ލޯންޗް އޭގެ ބާރު ދުވެލީގައި ކަނޑުގެ ލޮނުގަނޑު ދެފަރާތަށް ކަފަމުން ހުދުފޮނު އަރުވަމުން އޮވެދެއެވެ. ހުދުފޮނުގަނޑު ފަހަތަށް ފަނޑުވަމުންދާ މަންޒަރު ބަލަން އިން އާރިޔަންއަށް އިހްސާސް ކުރެވެމުންދަނީ އެއީ އޭނާގެ ހަޔާތުގެ މާޒީވަމުންދާ ސަފްހާތައް ކަމުގައެވެ. އޭނާގެ މާޒީޔާ ދޭތެރޭ ފުންކޮށް ވިސްނާ ހިޔާލުކުރެވެންފެށީ ދިރިއުޅުމުގެ އަޑިގުޑަން މަގުތައް ކަޑައްތުކުރަމުން ގޮސް އޭނާގެ އުމުރުން 25 އަހަރު ފާއިތުވެގެން ދިޔަފަހުންނެވެ. ކުޑަކުއްޖެއްގެ އުމުރުން ޒުވާނެއްގެ އުމުރަށް އޭނާ ބަދަލުވެއްޖެއެވެ. އުމުރުން އެންމެ އަށާރަ އަހަރު ފުރުނު ތަނާ ވެއްޓުނީ އަޑިނޭގޭ ފުން ވަޅުގަނޑަކަށެވެ. މަންމަޔާއި ބައްޕަ ވަކިވެފައި ވުމުން އުޅު

ނީ މަންމަޔާއި ދޮންބައްޕަގެ ކައިރީގައެވެ. މަންމަ ދެވަނަ ކައިވެންޏެއް ކުރީ އާރިއަންގެ އުމުރުން ހަތަރުވަރަކަށް އަހަރުގައެވެ. ފަހުން މަންމަޔަށް ފުލުފުލުގައި ކުދިން ލިބެން ފެށުމުން އާރިޔަންއަށް މާބޮޑު އަޅާލުމެއް ނުދެވެއެވެ. ދޮންބައްޕަޔަށް ލިބޭއެއްޗަކުން ހަތަރު ކޮއްކޮޔާއި އާރިޔަންގެ ހަރަދުތައް ބެލެހެއްޓެނީ ކިރިޔާއެވެ. ބައްޕަގެ އަޅާލުމެއް އަމުދުން ނުލިބޭ އާރިޔަންއަށް އެ އުމުރުގެ ކުދިންނަށް ބޭނުންވާ އެއްވެސް އެއްޗެއް ނުލިބެއެވެ. ކިޔެވުމަށް މާބޮޑު ޝައުގުވެރިކަމެއް ނެތަސް ސްކޫލަށް ވައްދާފައި ހުރުމުން ސްކޫލަށް ދިޔައެވެ. ބޮޑުވަމުން އައިވަރަކަށް ކޮށްކޮމެން ބެލުމުގެ ޒިންމާޔާ ކައިރިފިހާރަތަކުން ގެއަށް ކާއެއްޗެހި ގަނެހެދުމަކީ އޭނާގެ ޒިންމާޔަކަށް ވިއެވެ.

މިދުވަސްވަރު ބޭރުތެރެޔަށް ނިކުމެ އުޅެން ފުރުޞަތު ލިބުމުން ބޭރުތެރެއިން އެކިކަހަލަ ރައްޓެހިން ހޯދިއެވެ. ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ފެށީ އާއިލާއިން ނުލިބޭ ހިތްހަމަޖެހުން އެމީހުންގެ ފުށުން ލިބެންފެށުމުންނެވެ. އަށާރަ އަހަރު ފުރުނީމައި އަމިއްލަޔަށް ބޮޑުމީހަކަށް ވެގެން ސްކޫލަށް ދިއުންވެސް ހުއްޓާލިއެވެ. ހަމައިސްކޮޅަށް ދެމިލައި ޒުވާން އުމުރަށް އަޅާލިއިރު އޭނާއަކީ އިސްކޮޅުން ދިގު ހިމަތޮޅި ކުއްޖެކެވެ. ބައްޕަގެފަރާތުން ވާރުތަވި ރީތި ބޮޑު ދެލޮލާއި ދޮން ހަންގަޑުގެ ސަބަބުން ސިފަޔަށް އިތުރު ފުރިހަމަކަމެއް ލިބިފައިވެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާރިޔަށް ވެސް އޭނާޔާ އެއްފުރައިގެ ރަހުމަތްތެރިންނާއެކު ހުޅުމާލެއަށް ދިޔައެވެ. އެކިކަހަލަ ސަކަރާތްޖަހަމުން އެކި ތަންތަނުގައި ހިނގަމުން މީހުން ނޫޅޭ ފަޅުހިސާބަކަށް ދެވިއްޖެއެވެ. އެކިމީހުން އެކިކަހަލަ ވާހަކަ ދައްކަން ތިއްބާ އިރުއޮއްސި އަނދިރިވެއްޖެއެވެ. އެމީހުން އެހެން ތިއްބާ ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެން އެއަޑު އަންނަ ދިމާލަށް ދުއްވައި ގެންފިއެވެ. އަޑު އަންނަނީ ގަސްތަކުގެ ތެރެއިން ކަމަށްވާތީ އާރިއަންގެ ގްރޫޕްގައި ތިބި ފަސްކުދިން އެމީހުންނަށް ފާރަލުމަށް ގަސްތުކުރިއެވެ. އެއީ އާރިއަންމެންނަށްވުރެ ތަންކޮޅެއް ބޮޑެތި ކުދިންގެ ގްރޫޕެކެވެ. އެމީހުންނާއެކު އަންހެން ކުއްޖަކުވެސް ހުއްޓެވެ.

ފަސްމީހުންގެ މި ގްރޫޕް ވާގަނޑުތެރެއަށް ވަދެގެންދާތަން ފެނުމުން އާރިޔަންމެންވެސް އެމީހުންގެ ފަހަތުން ފާރަލަމުން އެމީހުން ކުރާކަމެއްބެލުމުގެ ޝައުގުވެރިކަމުގައި ބޮނދަމުން ދިޔައެވެ. އިސާހިތަކު ގަސްތަކުގެ ތެރޭގައި ހަމަޖެހިލާފައި އެމީހުން ގެނައި ފުޅިތައް ކަނޑަންފެށިއެވެ. އަދި ސިނގިރޭޓާއެކު ބޯންފެށީއެވެ. އަންހެންކުއްޖާވެސް އެމީހުންނާއި ބައިވެރިވެގެން އެމީހުންކުރާކަންތައްތައް ކުރަމުންދިޔައެވެ. އާރިޔަންމެންނަށް މިއީ އަދި ނުފެންނަ މަންޒަރަކަށް ވުމުން ބަލަންތިބީ ތަލިންކުޅުހިކިފައެވެ. އެގޮތުގައި ބައިގަޑިއިރުވެއްޖެއެވެ.

ދެ ފިރިހެނުންގެ ދެމެދުގައި ޒުވާބެއް އުފެދިއްޖެއެވެ. ޒުވާބު ހޫނުވެ އެކަކު އަނެއްކެއްގެ ލެޔަށް ފެންބޮވައިގެންފިއެވެ. އެކަކު އަނެކެއްގެ މޫނަށް ބަލަން ތިބީ ބިރުވެރިކަމާއެކުގައެވެ. އެކަކު އަނެކަކަށް ދެން ހަދަންވީ ގޮތަކާމެދު ސުވާލުކުރަން ފެށިއެވެ. ހިނގާ އަވަހަށް ކަނޑަން މިތަނުން. އެކަކު އެހެން ބުނުމުން ދެންތިބި ތިންމީހުންވެސް އޭނަގެ ފަހަތުން ދާން ހިނގައިގަނެފިއެވެ. އެމީހުން އަވަސްއަވަހަށް އެތަނުން ނުކުމެގެން އެމީހުންގެ ސައިކަލުތަކުގައި ދުއްވާލުމުން އާރިޔަންމެންގެ ގްރޫޕު ބޮދައިގެން ތިބިތަނުން ނިކުމެ އެމީހުން ކުރީ ކީއްތޯ ބަލަން އެމީހުން ތިބިތަނަށް ދިޔައެވެ. އެމީހުން ބޮއި ހުސްކޮށްފައި ހުރި ފުޅިތައް ނަގާ ވަސްބަލާ ހަދަންފެށީ އޭގައި ހުރީ ކޯޗެއްކަމެއްވެސް ނޭނގޭހާލުގައެވެ.

ތަނަށް ވެރިވެފައިވާ އަދިރިކަމުގެ ތެރެއިން ލެއިން ތަތްތެޅިފައި އޮތް ކުއްޖާ އެމީހުންނަށް ފެނުނީ އިރުކޮޅެއް ފަހުންނެވެ. އާރިއަން ގޮސް އެކުއްޖާގެ އަތުގައި ހިފަހައްޓާލިއިރު އަދި އެކުއްޖާގެ ފުރާނަހުރިކަން އެނގުނެވެ. ކައިރީގައި ތިބި އެހެން މީހުންނަށް އޭނަ ގޮވާލުމުން އެމީހުސްންވެސް އަތުވެއްޖެއެވެ. އެމީހުން އެދިޔައީ މިގޮލާ ގަޔަށް ވަޅިޖަހާފައި މިތަނަށް އެއްލާލާފައި، އެތަނުން އެކަކު ބުންޏެވެ. އަދި މަރެއް ނުވޭ! މެޔަށް ހަރާފައި ހުރި ވަޅިނައްޓާލަން ވަޅީގެ މުއްގަނޑުގައި އާރިޔަން ހިފިވަގުތު އެންމެންގެ ދެލޯ ބޮޑުވެގެންދިޔައީ ފުލުހުންގެ ވެހިކަލްގެ ސައިރެންސަރުގެ އަޑު އެދިމާއިން އިވެންފެށުމުންނެވެ.

ގަތްބިރުން ފަސްމީހުން ދުއްވައިގަތީ އެމިހަކާ އެމިހެއް ކިޔާފައެވެ. އެމީހުން ދުވާތަން ފެނި ޕޮލިހުންގެ ވެހިކަލް ވެސް އެމީހުންގެ ފަހަތުން ދުއްވާލިއެވެ. ނަމަވެސް އެމީހުން ޕޮލިހުންގެ އަތުގައި ނުޖެހި އެކިމީހުން އެކިތަންތަނަށް ވަދެ ފިލުމުން ޕޮލިސް ޖީޕް އަބުރާލާފައި ދިޔައީއެވެ. އަރިޔަން ވެސް ގޮސް ގެއެއްގެ ތެރެއަށް ވަދެފިލީއެވެ.

ނަމަވެސް އަނެއްދުވަހު އާރިޔަންއާ އޭނަގެ ގްރޫޕްގެ ކުދިން ހައްޔަރުކުރީ އެސަރަހައްދުން މަރާލާފައި އޮތް މީހަކު ފެނި އެމީހުންނަށް ތުހުމަތު ކުރެވިގެންކަމަށް ބުނެފައެވެ. އާރިޔަން އުފުރާލި ވަޅިވެސް އެސަރަހައްދުން ފެނިފައިވުމާއި އޭގައި އޭނަގެ އިގިލީގެ ނިޝާން ހުރިކަމަށް ބުނެ އޭނަގެ ބޮލުގައި މީހަކު މަރާލުމުގެ ތުހުމަތު އެޅުނެވެ. އާރިޔަން އެކަމަށް އިންކާރުކުރިނަމަވެސް ނުކުރާ ކުށެއް އޭނަގެ ބޮލުގައި އެޅުނެވެ.

މައްސަލަ އެގޮތްމިގޮތަށް ދިގުލަމުން ގޮސް ހަތްއަހަރު ދުވަހު ޖަލުގައި ހުންނަންޖެހުނީ އިންސާފުން ބޭރުންނެވެ. އެދުވަސްތަކުގެ ތެރޭގައި އާރިޔަންއާ އެއްގޮޅިއެއްގައި އުޅުނު އުމުރުން ދުވަސްވީ އިސްމާލްބެ ކިޔާ މީހަކާ ދިމާވިއެވެ. ޖަލުގައި ހޭދަވި ފުރަތަމަ ދުވަސްކޮޅުގައި އާރިޔަންއަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވިއެވެ. އަމިއްލަޔަށް މަރުވާންވެސް އެތަށްފަހަރަކު ހިތަށް އެރިއެވެ. އެހުރިހާ ކަމަކުން ސަލާމަތްކޮށްދިނީ އިސްމާއިލްބެއެވެ. އިސްމާލްބެއާ ދިމާވި ދިމާވުންވީ އާރިޔަންއަށް ދިރިއުޅުމާމެދު ވިސްނާލަން ލިބުނު ފުރުޞަތަކަށެވެ. ކުރިން އުޅެވެމުން އައި ވިޔާނުދާ ދިރިއުޅުމުން ރަނގަޅުމީހަކަށް ބަދަލުވުމަށް ލިބުނު ހިތްވަރަކަށެވެ. އިސްމާލްބެޔާއެކު އުފެދުނު ރަނގަޅު ގުޅުމުގެ ސަބަބުން ކަންހިނގާ ދިޔަ ހުރިހާ ގޮތެއް އާރިޔަން ވަރަށް ތަފްސީލުކޮށް ކިޔައިދިނުމުން އިސްމާއިލްބެގެ ރަހުމަތްތެރިއެއްގެ އެހީގައި އަލުން އެ މައްސަލަ ބަލައިދިނުމަށް ހުށައެޅިއެވެ.

އާރިޔަންގެ ނަސީބު އޭނަޔާ އެއްކޮޅަށް އެނބުރުނުކަހަލައެވެ. ހަމަ އެދުވަސްވަރު އާރިޔަންގެ ރަހުމަތްތެރި އަންމަޑޭޔަށް އެ ހާދިސާ ހިނގިދުވަހު އެތަނުން ފެނުނު މީހެއްގެ ފޯނު ފޮރުވާފައި އެތައް ދުވަހު ބޭއްވުމަށްފަހު، ފޯނު އަލުން ފެނި ހާވަމުން ދަނިކޮށް އޭގައިވާ ވީޑިއޯ ފެނުމުން އާރިޔަންގެ ރަހުމަތްތެރިޔާ ބޭނުންވީ އެ ވީޑިއޯ ހުށައަޅައިގެން އާރިޔަން ސަލާމަތްކުރެވޭތޯ ބެލުމަށެވެ. އެވީޑިޔޯއިން އެދުވަހުގެ އެ ހާދިސާ ވަރަށް ރަނގަޅަށް ދައްކުވައިދީފައިވެއެވެ. ކުށްކުރިމީހާ ކުށަށް އިޢުތިރާފް ވެސް ވެއްޖެއެވެ. އާރިޔަން ސަލާމަތްވުމަށް މެދުވެރިވީ ﷲގެ މިންވަރު ފުޅެވެ. އިންސާފުން ބޭރުން އޭނާ ޖަލަށް ލުމުން ހޭދަވި ދުވަސްތަކުގެ ބަދަލު ހޯދުމަށް ވެސް އިސްމާއިލްބެ އެހީތެރިވެދިނެވެ. ބަދަލު ލިބިއްޖެނަމަ އާރިޔަންއަށް މީހެއްގެ އެހީޔާ ނުލައި ދިރިއުޅެވޭ ވަރުގެ ފައިސާ ލިބޭނެއެވެ. ބޭނުންވަނީ އެފައިސާގެ އެހީގައި ރަނގަޅު މަސައްކަތެއް ފެށުމަށްފަހު އަމިއްލަ ދިރިއުޅުން ރަނގަޅުގޮތުގައި ހޭދަކުރުމަށެވެ. ލޯންޗް އޭގެ ބާރު ދުވެލީގައި އައިސް ތޮށިގަނޑާއި ގާތްކޮށްލިއެވެ.

އާރިޔަންގެ ހިޔާލުތައް އެއްފަރާތްކޮށްލުމަށް މަޖުބޫރުވުމުން ދަބަސް ހިފައިގެން އާރިޔަންވެސް ލޯންޗުން ފައިބައިފިއެވެ. އާރިޔަން ބަލާއައިސް ހުރި ކުއްޖާޔާއެކު ދިޔައީ އެއީ އިސްމާއީލްބެ ކުރި ވަސިއްޔަތެއްގެ ސަބަބުންނެވެ. އިސްމާއީލްބެ މަރުވީ އޭނަގެ ކުރިމަތީގައެވެ. އޭނަގެ އަތުގައި ހިފަހައްޓާލައިގެން އޮވެއެވެ. މަރުމަތީގައި އިސްމާއިލްބެގެ އެންމެ ފަހުގެ އެދުމަކަށްވީ އާރިޔަން ޖަލުން ސަލާމަތްވި ދުވަހަކުން އިސްމާއީލްބެގެ އަންހެނުންނާއި އަށާރަ އަހަރުގެ އަންހެން ދަރިފުޅުގެ ހާލުބެލުމަށެވެ. އަދި އެދަރިފުޅު މީހަކާ ނީދެ ހުރިނަމަ ކައިވެނިކުރުމަށެވެ. މިއަދު އޭނަ އެދަނީ އިސްމާއީލްބެގެ އެ އެދުން ފުއްދައިދިނުމަށެވެ. އައު އުންމީދެއްގައެވެ. އައު ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައެވެ.