ފިއުލްއާއި އިންފްލޭޝަން ސާޗާޖުގެ ގޮތުގައި، މުދާ ވިއްކާ ފަރާތްތަކުގެ އަތުން 5 ޕަސެންޓްގެ ފީއެއް ނެގުމަށް، އެ ކުންފުނީގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ނިންމާފައި ވާ ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ އެމެޒޯން ކުންފުނިން ބުނެފިއެވެ.

އިލެކްޓްރޯނިކް ދުނިޔޭގައި ކުރާ ވިޔަފާރީގެ އުދަރެހުގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެއް ކުންފުނި ކަމުގައި ވާ އެމެޒޯންއިން ފިއުލްއާއި އިންފްލޭޝަން ސާޗާޖުގެ ގޮތުގައި، މުދާ ވިއްކާ ފަރާތްތަކުގެ އަތުން 5 ޕަސެންޓްގެ ފީއެއް ނެގުމަށް ނިންމާފައި ވާ އިރު، އެކަން ތަންފީޒު ކުރަން ފަށާނީ އޭޕްރިލް 28 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފިއުލްއާއި އިންފްލޭޝަން ސާޗާޖުގެ ގޮތުގައި ހާއްސަ ފީއެއް ނަގަން ޖެހުނީ ފާއިތުވީ މަސްތަކުގައި ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔަ ނިސްބަތް ނުވަތަ އިންފްލޭޝަން، ބޮޑުތަނުން އިތުރުވުމާ ގުޅިގެން ކަމަށް އެމެޒޯންއިން މައުލޫމާތު ލިބެއެވެ.

އެމެޒޯން ކުންފުނީގެ ތަރުޖަމާނު ޕެޓްރިކް ގްރާމް ވިދާޅުވީ، އަލަށް ނަގަން ފަށާ ފިއުލްއާއި އިންފްލޭޝަން ސާޗާޖު ދައްކަން ޖެހޭނީ އެމެޒޯން ކުންފުނީގެ ފުރިހަމަ ހިދުމަތުގެ ޕެކޭޖު ނަގާ ފަރާތްތަކުން އެކަނި ކަމަށެވެ. އެ ޕެކޭޖަކީ ގުދަން ކުރުމާއި ބަންދު ކުރުމުގެ އިތުރުން މުދާ ޝިޕް ކުރުމުގެ ހިދުމަތްވެސް ހިމެނޭ ޕެކޭޖެވެ. އެމެޒޯން ފުލްފިލްމަންޓް ހިދުމަތް ހިޔާރު ނުކުރާ، މުދާ ވިއްކާ ފަރާތްތަކަށް ފީ ދައްކަން ނުޖެހޭނެ ކަމަށްވެސް އެމެޒޯން ކުންފުނިން ބުނެއެވެ.

މުދާ ވިއްކާ ފަރާތްތަކުގެ އަތުން އެމެޒޯން ކުންފުނިން ފިއުލްއާއި އިންފްލޭޝަން ސާޗާޖުގެ ގޮތުގައި އިތުރު 5 ޕަސެންޓްގެ ފީއެއް ނެގުމުގެ އަސަރު، އެ ޕްލެޓްފޯމުން މުދާ ގަންނަ ފަރާތްތަކަށް ފޯރާނެ ކަމަށް ބަލަންޖެހެއެވެ. އެހެނީ ވިޔަފާރިތަކަކީ އެ ވިޔަފާރިއެއް ހިންގަން ހިނގާ ހަރަދު، ކަސްޓަމަރުންގެ އަތުން ފޫބައްދާ ބަޔަކަށް ވުމެވެ.