އައިޖީއެމްއެޗްގައި ކުރި ބައެއް އޮޕަރޭޝަންތަކުގެ ތެރެއިން ނޭވާ ހޮޅިން ނެގި ގާކޮޅުކޮޅާއި، ޕްލާސްޓިކް އަދި ޕިން ފަދަ ތަކެތީގެ ފޮޓޯތައް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ، މުހައްމަދު އަލީ އާންމު ކުރައްވައިފިއެވެ.

މި ފޮޓޯތައް އާންމު ކުރައްވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ، ފުއްޕާމޭގެ ހާއްސަ ޑޮކްޓަރުން ކަމުގައިވާ ޑރ މޫސާ ހުސައިންއާއި ޑރ މުހައްމަދު އިސްމާއީލްގެ ޓީމާ އޭނާ ގުޅިވަޑައިގެންނެވި ފަހުން ކުރި އޮޕަރޭޝަންތަކުގެ ތެރެއިން މީހުންގެ ނޭވާ ހޮޅިން ނެގި އެއްޗެއްހި ކަމަށެވެ.

ޑރ. މުހައްމަދު އަލީ ހިއްސާކުރެއްވި ފޮޓޯތަކަށް ބަލާއިރު އެންމެ ގިނައިން ނަގާފައިވަނީ ޕިނެވެ. މީގެ އިތުރުން ލާރި އާއި، ތަފާތު ވައްތަރު ވައްތަރުގެ ޕްލާސްޓިކްކޮޅުގެ އިތުރުން ގަކޮޅުކޮޅު ވެސް ހިމެނެއެވެ.

މިފަދަ ކަންކަމަކީ މަދުން ނަމަވެސް ރާއްޖޭގައި ދިމާވާ ކަމަކަށް ވީ ނަމަވެސް މިއީ ހީކުރާ ވަރަށް ވުރެ ނުރައްކާތެރި ކަންކަމެމެވެ. ނޭވާލާ ހޮޅިއަށާއި ފުއްޕާމެއަށް އަދި ކާހޮޅިން ޕިން ފަދަ އެއްޗެހި ގޮސްގެން އެތައް އޮޕަރޭޝަންތަކެއް އައިޖީއެމްއެޗްގައި ވަނީ ކޮށްފައެވެ.

އެފަދަ ހާދިސާތައް ގިނަވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ އަނގަޔަށް ކާއެއްޗެހި އަޅައިގެން ދުވެ ކުޅުމާއި ހެދުމާއި ބުރުގާގައި ޕިން ޖަހަން އުޅޭ އިރު، ބުރުގާ ޕިން ފަދަ އެއްޗެހި އަނގަޔަށް ލައިގެން އުޅުމާއި ކުޅޭ އެއްޗެހި އަނގަޔަށް ލައިގެން އުޅުން ފަދަ ކަންކަން ކުރުން ކަމަށް ޑޮކްޓަރުން ބުނެއެވެ.

އައިޖީއެމްއެޗްގެ އިތުރުން އެތައް ފަހަރަކު ރާއްޖޭގެ ހޮސްޕިޓަލްތަކުން ވަނީ ޕިން އާއި ކުޅޭ ތަކެތި ދިރިގެން، އެ ތަކެތި ނެގުމަށް އޮޕަރޭޝަން ކޮށްފައެވެ.