ރޯދަ މަހު މުސްލިމް އަޅާ މާތް ﷲ އަށް ކުރާ އަޅުކަންތަކުގެ ތެރެއިން އެމަހަށް ހާއްސަވެގެންވާ އެއް އަޅުކަމަކީ ކޮންމެ ރެއެއްގެ އިޝާ ނަމާދަށް ފަހު ކުރާ ތަރާވީސް ނަމާދެވެ.
ތަރާވީސް ނަމާދަކީ ރޯދަމަހެއްގެ ކޮންމެ ރެއެއްގައި އިޝާ ނަމާދަށް ފަހު ކުރާ ސުންނަތް ނަމާދެކެވެ. ތަރާވީސް ނަމާދަކީ ރަސޫލާ މުހައްމަދު صلى الله عليه وآله وسلم ގެ ސުންނަތެކެވެ. މިކަން ތަރާވީސް ނަމާދު ކުރަން ފެށި ގޮތަށް ބަލައިލުމުން ވެސް ފާހަގަވެގެންދެއެވެ.
އިމާމް މުސްލިމް ރިވާ ކުރެއްވި ހަދީސެއެއްގައި ވާ ގޮތުން ރަސޫލާ صلى الله عليه وآله وسلم އެންމެ ފުރަތަމަ ތަރާވީސް ނަމާދު ކުރެއްވީ އެކަލޭނގެފާނު މިބިންމަތީ ހޭދަކުރެއްވި އެންމެ ފަހު އަހަރުގެ ރޯދަމަހުގެ ތެރޭގައެވެ. މިގޮތުން ފުރަތަމަ ރޭ ރަސޫލާ ސައްލައްﷲ އަލައިހި ވައްސަލަމް ތަރާވީސް ނަމާދު ކުރެއްވި އިރު ބައެއް މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރިއެވެ.
ޖެހިގެން އައި ރޭގެ ތަރާވީސް ނަމާދުގެ ވަގުތު ޖެހެންވާ އިރަށް އެ ނަމާދު ރަސޫލާ ސައްލައްﷲ އަލައިހި ވައްސަލަމް ކުރައްވާކަން މީސްތަކުންގެ މެދުގައި ފެތުރި މިސްކިތަށް އެއްވި މީހުން ގިނަވި އިރު ތިންވަނަ ރޭ ރަސޫލާ ސައްލައްﷲ އަލައިހި ވައްސަލަމްގެ ފަހަތްޕުޅުގައި ތަރާވީސް ނަމާދު ކުރި މީހުން އެއަށް ވުރެ ގިނައެވެ.
ހަތަރުވަނަ ރޭ ތަރާވީސް ނަމާދަށް ތައްޔާރުވެ ގިނަ ބަޔަކު މިސްކިތަށް އެއްވި ނަމަވެސް، އެރޭ ރަސޫލާ صلى الله عليه وآله وسلم ނަމާދުކުރެއްވީ އެކަލޭނގެފާނުގެ ގެކޮޅުގައި ގިނިކަންޏާއެވެ. އަދި ކުރެއްވި ހަދީސެއްގެ މާނާގައި ވެއެވެ. [މިސްކިތުގައި ތިޔަބައިމީހުންނާ އެކު ނަމާދުކުރެއްވި ތިމަންކަލޭނގެފާނަށް ހުރަސް އެޅި ހަމައެކަނި ކަމަކީ މިކަން (ތަރާވީސް ނަމާދު) ތިޔަ ބައިމީހުންގެ މައްޗަށް ފުރުޟެއް ކަމުގައި ލައްވަފާނެކަމުގެ ބިރު ހީފުޅުވުމެވެ].
ރަސޫލާ ސައްލައްﷲ އަލައިހި ވައްސަލަމް ކުރެއްވީ ތަރާވީހުގެ 8 ރަކުއަތާއި ވިތުރީގެ ތިން ރަކުއަތް
އިމާމް އަލް ބުހާރީގެ ރިވާ ކުރެއްވި ހަދީސެއްގައިވާ ގޮތުން ރަސޫލާ ސައްލައްﷲ އަލައިހި ވައްސަލަމް ރޭގަނޑުގެ ވަގުތުގައި އަޅުކަން ކުރެއްވި ގޮތާ މެދު އައިޝާ ރަޟިޔަﷲ އަންހު އާ ސުވާލު ކުރެވުނެއެވެ. އަދި އެކަމަނާ ވިދާޅުވިއެވެ.
"ރޯދަމަހު ވެސް އަދި އެ ނޫން މަސްތަކުގައި ވެސް ރޭގަނޑު އެކަލޭނގެފާނު 11 ރަކުއަތަށް ވުރެ ގިނައިން ނަމާދެއް ނުކުރައްވައެވެ. އެކަލޭނގެފާނު ބައެއް ފަހަރު 4 ރަކުއަތް ކުރެއްވިއެވެ. އެރަކުއަތްތަކުގެ މާތްކަމާއި ދިގުމިނާ ބެހޭ ގޮތުން ތިމަންކަމަނާއާ ސުވާލު ނުކުރާށެވެ. އެއަށް ފަހު އެކަލޭނގެފާނު އިތުރު 4 ރަކުއަތް ކުރައްވައެވެ. އެރަކުއަތްތަކުގެ މާތްކަމާއި ދިގުމިނާ ބެހޭ ގޮތުން ވެސް ތިމަންކަމަނާއާ ސުވާލު ނުކުރާށެވެ. ދެން އެކަލޭނގެފާނު ވިތުރީގެ ތިން ރަކުއަތް ކުރައްވައެވެ".
އިމާމް އާއެކު ތަރާވީސް ކުރާ ނަމަ އިމާމް ނިމެންދެން ތަރާވީސް ކުރުން
އަލް ނަސާއީ ރިވާކުރައްވާ އަލް އަންބާނީ ކަށަވަރުކުރެއްވި ހަދީސެއްގައި ވަނީ "އިމާމް އާއެކު ތަރާވީސް ނަމާދު ނިންމާ މީހާއަށް މުޅި ރޭގެ ސަވާބު މާތް ﷲ ތައާލާ ދެއްވާހުށިކަމެވެ".
އެހެން ކަމުން މިސްކިތުގައި ތަރާވީސް ކުރާ އިރު އިމާމް މީހާ 20 ނުވަތަ 36 ރަކުއަތް ކުރާ ނަމަ 8 ރަކުއަތްކޮށް އަމިއްލައަށް ޖަމާއަތުން ފައިބައިގެން ނުދާށެވެ.
މުހިންމީ އަދާކުރާ ރަކުއަތަށް ވުރެ އަޅުކަމުގައި ހޭދަކުރާ ވަގުތު
ތަރާވީސް ނަމާދުގައި އެންމެ އައުލާކަން ބޮޑީ ކިތަށް ރަކުއަތް ކުރުން ކަމާ މެދު އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުން ތަކެއް ހުރި އިރު މިކަމުގައި ރަސޫލާ صلى الله عليه وآله وسلم ކަން ކުރެއްވި ގޮތް ބެލުން މުހިންމެވެ. މިގޮތުން ރިވާވެގެންވާ ގޮތުގައި އެކަލޭނގެފާނު 8 ރަކުއަތް ކުރައްވާ ތަރާވީސް ނަމާދު ތައް ބައެއް ރޭ ރޭ 5 ގަޑިއިރަށް ދެމިގެންދާ ފަހަރު އަންނަ ކަމާއި މިކަމުގައި ބަލަންވީ ވީހާވެސް ގިނަ އިރު އަޅުކަމުގައި ހޭދަކުރުން ކަމަށް ބެލެވެއެވެ.