ފެބުރުއަރީ 24، 2022 ވަނަ ދުވަހު ރަޝިއާ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށި ފަހުން ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ދިޔަ މީހުންގެ އަދަދު 4.5 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް އދގެ ހައިކޮމިޝަނާ ފޮ ރެފިއުޖީޒް (ޔޫއެންއެޗްސީއާރް)އިން ހާމަ ކޮށްފިއެވެ.

ރަޝިއާއިން ކުރަމުން ދާ ހަނގުރާމަ ގަދަވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ ފުރާނައަށް ނުރައްކާވެ، މަދަނީ އުމްރާނީ ބިނާވެއްޓަން ގެއްލުންތައް ކުރިމަތިވެ، ރައްކާތެރި ހިޔާވަހިކަމާއި އެހީ ހޯދަން ނިކުތުމަށް އާންމުންނަށް މަޖުބޫރު ވެފައި ވާ ކަން ޔޫއެންއެޗްސީއާރުން ވަނީ ފާހަގަ ކޮށްފައެވެ.

ޔޫއެންއެޗްސީއާރުން ހާމަ ކުރި ގޮތުގައި ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ދިޔަ ގިނަ މީހުން އެތެރެވެފައި ވަނީ ޔޫކްރައިންގެ އަވަށްޓެރި ގައުމުތަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ގިނަ އަދަދެއްގެ ބަޔަކު ހިޖުރަ ކުރީ ޕޯލަންޑަށެވެ. ގާތްގަނޑަކަށް 2.6 މިލިއަނެއްހާ ޔޫކްރައިން ރެފިއުޖީންނަށް ޕޯލަންޑުން މަރުހަބާ ކިއާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ރޯމޭނިއާ، ހަންގޭރީ އަދި މޮލްޑޯވާއިން އެކު ޖުމުލަ 2 މިލިއަނެއްހާ ރެފިއުޖީން ބަލައިގެންފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޔޫކްރައިން ހަނގުރާމައިން ސަލާމަތްވުމަށް އާންމުން ބޭނުން ކުރި އުޅަނދުތަކެއްގައި ރޯކޮށްލާފައިވޭ / ފޮޓޯ: ސީއެންއެން

އަވަށްޓެރި ގައުމުތަކުގެ އިތުރުންވެސް އެހެން ހިސާބުތަކަށް، ޔޫކްރައިންގެ ރެފިއުޖީން ދަނީ ދަތުރު ކުރަމުންނެވެ. އެގޮތުން ޖަޕާނުންވެސް ދާދި ފަހުން ވަނީ ޔޫކްރައިންގެ ރެފިއުޖީންނަށް މަރުހަބާ ކިޔާފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން ވަނީ ޔޫކްރައިން ރެފިއުޖީންނަށް ހިޔާވަހިކަން ފޯރުކޮށްދޭ އާއިލާތަކަށް މާލީ ބަދަލު ދޭ ސްކީމެއްވެސް ތައާރަފު ކޮށްފައެވެ.