އިސްލާމް ދީނުގެ ރުކުންތަކާއި ހަމަތަކަށް އަޅުގަނޑުމެން ބޮޑެތި މީހުން އަހުލުވެރިވާ ފަދައިން ކުޑަކުދިންގެ އުމުރާ ގުޅޭ ގޮތުން އެކުދިންނަށް ވެސް މިމައުލޫމާތުތައް ކިޔާ ދިނުމަކީ ކުއްޖާގެ އިސްލާމީ އަގީދާގެ ތަނބު އޭނގގެ އެންމެ ވަރުގަދަ ގޮތުގައި އެޅިގެންދާނެ ގޮތެވެ.
މިކަމުގައި ކިޔާ ދިނުމުން އެކަނި ނުފުދޭ އިރު މައިންބަފައިން އަޅުކަން ކުރާ ތަން ފެނި އެގޮތަށް ތުއްތު ކުއްޖާވެސް އުޅެން ބޭނުން ވުމަކީ ހިތަށް ލިބޭނެ ހިތްހަމަޖެހުމެއް ކަން ޔަގީނެވެ. ނަމާދުގެ ހަރަކާތްތައް އެންމެ ތުއްތު އިރު ކުއްޖާ ނަކަލު ކުރާ އިރު ކޮންމެ އަހަރެއްގެ ރޯދަމަހު ފަރުޟު ރޯދަ 'ހިފުމަށް' ވެސް ބާރު އެޅިދާނެއެވެ.
ރޯދައަކީ ބާލިޣުވެފައިވާ މުސްލިމުންނަށް ހިފުން ވާޖިބު އެއްޗަކަށްވީ ހިނދު ރާއްޖޭގައި އާންމު ގޮތެއްގައި ކުޑަކުދިން ރޯދައަށް ބަހައްޓާ އުމުރަކީ 6 ނުވަތަ 7 ކެވެ. ބާލިޣުނުވާ ނަމަ ކުއްޖާ މި އުމުރުގައި ރޯދަ ހިފުން އަދި ވާޖިބު ނުވާ އިރު ރޯދައަށް ލޯބި ޖެއްސުމަށް މި ދަންނަވާ ކަންކަން ކުރެވިދާނެއެވެ.
ރޯދަ ހިފުމަކީ ކޮބައިކަން ކުއްޖާއަށް ކިޔާ ދިނުން
ކުޑަ ކުއްޖާގެ ސިކުނޑިއަކީ މޮޑެފައިވާ އޮތް ފުށް ގަނޑެއްހެން ބޭނުންވާ ކޮންމެ ބައްޓަމަކަށް ފަސޭހައިން ހަދާލެވޭނެ އެއްޗަކަށްވާ އިރު އެކުދިންނަށް ފަހުމްވާ ގޮތަށް ތިލަ މާނައިގައި ދީނުގެ ރުކުންތައް ކިޔާ ދިނުމަކީ މުހިންމު ކަމެކެވެ. ރޯދައަކީ ކޮބައިކަމާ ރޯދައަށް ހުންނަ ޖެހޭނީ ކިހިނެއްކަން ކުއްޖާއަށް ކިޔާ ދޭށެވެ. އަދި ރޯދައަށް ހުރެގެން ކުރަން ޖެހޭ ކަންކަންމާ ނުކުރެވޭ ކަންކަން ސާފު ބަހުން ބަޔާންކޮށްދޭށެވެ. ހަނދާންކުރާށެވެ. ކުއްޖާއާއި މިފަދަ މައުލޫމާތު ހިއްސާކުރަނީ އުމުރާ ގުޅޭ ގޮތުންނެވެ.
ރޯދަ ހިފުމަކީ ހައެކަނި ކާބޯތަކެތިން މަހްރޫމްވެގެން ހުރުން ނޫން ކަން ކިޔާދިނުން
ރޯދައިގެން މުހިންމުކަން ކުއްޖާއަށް ކިޔާ ދޭ އިރު ރޯދަ ހިފުމަކީ ހަމައެކަނި ފަތިސް ނަމާދުން ފެށިގެން މަގްރިބް ނަމާދާ ހަމައަށް ކާބޯތަކެތިން މަހްރޫމްވެގެން ހުރުން ނޫން ކަން ކުއްޖާއަށް ވިސްނާދޭންވާނެއެވެ. ކުއްޖާ ކުޅެން އުޅޭ އިރު ރުޅިމަޑުކުރުމަށާއި ކެތްތެރިވުމަށް ނަސޭހަތްވާށެވެ. އަދި ކުއްޖާ ލައްވާ ނަމާދުކުރުވާ ޤުރުއާން ކިޔަވާ އަދަދު އިތުރު ކުރާށެވެ.
ރޯދަމަހުގެ ރޯދަ ނުހިފޭ މީހުން ވެސް ތިބޭ ކަން ވިސްނާ ދިނުން
ފަރުޟު ރޯދަ އެންމެހާ އަޅުތަކުންގެ މައްޗަށް ވާޖިބުވާ ނަމަވެސް ބައެއް ހާލަތްތަކުގައި ރޯދަ ހިފުމުން ބައެއް މީހުން އިސްތިސްނާ ވާނެ ކަން ކުއްޖާއަށް ކިޔާ ދިނުން މުހިންމެވެ. މުސްކުޅި މީހުންނާއި ބަލިމީހުންގެ އިތުރުން ދަތުރުވެރިންނާ ހައިލުވެރި އަންހެނުން ރޯދަ ހިފުމުން އިސްތިސްނާ ވާނެކަން ކިޔާ ދެވިދާނެއެވެ. އެހެން ނަމަވެސް މި ހުރިހާ ފަރާތެއް ވެސް ރޯދަ އަލުން ހިފަން ޖެހުން ނުވަތަ ރޯދައިގެ ފިދްޔަ ދޭން ޖެހޭ ކަން ވެސް ކުއްޖާއަށް ކިޔާ ދޭންވާނެއެވެ.
ރޯދަ ހިފުމަށް ޝައުގުވެރިކުރުވުމުގެ ގޮތުން ކުރެވިދާނެ ކަންކަން
އުމުރުން ބޮޑުވާ ވަރަކަށް ގިނަ ރޯދަ ހިފަން ކުއްޖާއަށް ބާރު އަޅަންވާނެއެވެ. އަދި މިކަމުގައި ކުއްޖާ މަސްއޫލުވެރިކުރުވުމަށް ރޯދަ ޗާޓެއް ހެދިދާނެއެވެ. މިގޮތުން ހަދާ ޗާޓެއްގައި ކުއްޖާ ހިފާ ރޯދައިގެ އަދަދާ ކުރާ ނަމާދުގެ އަދަދު ފާހަގަކުރެވިދާނެއެވެ. ރޯދަމަހަކީ ކީރިތި ޤުރުއާންގެ މަސް ކަމުން ޤުރުއާން ކިޔެވުން އިތުރުކޮށް އެކަމަށް ބާރު އެޅުމަށް ވެސް ރޯދަ މަަހުގެ ޗާޓް ބޭނުން ކުރާށެވެ.
މި ޗާޓުން ކަމެއް ފުރިހަމަ ކުރާ ކޮންމެ ފަހަރަކު އިނާމެއް ދިނުން ފަދަ ކަންކަން ކުރުމާ ދުރުވާށެވެ. ބަދަލުގައި ކުއްޖާއަށް ތައުރީފުކުރާށެވެ. ކުއްޖާގެ ކެތްތެރިކަމާ ހިތްވަރު ފާހަގަކުރާށެވެ.
ރޯދައާއެކު ފިތުރު ޒަކާތުގެ އަޅުކަމުގައި ވެސް ކުއްޖާ ބައިވެރިކުރުން
ރޯދަ މަހުގެ ރޯދައާއެކު އިސްލާމް ދީނުގެ ހަތަރު ވަނަ ރުކުން ކަމަށްވާ ޒަކާތުގެ ތެރެއިން ފިތުރު ޒަކާތަކީ ރޯދަމަހުގެ ތެރޭގައި ދައްކަން ޖެހޭ އެއްޗެކެވެ. މިފުރުސަތުގެ ފައިދާ ނަގާ ކުއްޖާއަށް ޒަކާތުގެ ބޭނުންމާ ޒަކާތް ދައްކަން ޖެހޭ ގޮތް ކިޔާދީ ހަދާށެވެ.