ސަރުކާރުގެ ފަރާތުން ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ރައީސް އޮފީހަށް ފޮނުވައިފިއެވެ.
އެޓަނީ ޖެނެރަލް އޮފީހުން ބުނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ތިން ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައި ކަމަށެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ކުނި މެނޭޖުކުރުމުގެ ބިލެކެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ހުށަހެޅުމުގެ ބޭނުމަކީ ހެކިބަސް ދޭ ފަރާތްތައް ހިމާޔަތް ކުރުމާ ގުޅޭ ތަފްސީލީ އުސޫލުތަކެއް ކަނޑައެޅުމަށާއި ކުށަށް އިއުތިރާފުވާ ފަރާތްތަކާ އެކު އިއުތިރާފުގެ އެއްބަސްވުން ވެވޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލު ކުރާނެ އިޖުރާއަތްތައް އިތުރަށް ތަފްސީލުކޮށް ބަޔާން ކުރުމަށެވެ. ހަމައެއާއެކު އެ ނޫން ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތްތައް ހިންގުމުގައި އާއި ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު؛ ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާއިން ހާއްސަ އެހީ ދިނުމާ ގުޅޭ އުސޫލުތަކާ ދައުލަތުގެ ފައިސާ ހިސާބު ކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ. އަދި ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާ ގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާން ކުރުމަށާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާން ކުރުމަށާއި، ޤާނޫނާ ހިލާފުވާ ހާލަތްތަކުގައި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ކަނޑައެޅިފައިވާ އުސޫލުތައް އިސްލާހު ކުރުމަށާއި ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ.
ކުނި މެނޭޖުކުރުމުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި، އެ ކަންކަން ބެލެހެއްޓުމަށްޓަކައި، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުގެ މައްޗަށް އެކުލެވޭ ގާނޫނީ އޮނިގަނޑެއް ކަނޑައެޅުމެވެ. އެ ގޮތުން ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުމާއި، ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް އެކުލަވާލުމާއި، ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން ހިމެނެއެވެ.
ތިން ބިލެއް ސަރުކާތުގެ ފަރާތުން ހުށަހަޅަން ރައިސް އޮފީހަށް ފޮނުވާފައިވާ އިރު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ 36 ބިލެއްގެ ލިސްޓު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭ ރައްޔިތުން މަޖިޅިހާށް ފޮނުވާފައެވެ
އެ ލިސްޓުގައި ހިމެނެނީ މިހާރު އަމަލު ކުރަމުންދާ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ 22 ބިލަކާއި މުޅިން އަލަށް އެކުލަވާލާ 14 ބިލެކެވެ. އެ ލިސްޓު ވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އިއުލާން ކޮށްފައެވެ.