އަހަރެންގެ މާމަ އަބަދުވެސް ބުނާނެއެވެ. "ދަރިފުޅާއެވެ. ދުނިޔޭގެ ދިރިއުޅުމަކީ ސިކުންތުކޮޅެއްގެ ވަގުތުކޮޅެކެވެ. ހިން ދިރުވާލާހާ ވަގުތުކޮޅު ތެރޭގައިވެސް މަރުވެގެން ހިގައިދާނެއެވެ".
ތެދެކެވެ. މިއަދު އަހަރެންގެ ދިރިއުޅުމުގެ ސަފުހާތަށް ފަހަތަށް އުކާލުމުން ފެންނަނީ ދެތިން ދުވަހުގެ އުފާވެރި ހަނދާންތަކެކެވެ. އަހަރެންގެ އުމުރުން 24 އަހަރު ނަމަވެސް، ދުނިޔޭގައި 24 އަހަރު ހޭދަ ކުރެވުނު ހެންނެއް އަހަންނަކަށް ހިއެއް ނުވެއެވެ. މާޒީގެ ސަފުހާތައް އުކާލުމުން ފެންނަނީ ހިތި ތަޖުރިބާތަކެވެ. ދުނިޔެއަށް ދެވަނަ ފަހަރަކަށް އަންނަން ފުރުސަތެއް ލިބޭނަމަ، އަހަރެން އެ ފުރުސަތެއް ބޭނުމެއް ނުވެއެވެ. ދުނިޔެއަކީ ހާދަހާ ވޭން ހުރި ތަނެކެވެ. ދިރިއުޅުމުގެ މުހިންމުކަން ވިސްނޭނީ ދިރި ހުރުމުގެ އުންމީދެއްނެތް އަހަރެން ފަދަ އެނދުމަތިވެފައިވާ މީހުންނަށް އެކަންޏެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތައް ގުނަމުންދާ މީހަކަށް މެނުވީ ރަގަނޅު ސިއްހަތެއްގެ މުހިންމުކަމެއް ނުވިސްނޭނެއެވެ. މިދައްކަން އުޅެނީ އަހަރެންގެ ވާހަކައެވެ. އަހަރެންގެ ދިރިއުޅުމުގެ ވާހަކައެވެ. އެންމެ ކުޑައިރުގައި، އަބަދުވެސް އިންތިޒާރު ކުރެވުނީ ބޮޑުވެގެން ވަޒީފާއަކަށް ގޮސް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ދުވަހަކަށްށެވެ. ބޮޑުވެގެން އަމިއްލަ ފައިމަތީގައި ހުންނަން ޖެހުމުން މިހާރު ހިތަށް އަރަނީ އަލުން ކުޑައިރުގެ އުފާވެރި ދިރިއުޅުން ލިބޭނަމައެވެ. އެއްވެސް ކަމަކާ ވިސްނުމެއް ފިކުރެއް ކުރާކަށް އޭރުން ނުޖެހޭނެތާއެވެ. މިއަދު އަހަރެންގެ ދިރިއުޅުމުގެ ފަހު ވަގުތު ކޮޅު ގުނަމުން ދާއިރު، މާޒީގެ ސަފުހާތައް އަހަރެންގެ މޫނުމަތީގައި އުކެމުންދެއެވެ. މާޒީގެ އެ ހަނދާންތަށް އަހަރެންގެ ހިތާއި ސިކުނޑި ހިސޯރުކޮށްފިއެވެ.
އެއީ މީގެ ދެތިން އަހަރުކުރިއެވެ. އޭރު އަހަރެންގެ އުމުރުން 21 އަހަރެވެ. ކިޔަވާނިމިގެން ވަޒީފާއެއް ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ބައްޕަގެ އެންމެ ގާތް އެކުވެރިޔާ ހާމިދުބޭގެ އޮފީހުން އަހަންނަށް ވަޒީފާއެއް ބައްޕަ ހަމަޖައްސައިދިނެވެ. އެ އޮފީހުގައި 8 ވަރަކަށް ކުދިން އަހަންނާއި އެކުގައި މަސައްކަތްކުރިއެވެ. އޭގެތެރޭގައި ހާމިދުބޭގެ އެންމެ ދޮށީ ދަރި ހަމްޒާވެސް އަހަންނާއި އެކުގައި މަސައްކަތް ކުރިއެވެ. އޮފީސް މާހައުލުތެރޭގައި އުފެދޭ ރައްޓެހިކަން ލޯތްބަށް ބަދަލުވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.
އެގޮތުން އެމަޅީގައި އަހަރެންވެސް ޖެހުނެވެ. އޮފީހުގެ އެންމެންވެސް އަހަންނާ ވަރަށް ރައްޓެހިވާނެއެވެ. ހާއްސަކޮށް ހަމްޒާއާއި މާހިލްއެވެ. ހަމްޒާއަކީ އަހަރެން، އަހަރެންގެ ހުރިހާ ވާހަކައެއް ހިއްސާކުރާ އެންމެ ބެސްޓު ސީކުރެޓް ކީޕާއެވެ. އަހަރެން ހުރިހާ ވާހަކައެއްވެސް ހަމްޒާއާއި ހިއްސާކުރަމެވެ. މާހިލްއަކީ ވަރަށް ސަމާސާ މިޖާޒެއްގެ ހިތްހެޔޮ މީހެކެވެ. ވަކި މީހަކާ ނޫނެވެ. އެންމެންނާވެސް ވަރަށް ގުޅޭނެއެވެ. މާހިލްއަކީ ފިރިހެންވަންތަ ފިރެހެނެކެވެ. އަންހެނުން ހިތްކިޔާކަހަލަ ހުރިހާ ސިފައެއް މާހިލްގެ ގައިގައި ހުރެއެވެ. ރީތި ފިރިހެންވަންތަ ތުނބުޅިއެއްގެ ވެރިއެކެވެ. ހަންގަނޑުގެ ކުލައަލި މީހެކެވެ. އެމާމުތް ކަހަލަ ކަޅި، އެކަނިވެސް އަންހެނެއްގެ ހިތްކަތިލުމަށް މާހިލްއަށް ފުދޭނެއެވެ.
ކޮންމެއަކަސް، މެންދުރު ގަޑީގައި ލިބޭ ހުސްވަގުތު ކޮޅުގައި އޮފީސް އެންމެން އެކީގައި ކާން ދިއުމަކީ އަހަރެމެންގެ ތެރޭގައި ވެފަ އޮތް އާދައެކެވެ. އެ އޮފީހުގައި މަސައްކަތް ކުރާތާ ދެ އަހަރު ފާއިތުވެގެން ހިގައްޖެއެވެ. އަހަރެމެން އެންމެންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުނެވެ. އެންމެންގެ ތެރެއިންވެސް އަހަރެންގެ ހިތަށް އެންމެ ކަމުދިޔައީ މާހިލްއެވެ. އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް އަހަރެންގެ ހިތުގައި މާހިލްއަށް ދެވިފައި އިނީ ވަރަށް ހާއްސަ މަގާމެކެވެ. އަހަރެން އަބަދުވެސް އުންމީދުކޮށްގެން ހުރީ މާހިލްގެ ހިތުގައިވެސް އަހަންނާމެދު އެފަދަ އިހުސާސްތަކެއް ވާކަމުގައެވެ. އަހަރެން މާހިލްއާ ގަޔާވާކަން އޮފީހުގެ އެންމެންނަށްވެސް އިނގެއެވެ. ހަމަ އެކަނި އެކަމުގެ ރޭކައި ނުލާ މީހަކީ މާހިލްއެވެ. ކޮންމެއަކަސް އާދައިގެ މަތިން އެ ދުވަހުގައިވެސް، މެންދުރު ލިބުނު ހުސް ވަގުތުގައި އަހަރެމެން އެންމެން ކާން ދިޔައީމެވެ. އާދައިގެ މަތިން މި ދުވަހުގައިވެސް އެންމެން ސަކަރާތް ޖަހާ ހެދިއެވެ. ކައި ނިމިގެން ދުފާ އެއްޗެހި ގެނައުމަށް ވޭޓަރަށް އެންގީމެވެ. އިރުކޮޅެއް ފަހުން ވޭޓަރު އައީ ކޭކަކާއި މާ ބޮޑިއެއް ހިފައިގެންނެވެ. އެންމެން ތިބީ ހައިރާން ކަމެއްގެތެރޭގައެވެ. ހައިރާން ކަންމަތީގައި އިނދެ އޮފީހުގައި މަސައްކަތްކުރާ ފާތުން އަހާލިއެވެ.
" ބައީ މި ކާކު އޮޑާރ ކުރި އެއްޗެއް؟ އަހަރެމެން ނުބުނަނީނު މި ގެންނަން" . ޖަވާބުގައި މާހިލް އިނދެލާފައި ބުންޏެވެ.
"މީ މިތާގައި އިން ވަރަށް ހާއްސަ ލޯބި ލޯބި ކުއްޖަކަށް އަހަރެން ގެނައި އެއްޗެއް"
މާހިލް އަހަންނާ ކަޅި ސީދާކޮށްލާފައި ބުންޏެވެ. މާ ބޮޑި ހިފައިގެން އަހަންނާ ދިމާލަށް އައުމަށް މާހިލް ހިނގައިގަތެވެ. އަހަރެންގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ބިރުން އިނދެ ހިތްދިރުވާލީމެވެ. މާހިލް އަހަންނާއި ހަމައަށް އައިސް މާބޮނޑި ދިއްކޮށްލާފައި ބުންޏެވެ.
" ތީ އެ ހާއްސަ ކުއްޖާއަކީ.. އަހަރެންގެ ހިތުން ހާއްސަ މަގާމެއް އަތުލައިގެން އިން ކަމަނާއަކީ... ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނަން އުޅޭތާ... އެކަމު ހިތްވަރެއް ނުލިބޭ... އަހަންނަށް އިނގޭ ސުހާވެސް އަހަރެން ދެކެ ލޯބިވާކަން... ސޯ ސުހާ ނަސީމް.... ވިލްޔޫބީ މައިން ފޯރްއެވާ؟"
މުޅި މީހާ ދިޔައީ ގަނޑުވެގެންނެވެ. ލިބުނީ ބޮޑު ސިހުމެކެވެ. އުފާވެރިކަމުގެ ސިހުމެވެ. އަހަރެންގެ ބޭއިހްތިޔާރުގައި ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. މާހިލްގެ ގައި ގައި ވަރަށް ބާރަށް ބައްދައިގަނެވުނެވެ.
މާހިލް އަހަންނަށް ލިބުނީއެވެ. އަހަރެންގެ އެންމެ ބޮޑު އުންމީދު އަހަންނަށް ކާމިޔާބުވީއެވެ. މޭޒު ދޮށުގައި ތިބި މީހުންތައް ވަރަށް ލާނެއް ގޮތަކަށް ހޯގޮވާ ހަޅޭލަވަން ފެށިއެވެ. އެވަގުތަށް ހަމްޒާ ގޮނޑިން ތެދުވިއެވެ.
"ނެތް ހުރެވޭކަށް.. ދާން ޖެހިއްޖެ... ވަރަށް މުހިންމުކަމެއް އެބައިން... ބައިދަވޭ ކޮންގޮރޭޓްސް ބޯތް..."
އެހެން ބުނުމަށް ފަހު ހަމްޒާ އެތަނުން ނިކުމެގެން ހިނގައްޖެއެވެ.
ދުވަސްތައް ވޭތުވަމުން ދިޔައެވެ. މަހަކަށް ފަހު މަހެއް އަހަރަކަށް ފަހު އަހަރެއް ވޭތު ވަމުން ދިޔައެވެ. އަހަންނާ މާހިލް އައީ އޭރު ކައިވެންޏަށް ތައްޔާރު ވަމުންނެވެ. މާހިލްއާއި އަހަރެންގެ ގުޅުން ވަރުގަދަ ނަމަވެސް ހަމްޒާއާއި އަހަރެން އައީ މަޑުމަޑުން ދުރުވަމުންނެވެ. އެއީ މާހިލް އަހަރެން ހަމްޒާއާއި މާ ގާތްކަން ބޭއްވުމަށް ބޭނުންނުވާތީއެވެ. މާހިލް ބުނީޔާ ބުނިގޮތެއް ހަދައިގެން އަހަރެން ހުރީ އަހަރެންގެ ހިތުގައި މާހިލްއަށްޓަކައި ވެވިފައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ކައިވެންޏަށް ތައްޔާރުވުމަށް އަހަރެންވެސް މާހިލްވެސް އައީ ލިބޭ މުސާރާއިގެ ދެބައިކޮޅު އެއްބައި ރައްކައު ކުރަމުންނެވެ. އަހަރެމެން އުންމީދު ކޮށްގެން ހުރީ 2 އަހަރެއްގެތެރޭގައި ކައިވެނިކުރެވޭނެ ކަމަށްށެވެ. އަހަރެމެން ދެމީހުންވެސް ބޭނުންވީ ވަރަށް ކުލަގަދަކޮށް ކައިވެނީގެ ހަފްލާ ބާއްވާށެވެ.
އިންސާނެއްގެ އުމުރު ދާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެތާއެވެ. ހިނގަ ހިނގާ ހުންނަ މީހާވެސް މަރުވެގެންދަނީތާއެވެ.
އެއްދުވަހަކު ހެނދުނު ހޭލި އިރު އަހަރެން ހުރީ ވަރަށް ގަދައަށް ހުން އައިސްފައެވެ. އޭރުގައި މާލެތެރޭގައި ވަރަށް ގަދައަށް ދިޔައީ ވައިރަލް ފީވާއެއް ފެތުރެމުން ކަމަށްވާތީ އަހަރެން ހީކުރީ އަހަންނަށްވެސް ޖެހުނީ އާދައިގެ ރޯގާއެއް ކަމަށްށެވެ. ހިތްވަރުކޮށްލާފައި ތެދުވެ ޕެނަޑޯލް ގުޅައެއް ކާލައިގެން ޖައްސާލީމެވެ. އޮފީހަށް ދެވޭތޯ ފެންވެސް ވެރީމެވެ. އެހެންނަމަވެސް ގައިން ވަރުދޫކުރަން ފެށުމާއި އެކު ގޮސް އެންދުގައި އޮށޯތީމެވެ. އޮފީހުގައި ސަލާމް ބުނުމަށްފަހު އަހަރެން އަނެއްކާވެސް ތެދުވެ ޕެނަޑޯލް ގުޅައެއް ކާލުމަށް ފަހު ޖައްސާލީމެވެ. މާގިނައިރުތަކެއްނުވެ އަހަންނަށް ނިދިއްޖެއެވެ. އަހަންނަށް ހޭވެރިކަމެއްވީ އޭރު އަހަރެންގެ ރޫމްމޭޓް ޖުމާ އައިސް އަހަންނަށް ގޮވާ އަޑަށްށެވެ.
" އޭއި.... އެއްޗެއް ކާލަން ތެދުވަންވީނު... މިހާރު އެއޮށް 4 ޖެހީ... ވަރަށް ހުންވެސް ގަދަ...ޑރ އަކަށް ނުދައްކާ ނުވާނެ އޮންނާކަށް.." ޖުމާ ބުންޏެވެ.
އަހަރެން މަޑު މަޑުން ތެދުވެވޭތޯ މަސައްކަތް ކުރީމެވެ. ތެދުވެގެން އެއްޗެއް ކެވޭތޯ ކޮޓަރިން ނިކުތުމަށް ހިނގައިގަތީމެވެ. ވަކި ހިސާބަކަށް ދެވުނުތަނާ މުޅިތަން އަނދިރިވެ އަހަރެން ވެއްޓުނީއެވެ. އަހަންނަށް ހޭވެރިކަމެއް ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. އޭރު އަހަރެންގެ ކައިރީގައި ހަމްޒާ އިނެވެ.
"ހަމް..ހަމްޒާ... ކިހިނެތްވީ.. އަހަންނަށް ކިހިނެއްވީ..ކޮބާ މާހިލް.." އަހަރެން ހަމްޒާއާ ސުވާލުކުރީމެވެ.
"މާހިލް ވެއްޖެ ކުރުނބާއެއް ބަލާ ގޮސްފަ... އަންނާނެ އިރުކޮޅަކުން... ސުހާ ކިހިނެއްތަ؟ އެއްވެސް އުނދަގުލެއްވޭތަ؟.." ހަމްޒާ އަހަންނާ ސުވާލުކުރިއެވެ.
"ނޭނގެ.. ވަރަށް ބޮލަށް ބަރުވެފަ ހުންނަނީ..މޭގަވެސް ރިއްސާ އެބަ ފާޑަކަށް... ޑަކްޓަރުން ނުބުނޭތަ އަހަންނަށް ވީގަތެއް؟"
" ހޫމް.. އަދި ވަކި އެއްޗެއް ނާންގަ... ރިޕޯޓްތައް ލިބުނީމައޯ އިނގޭނީ.."
އެ ވަގުތަށް މާހިލް އައެވެ.
"އަހާ ހޭލެވުނީތަ... ހިނގާ އެއްޗެއް ބޯލަމާ" މާހިލް ބުންޏެވެ.
އަހަރެން މަޑު މަޑުން ތެދުވެ ކުރުނބާ ފެންފޮދެއް ބުއިމަށް މަސައްކަތްކުރީމެވެ.
އިރުކޮޅެއް ފަހުން ޑޮކްޓަރ އައިސް އަހަރެންގެ އެހީތެރިޔާ ކޮބާތޯ ސުވާލުކޮށް މާހިލްގޮވައިގެން ބޭރަށް ނިކުތެވެ. 15 ވަރަކަށް މިނެޓު ފަހުން މާހިލް ފައިލެއް ހިފައިން އެތެރެއަށް ވަދެއްޖެއެވެ. އޭރު މާހިލްގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. މުޅިމީހާ ހުރީ މިލާ މޯޅިވެފައެވެ. އަހަރެންގެ މެޔަށް ދިޔައީ ހޫނުއަރަލައިގެންނެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އަހަންނަށް ޔަގީންވިއެވެ. އަހަރެން ތަކުރާރުކޮށް އަހަންނަށްވީ ކީއްތޯ ސުވާލުކުރުމުން މާހިލް ޖަވާބުދިނެވެ.
" ބްލަޑް.. ބްލަޑް ކެންސާއޯ... ވަރަށް ސީރިއަސްއޯ ބުނީ.. ވަގުތުން ބޭރަށްދާން އެންގީ"
މާހިލް އެހެން ބުނުމާއި އެއްކޮށް އަހަރެން އަޑުން އަޑު ނަގާ ރޯންފެށީމެވެ.
"ނޫން...ދޮނގުތީ..ހަމްޒާދޯ..މާހިލް ސަމާސާނުކޮށްބަ..ނޫން.. އަހަރެން މަރުވާކަށް ބޭނުމެއް ނޫން... އަހަރެންގެ މަންމައަށް ގުޅާދީ ޕްލީޒް"
ހަމްޒާ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އޭރު ހަމްޒާގެ ދެލޯވެސް ހުރީ ކަރުނައިން ފުރިފައެވެ. އޭރުވެސް މާހިލް ހުރީ ދޮރުކައިރީގައި ގަޑުވެފައެވެ. އަހަރެން އެވަރަށް ރުއި އިރުގައިވެސް އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނާޅައެވެ. އިތުރަށް އެންމެ ލަފްޒެއްވެސް ބުނެ ނުލައެވެ. ހަމްޒާ އަހަންނަށް ނަސޭހަތްދީ އަހަރެން ހައްލަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. ުމަށް ލަސަ...........................................................................
އަހަރެންގެ މައިންބަފައިން ވަގުތުން މާލެއައެވެ. އަދި ބޭރަށް ގެންދިއުމަށް، ލަސްނުކޮށް ތައްޔާރީތައް ފެށިއެވެ. އާސަންދައާއި ހުރިހާ ކަމެއް ހަމަޖައްސާފައި ބައްޕައައިސް މާހިލް ގާތު އަހާލިއެވެ.
" އަހަރެމެން ތިންމީހުން ދޯ ދާނީ... ބައްޕަމެންނަކަށް ނޭނގޭނެ އިގިރޭސިއެއް... ދަރިފުޅު ދާނަންދޯ އެހީތެރިއަކަށް"
"ނެތް ދެވޭކަށް.. ޗުއްޓީ ހޯދަން އުނދަގޫ ވާނެ" މާހިލް ބުންޏެވެ.
" ޗުއްޓީއާ މެދު ނުވިސާ އަހަރެން އެކަން ހަމަޖައްސާނަން.." ހަމްޒާ ބުންޏެވެ.
"އުހުމް.. އަހަންނަކަށް ނުކެރޭނެ... ޑރ ބުނި އެއްވެސް އުންމީދެއްނެތޯ...ސުހާ މަރުވާތަން ބަލާކަށް ނުކެރޭނެ...އަހަރެންގެ ގަޔަކު ނެތް އެހާ ހިތްވަރެއް"
މާހިލް އެހެން ބުނުމަށް ފަހު އެތަނުން ނިކުމެގެން ދިޔައީއެވެ. ދެ ދުވަސް ފަހުން ފުރަން ޖެހެއެވެ. އަހަރެން މެދުކެނޑުމެއްނެތި މާހިލްއަށް ގުޅަމުންދިޔައީމެވެ. އެހެންނަމަވެސް މާހިލް އަހަރެންގެ ފޯނަކަށް ޖަވާބެއް ނުދެއެވެ. އެހީތެރިއަކަށް ދިޔުމަށް ހަމްޒާ ބޭނުންވިއެވެ. ކޮންމެއަކަސް ދެދުވަސްތެރޭގައި އަހަރެމެން ބޭރަށް ދިޔުމަށް ފުރީމެވެ. މާހިލްކަންތައްކުރި ގޮތުން އަހަރެންގެ ހިތް ހުރީ ކުދިކުދި ވެފައެވެ. އަހަރެންގެ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނު ފަދައެވެ. އިނޑިޔާއަށްގޮސް ކީމޯތެރަޕީ ފެށީމެވެ. އޭރު އަހަންނަށް އަހަރެންގެ މަރު ފެންނަކަހަލައެވެ. ދިރިހުރުމުގެ އެއްވެސް އުންމީދެއްނެތެވެ. އެ އުނދަގޫ ދަނޑިވަޅުގައި އަހަރެންގެ އުފަލަކަށްވީ ހަމްޒާއެވެ.
އަހަރެން އުފާކުރުމަށް ހަމްޒާ ހުރީ ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށެވެ. މަންމަމެން ގެޔަށް ފޮނުވާފައި ދުވާލަކަށްސް ރޭގަނޑަކަސް ފޫހިވުމެއްނެތި ހަމްޒާ ހުރީ އަހަރެންގެ ހިދުމަތުގައެވެ. 2 މަސް ދުވަސް އިންޑިޔާގައި ހޭދަކުރުމަށްފަހު އަހަރެމެން ރާއްޖެ އައީމެވެ. އަހަރެން ރަގަނޅުވާނެކަމުގެ އުންމީދު އޭރުވަނީ ކަނޑާލާފައެވެ. އަހަރެންގެ ލިވާވެސް އައީ ފެއިލްވަމުންނެވެ. ކީމޯތެރަޕީނޫން އިތުރު ފަރުވާއެއް އަހަންނަށް ދެވެން ނެތްކަމަށް ޑަކްޓަރުން ބުނުއްވިއެވެ.
ރާއްޖެ އައިސްވެސް ހަމްޒާ ގިނަވަގުތު ހޭދަކުރަމުން އައީ އަހަންނާއި އެކުގައެވެ. މަޑުމަޑުން މާހިލްގެ ހަނދާންތައް ދިޔައީ އަހަރެންގެ ހިތުތެރެއިން ފޮހެވެމުންނެވެ. އާދައިގެމަތިން އެދުވަހުގައިވެސް ހަމްޒާ އޮފީސް ނިންމާލާފައި އަހަރެމެންގެ ގެއަށް އައެވެ. މަންމަ ލައްވާ ފިނިފެންމަލެއް ގަނެގެން އަހަރެން އިނީ ހަމްޒާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.
" ތީ ކޮންކަމެއް.. ކާކުދިން މަލެއް؟" ހަމްޒާ ހިނތުންވެ ހުރެ ސުވާލުކުރިއެވެ.
" އަހަރެންގެ އަތަކުނެތް މާ ގިނަ ވަގުތެއް ހަމްޒާ... މަރުވުމުގެ ކުރިން މިވާހަކަ ބުނަން ބޭނުންވޭ... ނޭގެ މިރޭވެސް މަރުވެދާނެ" އަހަރެން ދެލޯހުރީ ކަރުނައިން ފުރިފައެވެ.
"ޝުޝް... ތިކަހަލަ މޮޔަ ވާހަކަ ނުދައްކާތި...ސުހާ ރުއީމަ އަހަރެން ވަރަށް ދެރަވޭ... ބުނެބަ..ސުހާއަށް އިނގޭނުން އަހަންނާ ކޮންމެފަދަ ވާހަކައެއްވެސް ޝެއާކުރެވޭނެކަން"
ހަމްޒާ އަހަރެންގެ ދެލޯ ފޮހެލަމުން ބުންޏެވެ.
" ވިލްޔޫ މެރީމީ...ޕްލީޒް... އަހަރެން ބޭނުމެއްނޫން އެހާ ސޭޑް އެންޑިންނެއް...ހަމްޒާގެ އަތްބެއްގެ ގޮތުގައި ހުރެ ނިމިދާން ބޭނުމީ.. މިދުނިޔޭގައި ތީ އަހަރެންގެ ހަމައެކަނިހުރި މީހަކީ... ޖަންނަތުގައިވެސް ބޭނުން ހަމްޒާއާ ބައްދަލު ކުރަން.. ޕްލީޒް.. މީ އަހަރެންގެ އެންމެ ލާސްޓު ވިޝް"
އަހަރެން ބުނީމެވެ.
"އަފްކޯޒް އައިވިލް މެރީޔޫ... ސުހާއަކަށް ނޭނގޭނެ އަހަރެން ސުހާދެކެ ލޯބިވާވަރެއް... އެންމެފުރަތަމަ ވާހަކަދައްކަން ފެށިދުވަހުންފެށިގެން އަހަރެން ވަރަށް ވަރަށް ލޯބިވޭ... އެކަމު ސުހާ ކަހަލަ ރީތި ކުއްޖެއް.. އެއީ އަހަރެންގެ ފެންވަރެއް ނޫނޭ ހިތަށް އެރީ..." ހަމްޒާގެ ދެލޯ ކަރުނަތަކުން ފުރުނެވެ.
"އައި ހޭޓް ޔޫ... އިނގޭތަ ކިހާ ވަގުތެއްކަން ބޭކާރު ތިކުރީ..." އަހަރެން ހަމްޒާ ގައިގައި ޖަހާލުމަށްފަހުގައި ބުނީމެވެ.
ކުޑަ ހަފްލާއަކުން އަހަންނާއި ހަމްޒާގެ ދިރިއުޅުމުގެ ބިންގާ އެޅީމެވެ. މާ ގިނަ މީހުންނަށް ދައުވަތު ނުދީ ގާތް ދެތިން މީހަކާއި އެކު ކައިނވެނީގެ އުފާ ފާހަކުރީމެވެ. އެ އުފާވެރި ވަގުތުކޮޅަށް ވިހަ ލުމަށް އެތަނަށް މާހިލްވެސް އައެވެ. މާހިލް ފެނުމާއި އެކު އަހަރެންގެ މެޔަށް ދިޔައީ ހޫނު އަރަލައިގެންނެވެ.
މާހިލް އައިސް އަހަރެންގެ އަތަށް މާބޮނޑިއެއް ދިއްކޮށްލިއެވެ.
" އަހަރެން އެދުވަހު އެގޮތަށް ކަންތައްކުރީ ސުހާއަށް ރަގަނޅަކަށް...ސުހާދެކެ ލޯބި ނުވާތީއެއް ނޫން.. އަހަރެން ގައިގައި އެހާ ހިތްވަރު ނެތީ އަހަރެންގެ މީހެއްގެގޮތުގައި ހުރެ ސުހާ މަރުވާތަން ބަލަން...ހަމްޒާއަށް އެހާ ހިތްވަރު ދެއްވީތީ ﷲއަށް ހަމްދުކުރަން"
"ހުއްޓާލާ... މާހިލް ނުވޭ އަހަރެން ދެކެ ލޯތްބެއް... މީ އަހަރެން ދެކެ ލޯބިވި މީހަކީ...ހަމްޒާއަކީ ތިހާ ފިނޑިމީހެއް ނޫނޭ.. ހީނުކުރައްޗޭ މީހަކަށް ދެރައެއްދީފަ މޮޅުތަކެއް ވާނެޔޭ..މީ މާހިލްއަށްވެސް ވެދާނެގޮތެއް ހަމަ.. ކިހިނެއް އިނގެނީ އަހަންނަށްވުރެން ކުރިން މާހިލް ނޫންކަމެއް މަރުވާނީ... މިފަދަ ގޮތެއް އެހެން މީހަކަށް ވާކަށް އަހަރެން ނޭނދެން..އެކަމު ތިކަހަލަ ފިނޑި ފިރިހެނެއް ދުވަހުކުވެސް ނުދެކެން...މީހާ ކިތަންމެ ފިރިހެންވަންތަ ކޮށް ހުއްޓަކަސް ތީ ހަމަ ފިނޑިއެއް.. މީނަ ނެރޭ މިތަނުން... ހަމްޒާ ޕްލީޒް" އަހަރެންގެ ހިތަށް ކުރި އަސަރަކުން އަހަންނަށް ރޮވުނެވެ.
ކައިވެނީގެ އެ އުފާވެރި ވަގުތުކޮޅު ހިތާމައަށް ބަދަލުވިއެވެ. އަހަންނަށް މާބޮޑަށް ރޮވުމުން ނޭވާއަށް އުދަގުންކުރަން ފެށިއެވެ.ވަގުތުން ޖެހުނީ ހޮސްޕިޓަލަށް ގެންދާށެވެ.
މިއަދު އަހަރެމެންގެ ކައިވެންޏަށް އަހަރެއް ފުރިއްޖެއެވެ. ވޭތުވެ ދިޔަ އަހަރަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި އަހަރެވެ. އަހަރެން މިހާރު ގުނަމުން މިދަނީ އަހަރެންގެ ހަޔާތުގެ އެންމެ ފަހުދުވަސްކޮޅެވެ. ހޮސްޕިޓަލުގެ އައި.ސީ.ޔޫގެ ތެރޭގައެވެ. އެންމެ ފުރަތަމަ ކެންސަރޭ ބުނީމަ އެންމެ ބިރުގަތީ މަރުވާނެތީއެވެ.
އެހެންނަމަވެސް މިއަދު އެބިރު ފިލައިގެން ހިނގައްޖެއެވެ. މި އަޅާ ވޭންތަކުން ސަލާމަތްވާ އަހަރެން މިހުރީ ކެތްމަދުވެފައެވެ. މާދަމާ ލޯ މަރާލަން ޖެހުނަސް އެއްވެސް ޝަކުވާއެއް ނެތެވެ. ބިރެއްވެސް ނެތެވެ. އަހަރެން މިއަދު މިދަނީ މުޅި އުމުރަށްވެސް އަހަންނަށް ހެޔޮދުއާ ކޮށްދޭނެ ހެޔޮލަފާފިރިއެއް މިދުނިޔެއަށް ދޫކޮށްފައެވެ. މިއީ އަހަރެމެންގެ ލޯބީގެ ނިމުމެއް ނޫނެވެ. މުޅި އުމުރަށްވެސް ﷲގެ ރަހުމަތްފުޅާއިއެކުގައި އަހަރެމެން އެކީގައި ވާނަމެވެ. ޖަންނަތުގައި އަހަރެމެން ދެމީހުންގެ ލޯބި މުޅި އުމުރަށް ދެމިގެން ދާނެއެވެ. އަހަރެންގެ ދުއާއަކީ އަހަރެމެން ދެމީހުންނަށް އެ ނަސީބު މާތް ﷲ މިންވަރުކޮށްދެއްވުމެވެ.
އެންމެ ލޯބިވާ މީހާއަކީ އެންމެ ދަތި ހާލާތުގައި އެކުގައި ވާމީހާއެވެ. އެފަދަ މީހެއް ލިބޭނީ އަހަރެންފަދަ ނަސީބުވެރިއަކަށް އެކަންޏެވެ.