ރަޝިއާއާ ދެކޮޅަށް އެމެރިކާއިން އެންމެ ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ރަޝިއާގެ އާބާދީއަށް، ވަކިން ހާއްސަކޮށް، އާންމު ރައްޔިތުންނަށް ގެއްލުންދެނިވި ފިޔަވަޅުތަކެއް ކަމަށް، ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެންޓޯލީ އެންޓޮނޯވް ވިދާޅުވެއްޖެއެވެ.

ރަޝިއާ އެމްބަސީގެ ޓެލެގްރާމް ޗެނަލްގައި ސަފީރު ކުރެއްވި ޕޯސްޓަކާ ހަވާލާދީ، ސީއެންއެންއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން، މެދުކެނޑުމެއް ނެތި ދެމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހަމަލާތަކުން އެމެރިކާގެ ހަގީގީ މަގުސަދު ސާފު ވާ ކަމަށެވެ.

އާންމު ދަރަނި ހަލާސް ކުރުމަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ހުރަސްތަކުގެ ސަބަބުން ސުވާލު އުފެދޭ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ މަގުސަދުތަކުގެ ތެރޭގައި ރަޝިއާގެ އަބުރު ކަތިލުން ހިމެނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ ރަޝިއާގެ ވަރުގަދަ މާލީ މުއައްސަސާތަކާ ދެކޮޅަށް އެމެރިކާއިން ބުދަ ދުވަހު އާ ފިޔަވަޅުތަކެއް އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ފިޔަވަޅުތައް ވަރުގަދަ ކުރަމުން ދަނީ ރަޝިއާއިން ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ޔޫކްރައިންގައި އާންމުން މަރަމުންދާ ދިއުމާ ގުޅިގެން، ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމުގެ ކުށުގައެވެ.