މަރުގެ ހުކުމް އިއްވާފައިވާ ގައިދީންގެ މައްޗަށް އެ ހުކުމް ތަންފީޒުކޮށް، ފުރިހަމައަށް މަރު ސާބިތުވުމުގެ ކުރިން، ހިތުގެ ޓްރާންސްޕްލާންޓް އޮޕަރޭޝަންތައް ކުރުމަށްޓަކާ އެ ގައިދީންގެ ހިތް ނަގާ ކަމުގެ ތުހުމަތު، ޗައިނާގެ އެތައް ސަތޭކަ އޮޕަރޭޝަން ޑޮކްޓަރުންނަށާއި ސިއްހީ ހިދުމަތްތެރިންނަށް، އާ އިލްމީ ކަރުދާހަކުން އަމާޒު ކޮށްފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ މިންގަނޑުތައް ބުނާ ގޮތުގައި ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުމަށް އެ ގުނަވަނެއް ނެގުމަކީ، ޑޯނަރު މަރުވި ސަބަބު ކަމުގައި ވެގެން ނުވެއެވެ. ނަމަވެސް އެމެރިކަން ޖާނަލް އޮފް ޓްރާންސްޕްލާންޓްގައި ޝާއިއުކޮށްފައި ވާ ދިރާސާއިން ދައްކާ ގޮތުގައި ޗައިނާގެ ޑޮކްޓަރުން އަމަލު ކޮށްފައި ވަނީ، މި އުސޫލާ ދިމާ އިދިކޮޅަށެވެ.

މި ދިރާސާ ކޮށްފައި ވަނީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީއިންނެވެ.

ޗައިނާގެ ސައެންޓިފިކް ޖާނަލްތަކުގައިވާ 2838 މުރާޖައާއަކަށް ބަލާއިރު، 71 ކޭހެއްގައި، ސިކުނޑި މަރުވިކަން، ސައްހަ ލިޔެކިއުމަކުން ސާބިތު ކުރުމުގެ ކުރިން، ހިތް ނުވަތަ ފުއްޕާމޭ ނެގިކަން ވަނީ ހާމަވެފައެވެ. ސިއްހީ މިންގަނޑުތައް ބުނާ ގޮތުން، ސިކުނޑި މަރުވުމުގެ ހާލަތުގައި އޮންނަ މީހަކީ، ވެންޓިލޭޓަރަކާ ނުލާ ދިރިނުއޮންނާނެ މީހެކެވެ.

މި 71 ކޭހަކީ 1980 އާއި 2015 އާ ދެމެދު ހިނގާފައިވާ ކޭސްތަކެކެވެ. 2015 ވަނަ އަހަރަކީ، ގައިދީންގެ ގުނަވަންތައް، ޓްރާންސްޕްލާންޓަށް ބޭނުން ކުރުން، ޗައިނާގައި މަނާ ކުރި އަހަރެވެ. އޭގެ ކުރިން ޗައިނާގައި ހެދި ޓްރާންސްޕްލާންޓްތަކުގައި އެންމެ ގިނައިން ބޭނުން ކުރަމުން ދިޔައީ ގައިދީންގެ ހަށިގަނޑުން ނެގި ގުނަވަންތަކެވެ. ސަބަބެއް ކަމުގައި ވަނީ އަމިއްލަ އިހުތިޔާރުގައި ގުނަވަން ހަދިޔާ ކުރާ މީހުންގެ އަދަދު މަދުވުމެވެ.

ދިރާސާގެ އިސް މުސައްނިފު މެތިއު ރޮބާޓްސަން ވިދާޅުވާ ގޮތުގައި ޗައިނާގެ ސާޖަންސްއިން ނުވަތަ އޮޕަރޭޝަން ކުރާ ޑޮކްޓަރުންގެ ހިންގާފައި ވަނީ ބަޑިޖަހާ ބައެއް ނުވަތަ މަރާލަން ޖަހާ އިންޖެކްޝަން ޖަހާ ބަޔަކު ފެށި މަސައްކަތުގެ ބައެކެވެ. ހުކުމް ތަންފީޒު ކުރުމަށްޓަކާ އަދަބެއްގެ ގޮތުން ބަޑިޖެހުން ނުވަތަ އިންޖެކްޝަން ޖެހުމަށް ފަހުގައިވެސް އެމީހެއްގެ ފުރާނަ ސަލާމަތް ވުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، މުހިންމު ގުނަވަނެއް ނެގުމުގެ ސަބަބުން މަރުވެއެވެ.

ރޮބާޓްސަން ވިދާޅުވީ ދައުލަތުގެ ފަރާތުން މަރުގެ ހުކުމް ތަންފީޒު ކޮށްދޭ ބަޔަކަށް ޗައިނާގެ ޑޮކްޓަރުން ވެފައި ވާ ކަމަށެވެ.

ސިކުނޑި މަރުވުމުގެ ކޭސްތައް އެންމެ ފުރިހަމައަށް ނުނިންމާ ހުރި ކޭސްތަކުގެ "ފައިދާ ބޮޑު" ކަމަށް ދިރާސާ ކުރި ފަރާތްތަކުން ވަނީ އިޝާރާތް ކޮށްފައެވެ. އެގޮތުން ގުނަވަން ބަދަލު ކުރުމަށްޓަކާ، ގައިދީ މަރާނުލާ ބެއްވީ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

ސުވާލު އުފެދޭ ގޮތަށް ހުރި މިފަދަ ކޭސްތަކާ ގުޅިގެން 348 އޮޕަރޭޝަން ޑޮކްޓަރުންނާއި، ނަރުހުންނާއި، ހޭނައްތާ ޑޮކްޓަރުންގެ އިތުރުން ސިއްހީ ހިދުމަތްތެރިން ނުވަތަ ރިސާޗަރުންނަށް ތުހުމަތު އަމާޒުވެއެވެ.

ޗައިނާއިން ގަބޫލު ކުރާ ގޮތުގައި މަރުގެ ހުކުމާ ގުޅޭ ތަފާސް ހިސާބުތަކަކީ ސިއްރު މައުލޫމާތެކެވެ. އަދި މިފަދަ ސިއްރުތަކެއް ހުރުމުން، ގުނަވަން ބޭނުން ކުރުމުގެ ޖަރީމާ ހިންގާ ކަން ނުވަތަ ނޫން ކަން މުޅިން ސާފެއްވެސް ނުވެއެވެ.