ރަޝިއާގެ އުދުވާންތަކުގައި ބިރުވެރިކަމާއި ހިތްދަތިކަމުގައި ދުވަސްތައް ގުނަމުންދާ ޔޫކްރައިން ރައްޔިތުންނަށް ހާއްސަކޮށްގެން، މަޝްހޫރު ރޮކް ބޭންޑް "ޕިންކް ފްލޮއިޑް" އިން މިއަދު ހާއްސަ ލަވައެއް ރިލީޒް ކޮށްފިއެވެ.

"ހޭއި ހޭއި ރައިޒް އަޕް"ގެ ނަން ދީފައި ވާ މި ލަވައާ ގުޅިގެން "ޕިންކް ފްލޮއިޑް" އިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މި ލަވައިން ލިބޭ ހުރިހާ އާމްދަނީއެއް ހަދިޔާ ކުރާނީ، ޔޫކްރައިންއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ކަމަށެވެ.

"ހޭއި ހޭއި ރައިޒް އަޕް" އަކީ، 1994 ވަނަ އަހަރު "ޕިންކް ފްލޮއިޑް" އިން ފުރަތަމަ ފަހަރަށް ގެނެސްދިން އާ ލަވައެވެ. ލަވަ ހުށަހަޅާ ދީފައި ވަނީ ގިޓަރިސްޓް ޑޭވިޑް ގިލްމޯ، ބެރުވެރިޔާ ނިކް މޭސަން، އަދި ބޭސް ގިޓަރިސްޓް ގައީ ޕްރެޓްއާއި ކީބޯޑް ކުޅުންތެރިޔާ ނިޓިން ސޯނީއެވެ.

މީގެ އިތުރުން ޔޫކްރައިންގެ ބޭންޑެއް ކަމަށް ވާ "ބޫމްބޮކްސް"ގެ އަންދްރީ ކްލީވްންޔުކްގެ އަޑުން ކިއާފައިވާ ބައިތަކެއްވެސް، "ހޭއި ހޭއި ރައިޒް އަޕް"ގައި ހިމަނާފައިވެއެވެ. އެގޮތުން ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ޅެމެއް، ޔޫކްރައިންގެ ވެރިރަށް ކިއޭވްގައި ކްލީވްންޔުކްގެ ހުށަހަޅައިދިން އިރުގެ އަޑުތައް، "ހޭއި ހޭއި ރައިޒް އަޕް"ގައި ހިމަނާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއުޒިކީ ދުނިޔޭގައި އިތުރު ތައާރަފަކަށް ބޭނުން ނުވާ ގިލްމޯ ބުނީ ކްލީވްންޔުކްގެ ހުށަހެޅުމުގެ ސަބަބުން އޭނާގެ ހިތަށް ފުން އަސަރެއް ކޮށްފައި ވާ ކަމަށެވެ. ގިލްމޯގެ ދަރިއަކު ކައިވެނި ކޮށްގެން އުޅެނީ ޔޫކްރައިން މީހަކާ ކަމަށް ވާއިރު، ޔޫކްރައިންއަށް ނިސްބަތްވާ ކާފަ ދަރިންވެސް ގިލްމޯގެ އެބަތިއްބެވެ.

ޕިންކް ފްލޮއިޑްއިން ހާމަ ކޮށްފައި ވާ ގޮތުގައި، ބޭންޑު ދޫކޮށް އަސްކަރިއްޔާއާއި މިހާރު ގުޅިފައި ވާ ކްލީވްންޔުކް ދަނީ، ހަނގުރާމާގައި އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވަ ހޯދަމުންނެވެ.

"ހޭއި ހޭއި ރައިޒް އަޕް" މި ލަވައިގެ ކުރެހުމެއްގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ ޔޫކްރައިންގެ ގައުމީ މަލުގެ ގޮތުގައި ބަލަމުން އަންނަ ސަންފްލާވާއެވެ. އަދި ކުރެހުމުގައި ސަންފްލާވާ ބޭނުން ކުރި ސަބަބެއް ކަމުގައި، ރަޝިއާގެ ސިފައިންނަށް ޔޫކްރައިންގެ އަންހެނަކު ސަންފްލާވާ އޮށް، ބެހި ބެހުން ހިމެނޭ ކަމަށް ބޭންޑުން ވަނީ ބުނެފައެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ފެބުރުއަރީ 24 ވަނަ ދުވަހު ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށީ، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށެވެ.