އުކާލެވޭ ކުނިން ފައިދާހުރި ތަކެތި އުފެއްދުމަށާއި އާމްދަނީއެއް ހޯދުމަށް އަދި ކުނި މެނޭޖްކޮށް ވެށީގެ ސާފުކަން ކަށަވަރުކުރުމަށްރުމަށް ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދިނުމަށް "ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތު" މިއަދު އިފްތިތާހް ކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި މި ސްޓޭންޑާޑް އިފްތިތާހު ކޮށްދެއްވާފައި ވަނީ ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ. މިނިސްޓަރު ޝައުނާ ވިދާޅުވީ ކުނީގެ މައްސަލައަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، އެތައް ޒަމާނެއް ވަންދެން ކުންޏާ މެދު އަމަލުކުރަމުން އައީ އެއްވެސް ހަމައެއް ނެތި ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ އަމާޒަކީ ކުންޏާ މެދު ޒަމާނުއްސުރެ ދެކެމުން އައި ގޮތް ބަދަލުކޮށް، ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުން ކަމަށާއި، އެހެންވެ ރަށްރަށުގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް ހުނަރުވެރި ވޯކްފޯސް އެއް އުފެދެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންނޫން ކަމުގައި ވާނަމަ އަޅުގަނޑުމެންނަށް ރާއްޖެއަކީ ރީތި މަންޒިލެއްގެ ގޮތުގައިވެސް މުސްތަގުބަލުގައި އަޅުގަނޑުމެންނަކަށް ދައްކައިނުދެވޭނެ އަދި މުސްތަގުބަލުގައި ދިވެހިން ދިރިއުޅޭނެ ރައްކާތެރި މާހައުލެއްވެސް އަޅުގަނޑުމެންނަށް ހޯދައި ނުދެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތަކީ ވޯލްޑް ބޭންކުގެ މާލީ އެހީގައި ހިންގާ މޯލްޑިވްސް އެންގޭންސިންގް އެންމްޕްލޯޔަބިލިޓީ އެންޑް ރިޒިލިއަންސް (މީރާ) މަޝްރޫއުގެ ދަށުން ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން އެކުލަވާލި ވޭސްޓް ޓު ވެލްތު ޓްރޭނިން ޕެކޭޖުގައި ހިމެނޭ ސްޓޭންޑާޑެކެވެ.

އެ ޓްރޭނިން ޕެކޭޖުގައި ސްޓޭންޑާޑުގެ އިތުރަށް މުގައްރަރާއި، އެސެސްމަންޓް ރިސޯސް ފޮތާއި، ދަސްކުރަން ބޭނުންވާ ސާމާނުގެ އިތުރުން ލޮގް ފޮތެއް ހިމެނޭ ކަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ފާހަގަކުރައްވާފައިވެއެވެ.

ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީން ބުނި ގޮތުގައި ވޭސްޓް ޓު ވެލްތު ޓްރޭނިން ޕެކޭޖަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރޭނިން ހިންގުމަށްޓަކައި އެ އޮތޯރިޓީން އުފެއްދި 104 ވަނަ ޓްރޭނިން ޕެކޭޖެވެ. އެ އޮތޯރިޓީން ބުނީ ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި އިތުރު 70 ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑް ޕެކޭޖް އަލަށް ތަރައްގީ ކުރުމަށާއި، މިހާރު ބޭނުންކުރަމުންދާ 53 ސްޓޭންޑާޑް މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. ހަމަ އެއާއެކު، އެ ސްޓޭންޑާޑުން ފާސްވާ ފަރާތްތަކަށް އެމްކިއުއޭ ގަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެ ކަމަށްވެސް އެމްއެންއެސްޑީއޭއިން ބުންޏެވެ.

16 މެއި 2011 ގައި ތަސްދީގުކުރި ރާއްޖޭގެ މަތީ ތަޢުލީމުގެ ދަށުން އުފައްދާފައިވާ އެމްއެންއެސްޑީއޭ އުފައްދާފައިވާއިރު، އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމު ތަރައްގީކޮށް، ރެގިއުލޭޓްކުރުން ހިމެނެއެވެ.