ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ކުރިއަށް ގެންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމައުއާ އަލުން ގުޅޭ ފަރާތްތައް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެންޑީއޭގެ ފަރާތުން އެކްޓިން ސީއީއޯ މަރިޔަމް ހާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސީއީއޯ އާދަމް އާޒިމްމެވެ. އެމްއޯޔޫގެ މުއްދަތަކީ ތިން އަހަރެވެ.

މިއަދު ސޮއި ކުރި މި އެއްބަސްވުމުގެ މަގުސަދަކީ އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމައުއާއި ގުޅޭ ފަރާތްތައް މުޖުތަމައުއަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ރީއިންޓަގްރޭޝަން އެންޑް އާފްޓަ ކެއާ" ގެ ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.

އެމްޓީސީސީން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ބައިވެރިކުރާނެ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް ކަމަށެވެ.

މި އެމްއޯޔޫގެ ދަށުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި އަހްލާގާއި ސުލޫކް އަދި މަސައްކަތް ކުރާ ގޮތުގެ ރިވިއު ރިޕޯޓެއް ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާ ހިއްސާކުރާނެއެވެ. އަދި އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމް ފުރިހަމަކުރާ މީހުން މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ތަމްރީން ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.