ރާއްޖޭގައި ފެނުގެ ހިދުމަތް ދޭ ކުންފުނި އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުން އެކުންފުނިން މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ އެ ކުންފުނީގެ އެސްއެމްއެސް ނަންބަރަށް މެސެޖެއް ފޮނުވައިގެން މައުލޫމާތު ހޯދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ބޭނުންވާ އެއްވެސް މައުލޫމާތެއް ހޯދުމަށް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާ ނަމަ 1050 އަށް މެސެޖް ކޮށްލުމުން އެ ކުންފުނިން އެ ކަސްޓަމަރަކަށް އެޓެންޑް ވާނެ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާ ސުވާލު ފޮނުވާ އިރު، އެ ކަސްޓަމަރެއް ދެނެގަތުމަށްޓަކައި އެ ގެއެއްގެ މީޓަރު ނަންބަރު ޖަހަން ވާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އަބަދުވެސް ޒަމާނީ އީޖާދާއި ޓެކްނޮލޮޖީއަށް ވާސިލުވަމުން އަންނަ އެމްޑަބްލިޔުއެސްސީ އުފެދުމުގެ މައިގަނޑު މަގްސަދަކީ މާލެއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަތަކަށް ހައްލެއް ހޯދައި، މެދުކެނޑުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށެވެ. ހަމައެއާއެކު ދިވެހި މުޖްތަމައުގެ ދުޅަހެޔޮ ކަމާއި، ލާބައާއި މަންފާއަށް އެހީތެރިވެދިނުމަށެވެ.

މާލޭ ސަރަހައްދުގެ އިތުރުން ކ. މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި އެމްޑަބްލިޔުއެސްސީން މިހާރު އަންނަނީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރު ކޮށްދެމުންނެވެ.