ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީން ބުނީ އަލިފުށީ އެއާޕޯޓް އެޅުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ މި މަހުގެ 9 ވަނަ ދުވަހުގައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުން ހިމެނެއެވެ. ހަމައެއާއެކު ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހެދުމާއި، ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިން އެއް އެޅުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަށް 451.6 މިލިއަން ރުފިޔާ ހަރަދުވެއެވެ. 750 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.