ހިޔާ ފްލެޓުން ކުލި ނެގުން ތިން މަހަށް ފަސްކޮށްދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފްއެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލައިގާ ބުނެފައިވަނީ ސަރުކާރުން ފްލެޓްތައް ހަވާލުކުރިއިރު ފިނިޝިން ނުނިންމާ ހުރުމުގެ ސަބަބުން އެ ތަންތަން ލިބުނު ގިނަ ފަރާތްތަކުން ވަނީ ދަރަންޏަށް ތަކެއްޗާއި ފައިސާ ނަގައި އެ ދަރަނިތައް ބޮލުގައި އަޅަން ޖެހިފާ ކަމަށެވެ. އަދި އެ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައި ނުވާއިރު އެހެން ލޯނެއް ލިބޭނެ އިންތިޒާމެއް އެފަރާތްތަކަށް ހަމަޖައްސައި ދެވިފައި ނެތް ކަމަށް ވެސް އެ ހުށައެޅުމުގައި ވަނީ ބުނެފައެވެ.

އެ ހުށައެޅުމުގައި އިތުރަށް ބުނެފައި ވަނީ ކޮވިޑް 19 ގެ ބަލިމަޑުކަމާއި ތަދުމަޑުކަމަށް ފަހު މާލީގޮތުން ރައްޔިތުންނަށް އަރައިނުގަނެވެނީސް ރޯދަ މަސް ފެށުމާއެކު ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހުމުން ވަރަށް ގިނަ ބަޔަކަށް މާލީގޮތުން ގިނަގުނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި ކުލި ނުދައްކައިފިނަމަ ޖޫރިމަނާ ކުރަން އެޗްޑީސީން ނިންމުމަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އުފުލަން ޖެހޭ އިތުރު ތަކުލީފެއް ކަމެއް ކަމަށެވެ.

ކުލި ނެގުން ފަސްކޮށްދިން މުއްދަތު މިދިޔަ މަހުގެ ނިިޔަލަށް ވަނީ ހަމަވެފައެވެ. އަދި މި މަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގަމުންދާނެ ކަމަށް އެޗްޑީސީ އިން ބުނެފައެވެ.

ފިނިޝިން ނުނިންމާ ހަވާލުކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށާއި ފަސްކޮށް ދިނުމަށް އެކި ފަހަރު މަތިން ވަނީ ހިޔާ ޔޫނިއަން ތަކުން ސަރުކާރަށް ގޮވާލާގައެވެ. އަދި ފްލެޓް ސަރަހައްދުގައި ހިމޭން އިހުތިޖާޖުވެސް ވަނީ ކޮށްފައެވެ. އަދި ދާދި ފަހުން ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ގޮވާލާ ހިޔާ ފްލެޓް ލިބުނު މީހުން ވަނީ އެޗްޑީސީއަށް 1500 ސިޓީ ވެސް ހުށަހަޅާފައެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ. އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ އިރު، ފްލެޓުތަކުގެ މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް މަހަކު ޖުމްލަ 8500ރ. ދައްކަން ޖެހެއެވެ.