ވ. އަތޮޅުގެ ބައެއް ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލަ ބަލައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގައި އެދިއްޖެއެވެ.
އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ފުޑް ވޭސްޓް މޫދަށް އެޅުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށާއި ނަމަވެސް އެ އަތޮޅުގެ ބައެއް ރިސޯޓްތަކުން މޫދަށް އެފަދަ ކުނި އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ވ. އަލިމަތާ އަދި ވ. ދިއްގިރި ރިސޯޓުން މޫދަށް ކުނި އަޅަމުންދާތީ އެމައްސަލައި ބަލައި ދިނުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލަ ބަލައި ދިނުމަށް ޓޫރިޒަމް މިނިސްޓްރީއަށާއި، އެންވާރަމަންޓް މިނިސްޓްރީ އާއި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ޝުޖާއު ވަނީ އެދިވަޑައިގެންފަވެ.
އޭނާގެ ޓްވީޓާ ހެންޑްލަގައި ވަނީ އެ ރިސޯޓްތަކުން މޫދަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމު ކުރައްވާފައެވެ. އެ ވީޑިއޯ އިން ފެންނަނީ ބާލިދީ ފަދައިން ހަދާފައިވާ ޓައްޕުތަކެއް ފުރާ ހުރި ކުނިތަކެއް މޫދަށް އަޅާ މަންޒަރެވެ.
މި މައްސަލައާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
މީގެ 15 އަހަރު ކުރިން އަމަލުކުރަން ފެށި ޓޫރިޒަމް މިނިސްޓްރީގެ ގަވައިދަކުން ވަނީ ރިސޯޓުތަކުން ބާކީވާ ކާއެއްޗެއްސާއި އަމިއްލައަށް ހަލާކުވެގެންދާނެ ތަކެތި މޫދަށް އެޅުމުގެ ހުއްދަ ދީފައެވެ. ނަމަވެސް ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލަ ބޮޑުވާން ފެށުމުން ފަހުން ވަނީ އެ އިސްލާހަށް ބަދަލު ގެނެސް މޫދަށް ކުނި އެޅުން މަނާ ކޮށްފައެވެ. އެ ގަވާއިދުގެ 5.3.3 މާއްދާގައި ބުނަނީ ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތުގައި ކަނޑަށް ކުނި އަޅަން ޖެހިއްޖެނަމަ އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ހަލާކުވެގެންދާނެ ތަކެތި ކަމަށާއި، އަމިއްލައަށް ނެތިގެންދާ ކުނި އުކާލަން ޖެހޭނީ ވެސް އަތޮޅުން ބޭރަށް، ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް ކަމަށެވެ.
އެ ގަވައިދުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ފުރަތަމަ ފަހަރަށް 1000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އެކަން ތަކުރާރު ކޮށްފިނަމަ 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާއިރު، އެއްފަހަރަށް ވުރެ ގިނައިން އެކަމެއް ތަކުރާރު ކޮށްފިނަމަ ޓޫރިސްޓުން ބޭތިއްބުމަށް ދީފައިވާ ހުއްދަ ބާތިލްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.