ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތުގައި އޮޅުވާލައި ފައިސާ ނަގައިގެން މަސައްކަތް ކުރާ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ނިންމައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 29 މެންބަރުންނެވެ. އެހެންކަމުން އެ މައްސަލަ އަށް މަޖިލީހުގައި ބަހުސް ކުރަން ނުފެންނަ ކަމަށް ވަނީ ފާސްވެފައެވެ.

އާދަމް ޝަރީފްގެ ހުށަހެޅުއްވި މައްސަލައިގައި ބުނީ، ހިޔާ ފްލެޓްގެ ފިނިޝިން އަށް ދަރަންޏާއި އެހެނިހެން ގޮތް ގޮތުން ފައިސާ އާއި ތަކެތި ހޯދުމަށް ފަހު، ހަވާލުކުރި ބައެއް ކުންފުނިތަކުން މަސައްކަތް ނުކޮށް، ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި ފޫނުބެއްދޭވަރުގެ ގެއްލުމާއި ދަތިތައް ފްލެޓް ލިބުނު މީހުންނަށް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ފިނިޝިންގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ނަމުގައި ފައިސާ ހޯދުމާއި މަސައްކަތް ނުކޮށް ފައިސާ އަނބުރާ ނުދޭ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ހުށަހަޅުއްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން މި ފަހުން ހުށަހެޅި މިފަދަ އެއްވެސް މައްސަލައެއް ފާހެއް ނުވެއެވެ. ހަމައެއާއެކު ދާދި ފަހުން މަސްވެރިން ބާނާ މަސް ކިރުމުގައި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން ވެސް ލިމިޓެއް ކަނަޑައަޅާފައިވާ އިރު އެ ކޮންޓްރޯލް އުވާލުމަށް ޕީޕީއެމުން ހުށަހެޅި ކުއްލި މައްސަލަވެސް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.

މި ދައުރުގައި އިދިކޮޅު ފަރާތްތަކުން ހުށަހަޅައިގެން ބަހުސް ކުރަން ފާސްވީ ދެ މައްސަލައެކެވެ. އެ ފަހަރު ވެސް އިދިކޮޅަށް ވޯޓު ކާމިޔާބު ކުރެވުނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެބައިވުންތަކުގެ ތެރެއިން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ ވޯޓާ އެކުގައެވެ. އެ މައްސަލަތަކަށް ވެސް ބަހުސް ކުރުމަށް ފަހު އިތުރަށް ކުރިޔަށް ގެންދާކަށް ފާހެއް ނުވެއެވެ.