ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށާއި، އެގޮތުން އިދާރާތަކަށް ދާން ޖެހިއްޖިއްޔާ އިދާރާތަކަށް ދާނެ ކަމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް އެހެން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މައްސަލައިގަައި މިއަދު މަޖިލީހަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާގައި މިއަދު އިދިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕޫން ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކުން ހަ މިލިއަން ރުފިޔާ އަށް ވުރެ ގިނައިން 70 ވަރަކަށް ފްލެޓުން ނަގާފައި ވާއިރު، އޭގެ ތެރޭގައި އެހެން ކުންފުނިތަކާ މަސައްކަތް ހަވާލުކުރި ކުންފުނިތައް ހިމެނޭ ކަމަށެވެ.
އެކަމުގެ ސަބަބުން ފްލެޓްތަކަށް ބަދަލުވެފައި ތިބި އާންމުންނަށް ބޮޑެތި ގެއްލުންވެފައިވާ ކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެފަދައިން އަމަލުކުރާ ކުންފުނިތަކަށް ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ފެންނަނީ ސަރުކާރުން އެކި ބަހަނާތައް ދައްކައި ފްލެޓްތައް ލިބުނު ފަރާތްތަކަށް ޖެއްސުން ކުރަމުންދާ ތަން ކަމުގައި އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭ މައްސަލަތަކުގައި ބަހުސްކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވީ ނަމަވެސް، މިއަދު ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައި ކަމަށެވެ. އެއާއެކު، އާދަމް ޝަރީފް ވަނީ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ހަވާލުކޮށްފައިވާ އެ ކުންފުނިތަކާ ސަރުކާރުގެ ބައެއް ބޭފުޅުންނާއި ބައެއް މަޖިލިސް މެންބަރުންގެ ހިއްސާ އޮންނަ ކަމަށް ވިދާޅުވެފައެވެ.
އަދި ފެންނަނީ އާންމުންނާ ގުޅޭ މިފަދަ ކަންކަމުގައި ސަރުކާރުން އަބަދުވެސް ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރަމުން ދާ ތަން ކަމަށާއި، އެމްޑީޕީންވެސް މަސައްކަތް ކުރަމުންދަނީ އެގޮތަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި، މަޖިލީހަށް ކުއްލި މައްސަލަ ވައްދައިގެން ރައްޔިތުންގެ މައްސަލަތަކަށް ހައްލެއް ނާންނަ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެހެނިހެން ގޮތްގޮތުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތެއް ހުއްޓައެއް ނުލާނަން." އޭނާ ވިދާޅުވިއެވެ.