ގަލޮޅު ދަނޑު ތަޅާލައި އެތަނުގައި ޒަމާނީ ފެންވަރަކަށް އާ ދަނޑެއް އަޅަން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ގުޅޭގޮތުން ސިޓީ ކައުންސިލާ މަޝްވަރާ ކުރިންތޯ ސުވާލުކުރައްވައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ގަލޮޅު ދަނޑު ތަޅާލައި އެތަނުގައި އާ ދަނޑެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ހާމަ ކުރައްވާފައެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ބަޖެޓް ކުރެވިގެން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން އަޅާ ދަނޑުގެ ކުރެހުންތައް މަހްލޫފް ވަނީ މިއަދު ޓްވީޓްވެސް ކުރައްވާފައެވެ.

އެ ޓްވީޓް ރީޓްވީޓް ކުރެއްވުމަށް ފަހު މަހްލޫފަށް ދެއްވި ރައްދުގައި މުއިއްޒު ވަނީ ގަލޮޅު ދަނޑު ހުރި ތަނުގައި އާ ދަނޑެއް ތަރައްގީކުރަން ސަރުކާރުން ނިންމުމުގެ ކުރިން ގަލޮޅުގެ ރައްޔިތުން ގާތު އަހާލިންތޯ އަދި ކައުންސިލާ އެކު މަޝްވަރާ ކުރިތޯ ސުވާލު ކުރައްވާފައެވެ. ހަމަ އެއާއެކު، ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމުމަކީ ރައްޔިތުންނާ ބީރައްޓެހި ކަމެއްގެ ގޮތުގައި މުއިއްޒު ވަނީ ސިފަކުރައްވާފައެވެ.

ބެލެވޭ ގޮތުގައި އާ ދަނޑުގައި 10،000 އާއި 12،000 މީހުންގެ ޖާގައެއް އޮންނާނެއެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ވަނީ 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދޭން ނިންމާފައެވެ. އެ އެހީގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް 45 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވުމުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ.