މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފްގެ އަގު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 15 ޕަސެންޓު އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން އާންމުކުރި އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު 3.9 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ މަހު އިތުރުވެފައެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިފް އަގުގެ އިތުރުން، ރާއްޖޭން ބޭރުކުރި މުދަލުގެ އެފްއޯބީގެ އަގުވެސް ވަނީ މިދިޔަ އަހަރުގެ މާޗަށް ވުރެ މިދިޔަ މަހު 28 ޕަސެންޓު އިތުރުވެފައެވެ. އެގޮތުން ރާއްޖޭން 432 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރުކޮށްފައިވަނީ 337 މިލިއަން ރުފިޔާގެ މުދަލެވެ.

ހަމަ އެއާއެކު، އިމްޕޯޓް އެކްސްޕޯޓް މެދުވެރިކޮށް ދައުލަތަށް މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މިދިޔަ މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 319 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 264 މިލިއަން ރުފިޔާއެވެ.

އެހެންކަމުން މިދިޔަ ފެބްރުއަރީ މަހަށް ވުރެ، މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު ދެ ޕަސެންޓު އިތުރުވެފައިވާއިރު، ރާއްޖޭން މުދާ ބޭރުކުރި އަގު ވަނީ ނުވަ ޕަސެންޓު އިތުރުވެފައެވެ.

މިދިޔަ މަހުގެ އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ގަލްފްގެ ގައުމުތަކުންނެވެ. އެގޮތުން އޮމާނާއި ޔޫއޭއީން ކޮންމެ ގައުމަކުން 16 ޕަސެންޓު މުދާ އެތެރެކޮށްފައިވާއިރު، އަވަށްޓެރި އިންޑިއާއިން އެތެރެކޮށްފައިވަނީ 14 ޕަސެންޓު މުދަލެވެ. އަދި ޗައިނާއިން ނުވަ ޕަސެންޓު މުދާ އެތެރެކޮށްފައިވާއިރު، ސިންގަޕޫރުން އެތެރެކޮށްފައިވަނީ އަށް ޕަސެންޓު މުދަލެވެ.

އަގުގެ ގޮތުން ބަލާއިރު، މިދިޔަ މަހު ރާއްޖޭން ބޭރުކުރި މުދަލުގެ ދެބައިކުޅަ އެއްބައި މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއަށްފަހު އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށާއި، ޖަރުމަންވިލާތާއި މޮރިޝަސްގެ އިތުރުން، އަވަށްޓެރި އިންޑިއާ އަށެވެ.