ކޮންމަ އަހަރެއްގެ ރޯދަމަހަކީ މުސްލިމު އަޅުތަކުންނަށް މާތް ﷲ ސުބަހާނަހޫ ވަތައާލާއާ އިތުރަށް ގާތްވުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. އެކަލާނގެ އަމުރުކުރެއްވިހާ އެންމެހާ ރަނގަޅު އަމަލުތައް ގިނަގިނައިންކޮށް ނަހީކުރެއްވި ކަންކަމާ ދުރުވެ ހެއްދެވި ފަރާތުގެ ލޯބި ހޯދުމަށް ލިބޭ ފުރުސަތެއް ވެސްމެއެވެ. އެހެން ކަމުން މި ރޯދަ މަހު ތިބާއާއި އާލަމްތަކުގެ ވެރި ރަހްމާންވަންތަ ރަސްކަލާނގެއާ ދެމެދު އޮންނަ ގުޅުން އިހުނަށް ވުރެ ވަރުގަދަ ކުރުމަށް އަޒުމްކަނޑައަޅަމާ ހެއްޔެވެ. ތިރީގައި މިވަނީ މިކަމަށް ބާރު އަޅާނެ 5 ގޮތެކެވެ.

ކޮންމެ ދުވަހަކު ކީރިތި ޤުރުއާނުގެ އާޔަތެއް ދަސްކޮށް އެއަށް އަމަލުކުރަން މަސައްކަތް ކުރުން

މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ އުއްމަތަށް ނިއުމަތެއް ކަމުގައި ލެއްވެވި ކީރިތި ޤުރުއާނަކީ ތިބާގެ އާންމު ދިރިއުޅުމާ ގުޅުން ހުރި ގިނަ ކަންކަމެއް ބަޔާންވެގެންވާ މާތް ފޮތެކެވެ. އެފޮތުގައިވާ 6،236 އާޔަތުގެ ތެރެއިން ކޮންމެ އާޔަތަކީ ވެސް ހިކުމަތުން ފުރިފައިވާ އާޔަތްތަކެވެ. އެއީ މާތް ﷲ ތައާލާގެ ބަސްފުޅެވެ. އެހެން ކަމުން ރޯދަމަހުގެ ކޮންމެ ދުވަހަކު ޤުރުއާނުން އާޔަތެއް ދަސްކުރަމާ ހެއްޔެވެ.

އެއާޔަތުގެ މާނަ ކިޔާ އެކަމާ ވިސްނާ އަމިއްލަ ދިރިއުޅުމުގައި އެކަމަށް އަމަލުކުރާނެ ގޮތާ މެދު ވިސްނާ ހަދާށެވެ. އަދި މިއީ މާތް ﷲގެ ހަޒްރަތުން އައިސްފައިވާ ބަސްފުޅެއް ކަން އެނގޭ ހިނދު އޭނގެން ތިބާއަށް ލިބޭ ފިލާވަޅު ހޯދަން މަސައްކަތް ކުރާށެވެ.

ލިބިފައިވާ ރަހްމަތްތައް މަތިން ހަނދާކޮށް ޝުކުރުކުރުން

އަޅަމެންގެ ވެރި ރަސްކަލާނގެއަކީ އެންމެ ރަހްމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް ފުރަގަސްދޭ މީހުންނަށް ވެސް ﷲ ތައާލާ ރަހްމަތްތައް ދެއްވާ އިރު އެކަލާނގެއަށް ކުއްތަންވެ ތިބޭ އަޅުތަކުންނަށް ދެއްވާ ރަހްމަތްތައް ގިނަ ގުނައެވެ.

މާތް ﷲ ތައާލާ ދެއްވާފައިވާ ރަހްމަތްތަކަށް އަބަދު ޝުކުރުވެރިވާންވާނެ/ ފޮޓޯ: މުސްލިމް ވިލެޖް

ތިބާގެ ހަޔާތުގައި ދެއްވާފައިވާ މިފަދަ ރަހްމަތްތަކާ މެދު ވިސްނާށެވެ. ފުރިހަމަ ސިއްހަތަކެވެ. ލޯބިވާ އާއިލާއެވެ. ރަނގަޅު ތައުލީމެވެ. ވަޒީފާއެކެވެ. ނިދާލާނެ އެނދެކެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް އެއް ރަހްމަތެއް ހިޔާރުކޮށް އެކަމަށް ޝުކުރު އަދާކުރާށެވެ. ހަނދާން ކުރާށެވެ. ތިބާގެ އަތުގައި މިހާރު ހުރި ރަހްމަތްތައް ލިބޭތޯ ތާއަބަދު ދުއާ ކުރާނެ މީހުން ވެސް ވާނެއެވެ.

ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްގެ ސުންނަތުން ފިލާވަޅެއް ދަސްކުރުން

މިބިން މަތީ ކުރާ އަޅުކަންތަކުން ސަވާބު ހޯދާ ސުވަރު ގޭގެ ނިއުމަތް ލިބެން އޮތީ ރަސޫލާގެ ސުންނަތުގައި ވެސް ހިފައިގެންނެވެ. އެކަލޭނގެ ފާނަކީ މިބިން މަތީގައި ވެސް ހިންގެވި އެންމެ ފުރިހަމަ އިންސާނާއަށް ވާ އިރު އެކަލޭނގެ ފާނުގެ ހަޔާތުން ލިބޭ ފިލާވަޅުތައް އަބަދުވެސް ހިތުގައި ބަހައްޓަންވާނެއެވެ. ސުންނަތުން ލިބޭ ފިލާވަޅުތަކަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ނިޔާހަތަށް ބޭނުންތެރި ފިލާވަޅުތަކެކެވެ. މިގޮތުން، މައިންބަފައިންނާ މެދު ކަންކަން ކުރާނެ ގޮތާއި އަނބިމީހާއާއި ފިރިމީހާއާއި ދެމެދު ލޯބި އިތުރު ކުރާނެ ގޮތާ މިހެން ގޮސް އެތަށް ކަމެކެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު ވެސް އެކަލޭނގެފާނުގެ ހަޔާތުން ކޮންމެވެސް އެއް ކަމެއް ދަސްކޮށް އެކަމަށް އަމަލުކުރަމާތޯއެވެ.

ނަމާދު ދެކެ ލޯބިވުން

އަދުގެ ދުނިޔޭގައި ކޮންމެ ކަމެއްވެސް 'އަވަސް' ކުރަން ޖެހިފައިވާ ޒަމާނެއްގައި އިސްލާމް ދީނުގެ ދެވަނަ ރުކުން ކަމަށްވާ ނަމާދު ގާއިމުކުރުން އޭނގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަކީ ގިނަ އަޅުތަކުންނަށް އުނދަގޫ ކަމެކެވެ. އެހެން ކަމުން ގިނަ ފަހަރު ނަމާދު އަވަސް އަވަސްކޮށް ކޮށްލުމާ ގަޑިއަށް ނުކުރުމާ އެއްވެސް ފަރުވާއެއް ނެތި ކުރުމަކީ އާންމު ކަމެކެވެ.

އެމެރިކާގެ ނިއުޔޯކުގެ ޓައިމްސްކެއާގައި މުސްލިމުން މު ރޯދަމަހު ތަރާވީހު ނަމާދު ކުރަނީ / ފޮޓޯ: މުސްލިމް - ޓްވިޓާ

ވިސްނަންވީ ދުވާލުގެ ފަސް ވަގުތު ތިބާ ގިބްލައަށް ކުރިމަތިލައިގެން މިހުއްޓެނީ ތިބާ ހެއްދެވި ފަރާތަށް ކުއްތަންވުމަށްޓަކައި ކަމެވެ. އެހެން ނަމަވެސް އެނަމާދު އެންމެ ފުރިހަމަ ގޮތުގައި ކޮށްގެން ސަވާބު ވެސް ލިބޭނީ އަދި ފަރުވާ ކުޑަކޮށް ކޮށްގެން ސަވާބު މަދުވާނީ ވެސް ހުދު ތިމާއަށް ކަމަށެވެ. ތިބާ ނަމާދު ފަރުވާކުޑަކޮށް ކޮށްގެން މާތް ﷲ ތައާލާއަށް ލިބޭ އެއްވެސް ދެރެއެއް ނެތެވެ.

އެހެން ކަމުން ނަމާދަށް ތައްޔާރުވާށެވެ. ﷲ އަށް ޓަކައި ޒީނަތްތެރިވާށެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރާށެވެ. އަދި ކޮންމެ ހަރަކާތެއްގައި ކިޔާ އެއްޗެހި ދެނެގަންނާނެވެ. ސަޖިދައަށް ބޯ ބިންމަތީގައި ޖަހާ އިރު އެއަޅާ އެއޮންނަނީ މިބިންމަތީގައި އަޅަކު ﷲ ތައާލާއާ ގާތްވެވޭވެ އެންމެ ގާތުގައި ކަމަށްވާ އިރު އެހާލަތުގައި ﷲ ހަޒްރަތުން ފާފަށް ފުއްސެވުމަށް އެދި ދުއާކުރާށެވެ. ސުވަރު ގޭގެ ނިއުމަތް ދެއްވުމަށާއި ނަރަކައިގެ އަޒާބުން ސަލާމަތްކުރުމަށް އެދޭށެވެ.

ﷲ ތައާލާގެ ނަންތައް ދަސްކުރުން

ރޯދަމަހުގެ ތިރީސް ދުވަހުގެ ތެރޭގައި މާތް ﷲ ތައާލާގެ 99 ނަންފުޅު ހިތުން ދަސްކުރުމަކީ ކޮން ފަދަ ރީތި އަމަލެއް ހެއްޔެވެ. އެތަށް ލިރިކްސެއް ހިތުން ދަސްކުރެވޭ އިރު އެންމެ 99 ނަން އެއީ ހިތުން ދަސްކުރަން އުނދަގޫ އެއްޗަކަށް ނުވާނެއެވެ.

އެ 99 ނަން ހިތުން ދަސްކޮށްގެން ލިބޭނެ ފައިދާ ހަމަގައިމުވެސް އެތަށް ގުނައެއް ބޮޑެވެ. އަދި ތިބާއާ ހެއްދެވި ފަރާތާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ އެލޯބި އެތަށް ގުނައެއް އިތުރުވެގެންދާނެ ކަން ކަށަވަރެވެ.