ހަނގުރާމައަށް ގޮސް އުޅެނިކޮށް، ހާލުގައި ޖެހި ގެނައި ދިވެހި އާއިލާ އިތުރު 8 މަސް ދުވަހަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުގައި ބައިތިއްބަން ނިންމައިފިއެވެ.

ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރު ކޮށްފައިވާ ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެއިން ބޭރުގައި ހާލުގައި ޖެހި ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައި ވާތީ، އޭގެ ތެރޭގައި ހިމެނޭ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރުން ދަށުގެ ހަތަރު ކުޑަކުދިން ރާއްޖެ ގެނެސްފާ ވަނީ މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހެވެ.

ފުލުހުން މީގެ ކުރިން ބުނީ މިފަދަ މައްސަލަތަކުގައި ރިސްކު އެސެސްމެންޓު ހަދާ ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ނަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ.

އެ އާއިލާ ބަންދުކުރި މުއްދަތު މިއަދަށް ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 8 މަސް ވަންދެން ރީހެބިލިޓޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާއަތު ތަކާބެހޭ ގަވާއިދު ބުނާގޮތުން މަރުކަޒުގައި ބަންދުކުރާ މީހުންގެ އިންޓެލިޖެންސް ޑީ-ބްރީފިންއެއް ހަދާ އެ ފަރާތެއް ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ މިންވަރު ދެނެގަންނަން ޖެހެއެވެ. އަދި އެ ފަރާތެއްގެ ކިބައިން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އެ ފަރާތެއްގެ ރިސްކް އެސެސްމަންޓް ހަދާ އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ކަމަށް ކަނޑައަޅައިފިނަމަ އެ ފަރާތެއް އިދާރީ ބަންދުން ދޫކުރުމަށް ކަނޑައަޅާނީ ހޯމް މިނިސްޓަރެވެ. މީގެއިތުރުން އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ނޫން ކަމަށް ކަނޑައަޅައިފިނަމަ އެ ފަރާތެއް ބަންދުން ދޫކުރެވޭނީ އަލުން ރީހެބިލިޓޭޝަން ޕްރޮގްރާމާއި ރީ އިންޓަގްރޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހުއެވެ.