އުރީދޫ "ކޮބާ ނަނަށް ވާން ކޮށްފިތާ" މިއަހަރުގެ މަސް ރޭހުގައި 23 ޓީމަކާއެކު ފޯރީގައި ކުރިއަށް އެބަދެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫއިން ބާއްވަމުން އަންނަ މަސްރޭހަށް ވަނީ ބޮޑުތަރުހީބެއް ލިބިފައި ވާއިރު މިއަހަރު އުރީދޫ މަސް ރޭހުގެ ސީޒަން 11 ބާއްވަނީ ކޮވިޑް 19އާ ގުޅިގެން 2 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

އެ މަސް ރޭސް ވެފައި ވަނީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތް ކުރާ ރައްޓެހިންނާ އެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަށެވެ. އެގޮތުން މިއަހަރު ބައިވެރިވި ޓީމުތަކުގެ ތެރޭގައި ސިފްކޯ، ޕޯސްޓް، އާރްޑީސީ، ބީއެމްއެލް، ސްޓެލްކޯ ހިމެނެއެވެ. އަދި ސްޓެލްކޯއިން ކަނބަލުން ގެ ނަމުގައި އަންހެން ޓީމެއް ވަނީ ބައިވެރި ވެފައެވެ.

އުރީދޫ މަސް ރޭ މިދިޔަ ހޮނިހިރު ދުވަހު ފަށާފައި ވާއިރު އުރީދޫއިން ބުނީ އެ މަސްރޭސް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފިޔަވާ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ މޭ މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން އެދެއެވެ.

މި މުބާރާތުން އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ ލިބޭއިރު އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާ އާއި ރަންކޯރި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 ރުފިޔާ ދޭން އުރީދޫއިން ނިންމައިފައި ވާއިރު ކޮންމެ ރެޔަކު އެއްވަނަ އަށް ދާ ޓީމަކަށް 5000 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.