައެވެ.

"ސޮރީ، ބަޓް އައި ހޭވް އަ ބޯއިފްރެންޑް، އޭރުވެސް..."

އެ މެސެޖާއެކު އަހަަރެންގެ ހިތައް އެރީ، އެހެންވިއްޔާ މި އޮއްހާ ދުވަސް ވީ އިރު، ނުބުނެ، އަހަންނަށް ރެއަކާ ނުލައި، ސީވީގައި ސިންގަލް ޖަހައިގެން އުޅުނީ ކީއްވެބާއެވެ. އަހަރެންގެ ހިތުގައި ޖަހަމުން ދިޔަ ކޮންމެ ވިންދަކާ ކުޅެމުން ދިޔައީ ކީއްވެބާއެވެ. އަހަންނާ ޝެއާ ނުކުރާ އެއް ވާހަކަ އޮތީ ކީއްވެބާއެވެ. ނުވަތަ އަދި އެކަހަލަ އިތުރު ވާހަކަތަކެއްވެސް ހުރީ ބާވައެވެ.

ޖަވާބެއް ނުލިބެއެވެ. ނޭނގެއެވެ. އަހަރެންގެ ހިތުގައި ޖަހަމުން ދިޔަ ވިންދު އެވަގުތު ހުއްޓިއްޖެއެވެ.